ނައިބް ރައީސްގެ ދައުވަތަކަށް ބިޕާޝާ އާއި ކަރަން ރާއްޖެ އަތުވެއްޖެ

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ބިޕާޝާ ބާސޫއާއި ކަރަން ސިންގް ގްރޯވާއާއެކު އެކު އެއާޕޯޓްގައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

ބޮލީވުޑްގެ މަޝްހޫރު ތަރި ބިޕާޝާ ބާސޫ އާއި އެކްޓާ ކަރަން ސިންގް ގްރޯވާ ރާއްޖެއަތުވެއްޖެއެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވީ، ބޮލީވުޑްގެ އެ ދެ ތަރިން ރާއްޖެ އައިސްފައިވަނީ ނައިބު ރައީސްގެ ހާއްސަ ދައުވަތެއްގެ މަތިން ކަމަށެވެ.

މިނިވަން 50 އާ ގުޅިގެން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ "ވިޒިޓް މޯލްޑިވްސް އިޔާ މިއުޒިކް ފެސްޓިވަލް"ގައި އެ ދެ ފަންނާނުންގެ ފެނިލުމެއް އޮންނާނެ ކަމަށް ޒިޔަތު ވިދާޅުވިއެވެ.

މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ޝޯގައި އިންޑިޔާގެ މަޝްހޫރު ބޭންޑް "ސަނަމް" ޕާފޯމް ކުރާނެއެވެ. އޭގެ އިތުރުން ރާއްޖޭގެ މަޝްހޫރު އާޓިސްޓުން ކަމަށްވާ މީރާ އާއި ޝިއުޒް އަދި ޝައްމޫންވެސް އެ ޝޯއިން ފެނިގެންދާނެ އެވެ.

އެމްއެމްޕީއާރްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ކަރަން ސިންގް ގްރޯވާއާއެކު އެކު އެއާޕޯޓްގައި -- ސަން ފޮޓޯ: ކިޔުންތެރިއެއް

މިއަހަރު ނެރުނު ބިރުވެރި ހިންދީ ފިލްމް "އެލޯން"ގެ ލީޑު ރޯލް ކުޅެފައި ވަނީ، ބިޕާޝާ ބާސޫ އާއި ކަރަން ސިންގް ގްރޯވާ އެވެ.

ބިޕާޝާ އަކީ ހިންދީ ފިލްމް "ރާޒް" އާއި "ޖިސްމް" ފަދަ ފިލްމުތަކުން މަޝްހޫރުކަން ހޯދާފައިވާ އެކްޓްރެސް އެކެވެ. އަދި ކަރަން ސިންގް ގްރޯވާ އަކީ ހިންދީ ޑެއިލީ ސޯޕްތައް ކަމަށްވާ "ދިލް މިލް ގައޭ" އާއި "ގަބޫލު ހޭ" ފަދަ ސީރީޒްތަކުން ފެނިގެންގޮސްފައިވާ އެކްޓަރެކެވެ.

comment ކޮމެންޓް