ދިގު ދެމިގެންދިޔަ ހަވާ އެރުވުމާއެކު ޝޯގައި ސަނަމް ދިވެހިން ލަވަ ކިޔައިފި

"ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ޝޯގެ ތެރެއިން -- ފޮޓޯ/ އެފްބީ

"ވިޒިޓް މޯލްޑިވްސް މިއުޒިކް ފެސްޓިވަލް" ޝޯގައި 18 މިނެޓަށް ދިގުދެމިގެން ދިޔަ ހަވަޔަކާއެކު އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސަނަމް ޕޫރީ ދިވެހިން ލަވަ ކިޔައިފި އެވެ.

މިރޭގެ ޝޯގައި ސަނަމް ދިވެހިން ލަވަކިޔާފައި ވަނީ ރާއްޖޭގައި މިހާރު ކުރިއަރަމުން އަން ލަވަކިޔުންތެރިޔާ މީރާ މުހައްމަދު މާޖިދާއެކު އެވެ.

"ތީ، ތީއެ މަގޭ އެންމެ އެދޭ، ހިތުގަމިވާ ވަރުދެން ބުނަންހޭ، ގޯހެއްހޭ މީ ހަދާ،"ސަނަމް

އެ ލަވަ ސަނަމް ކިޔާލި އިރު ދިވެހި ފަންނާނަކު ލަވަ ދިވެހި ލަވައެއް ކިޔުމާއި ވަކި ތަފާތެއް ވެސް ނެތެވެ. ބަސްތައް ބޭނުން ކުރުމުގައި ވެސް ރީތި ދިވެހި ބަހުން ވާހަކަދައްކާ މީހަކާ ތަފާތު ކަމެއް ނެތެވެ.

"އޯ އަންނާށޭ އިސްނަގާ ރޭ މިވަނީ ދަންވެފާ، ނުނިދޭނޭ މިރޭ އައިމާ ނޫނީ ކަލާ"ސަނަމް

އަރާގުގެ ހިންދީ ލަވަ "ތޫތޫހެ މެރީ" އެލަވަ މީރާ ވެސް ވަނީ ސަނަމްއާ އެކު ހިންދީން ކިޔާފަ އެވެ.

މިރޭގެ ޝޯ ބައްލަވާ ލެއްވުމަށް ރައީސް އަބްދުﷲ ޔާމީން އާއި އަނބިކަނބަލުން ފާތިމަތު އިބްރާހިމް އަދި ދެކަނބަލުންގެ ދަރިކަލުންގެ އިތުރުން ނައިބު ރައީސް އަހުމަދު އަދީބާއި ސަރުކާރާއި މުއައްސަސާތަކުގެ އިސްވެރިން ވެސް ވަނީ ވަޑައިގެންފަ އެވެ.

ފޯރިގަދަ ޝޯގެ ތެރެއިން ސަނަމްގެ ލަވައެއްގައި ބައިވެރިވެ ރައްޔިތުންގެ މަޖިލީހުގެ މަޖޯރިޓީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ލަވަކިޔުއްވާފަ އެވެ. އެއީ ނިހާނުގެ ފަރާތުން ފެނިގެން ދިޔަ ތަފާތު ހުނަރެކެވެ.

ފޯރިގަދަކޮށް ކުރިއަށް ދިޔަ އެ ޝޯ ބަލާލުމަށް އާންމުންގެ ގިނަ ބަޔަކު ވެސް ރާޅުގަނޑު ސަރަހައްދަށް ވަނީގޮސްފަ އެވެ. އާންމުންގެ ތަރުހީބުގެ އަޑުން މުޅިސަރަހައްދު ވަނީ ގުގުމާލާފަ އެވެ.

ސަނަމް ބޭންޑޫގެ އިތުރުން ރާއްޖޭގެ ބައެއް ބޭންޑުތަށްވެސް ވަނީ މިރޭގެ ޝޯގައި ހުށަހެޅުތަކެއް ހުށަހަޅާދީފަ އެވެ. އެގޮތުން ވިދަމުން އަންނަ ލަވަކިޔުންތެރިޔާ ޝަމްއޫން އާއި އޭނާގޭ ބޭންޑުގެ އިތުރުން ހަރުބީގެ ފޯރިގަދަ ހުށަހެޅުންތަކެއްވެސް ފެނިގެން ދިޔަ އެވެ.

ޝޯ ނިމުމާ ގާތްވެފައި ވަނިކޮށް ބަޑި ބޭހުގެ ކުޅިވަރު ރިޕޯޓަކުން ފައްޓަވައިދެއްވީ މެޑަމް ފާތިމަތު އިބްރާހިމެވެ. ބަޑީ ބޭހުގެ ކުޅިވަރު 18 މިނެޓަށް ދެމިގެން ދިޔަ އެވެ. އެވަގުތު ކޮޅުގެ ތެރޭގައި އާންމުންގެ ގިނަ ބަޔަކީ ހަވާގެ އެ ރީތި މަންޒަރު ފޯނުގައި ފޯޓޯއަކުން ސޭވްކޮށްލާފަ އެވެ.

comment ކޮމެންޓް