ބޮޑު މަންޒަރު ވަރަށް ސާފެވެ.

ރައީސް ނަޝީދު ދައްކަވާ ވަރަށް ރަނގަޅު ވާހަކައެއް އޮވެ އެވެ؛ އެއީ ސިޔާސީ މަސްރަހު އެންމެ ރަނގަޅަށް ވަޒަން ކުރެވޭނީ އިންތިހާބުތަކުން ކަމަށް ވިދާޅުވެ ދައްކަވާ ވާހަކަ އެވެ; ނިމިގެން ދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ކިތަންމެ ވަރަކަށް ނުފޫޒު ފޯރުވާފައި އޮތް ނަމަވެސް، ސިޔާސީ މަސްރަހު ވަކި އެނޫން ގޮތަކަށް ވަޒަން ކުރެވޭނެ އެހެން ގޮތެއް އޮތް ކަމަކަށް ނުފެނެ އެވެ. އަދި ހަމަ އެއާ އެކު އެ އިންތިހާބުން ވެސް ފިލާޅުތަކެއް ލިބުނު ކަން ވެސް ގަބޫލުކުރަން ޖެހެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަށް ސަރުކާރުން ކުރިމަތިލީ، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ހިލާފަށް މިވެނި ވަރަކަށް ގޮނޑި ކާމިޔާބު ކުރާނެ ކަމުގެ ގަދަ ބަސް ބުނުމަކާ ނުލަ އެވެ. ނަމަވެސް ސަރުކާރުގެ އެންމެ މަތީ ބާރުން ދެ ވާހަކައެއް ބުންޏެވެ؛ އެއް ވާހަކަ އަކީ އެ އިންތިހާބަކީ މި ސަރުކާރުގެ މެދުތެރެއިން ގެންނަވާނެ ކަމަށް ވައުދުވި، މިޑް ޓާމް އިލެކްޝަނަކީ އެ އިންތިހާބު ކަމަށް ބުނުމެވެ. އަނެއް ވާހަކަ އަކީ އެއާ މުޅިން އެއްގޮތް ނުވިއަސް ކޮންމެ ވެސް ވަރަކަށް "ގަދަ ވާހަކަ" އެކެވެ. އެ ވާހަކަ އަކީ ކައުންސިލް އިންތިހާބުން ޒައްރެއްގެ މިންވަރު ލިބުނަސް، ރާއްޖެ ބަދަލުކޮށްލައްވާނެ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަ އެވެ.

ރަނގަޅެވެ. އެމްޑީޕީން އެކަނި، ކޯލިޝަނަކާ ނުލައި 2009 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކޮށްގެން ހޯދި، ގޮނޑީގެ 32 ޕަސެންޓްގެ ވޯޓާ އަޅާބަލާ އިރު މި ފަހަރުގެ ނަތީޖާ އަކީ ތަފާތު ބޮޑު ނަތީޖާ އެކެވެ. ނަމަވެސް އެއީ ދެކޮޅަށް ވާހަކަ ދެއްކެން އޮތް ނަތީޖާ އެކެވެ. އެއް ނުކުތާ އަކީ، ސަރުކާރުގެ އާރާއި ބާރު ބޭނުންކޮށްގެން، އަދި ނުފޫޒުތަކުގެ ތެރޭގައި ބޭއްވި އިންތިހާބަކަށް މި އިންތިހާބުވުމެވެ. އަދި ސަރުކާރުން އަބަދު ވެސް ތަރުޖަމާ ކުރާ ގޮތަށް، 20 ނޫނީ 25 ޕަސެންޓްގެ މާޖިންއެއް ސަރުކާރު ހިންގާ ޕާޓީއަކަށް އޮންނާނެ ކަމަށް ދެކޭ ދެކުމަށް ބަލާ އިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ އަޅާބަލާ އިރު މިފަހަރުގެ އިންތިހާބަކީ ކުރިއެރުމެއްތޯ ވިސްނާލަން ޖެހެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބަކީ، އެ އިންތިހާބު ފެށެން ކައިރިވެފައި ވަނިކޮށް، ރައީސް ނަޝީދު ވިދާޅުވި "މެދު އިމްތިހާން" ކަމަށްވާ ނަމަ މި ސަރުކާރުގެ މަގުބޫލުކަން އޮތް ވަރު ވަރަށް ރަނގަޅަށް ވަޒަން ކުރެވެ އެވެ. ފޭލުވުން، އެބަސް އަޅުގަނޑު ބުނާކަށް ނެތީމެވެ. އެކަމަކު އިންތިހާބުގައި ވޯޓު ދިން މީހުންގެ 40 ޕަސެންޓް މީހުންގެ ތާއީދު ނުލިބުމުގެ އިތުރަށް، ދެކަފިވެ އަދި ލީޑަޝިޕަކީ ކޮބައިކަން ނޭނގޭ ހާލަތުގައި އޮތް ޑީއާރުޕީ އާ، ގޮނޑީގެ ގޮތުންނާއި މަގުބޫލު ވޯޓުން ފައިހަމަ ނުކުރެވުން އެއަށް ކިޔާނީ، ފޭލިވުންތޯ ނުވަތަ ދެން އެއަށް ކިޔާނީ ކޮން ބަހެއްތޯ ދަންނަވާކަށް އަޅުގަނޑަކަށް ނޭނގެ އެވެ.

އަޅުގަނޑު ދެބަހެއް ނުވަމެވެ؛ އެންމެ ބޮޑު ދެ ސިޓީ، މާލެ އާއި އައްޑޫ ގޮނޑި އާއި ވޯޓު ބޮޑު ތަފާތަކުން ކާމިޔާބު ކުރީ އެމްޑީޕީ އެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީ އަށް އެ ދެ ސަރަހައްދުން ލިބުނީ ގާތްގަނޑަކަށް ސުމެކެވެ. އެއީ ދެބަސް ނުވެވޭނެ ހަގީގަތެކެވެ. ނަމަވެސް އެއާ އެކު މާލޭގެ 60 ޕަސެންޓް މީހުން ވޯޓު ލުމަށް ނުނިކުތީ ކީއްވެތޯ އެއީ އެއާ ވިދިގެން އުފައްދަން ޖެހޭ ސުވާލެކެވެ. ތާރީހީ ވޯޓުގައި އެންމެ ހޭލުންތެރި މުޖުތަމުއު ދިރިއުޅޭ އަދި "ކްރީމް އޮފް ދަ ސޮސައިޓީ"ން ވޯޓުގައި ބައިވެރި ނުވުމުގައި ހަމަ ޔަގީނުން ވެސް ފޮރުވިފައިވާ މައްސަލަތަކެއް ހުންނާނެ އެވެ. ބޭރަށް ފެންނަން ހުރި ސަބަބުތަކަށް ބަލާ އިރު، ބުނެވޭނީ، ޕީއޭގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ގޮތަށް ވެރި ރަށުގައި އެންމެ ބޮޑު ދެ ޕާޓީ "ފޭލުވެފައި" ވުމެވެ. އޭގެ އިތުރުން "ބަދަލަކަށް" ވޯޓު ދިން މީހުންނަށް ދެ އަހަރުގެ ތެރޭގައި އެ ބަދަލު ނުފެނުނީ ކަމަށް ވެސްވެދާނެ އެވެ. އަދި އެ މީހުން އަނބުރާ ކުރީގެ ގޮތަށް ރުޖޫއަވުމަށް ބޭނުން ނުވީ ކަމަށް ވެސް ވެދާނެ އެވެ؛ އެއް ނަޒަރަކުން ބަލާއިރު، 60 ޕަސެންޓް މީހުން އިންތިހާބުގައި ވޯޓު ނުދީވާ އިރު، 40 ޕަސެންޓަށް އެ މީހުންގެ މައްޗަށް ގޮތް ކަނޑައަޅައި ކަންކަން ނިންމަށް ލިބޭ އިހުތިޔާރަކީ ކޮބައިތޯ ވެސް ހިސާބުގެ ނަޒަރަކުން އަދި ޑިމޮކްރަޓިކް ހަމަތަކުން ސުވާލު އުފެއްދިދާނެ އެވެ.

އެ ވާހަކަތައް ބަހައްޓާށެވެ. ބޮޑު މަންޒަރު ވަރަށް ސާފެވެ. އެއްވެސް ބަޔަކަށް ރައްޔިތުންގެ ސާދާ މެންޑޭޓެއް ނެތެވެ. މިއީ ވެރި މީހާ ތަންކޮޅެއް ކުރިން ވިދާޅުވި ގޮތަށް "ކަލޭ އެކަނި ތިޔަ ކަންތައް ކުރަން ނޫޅޭށޭ" ބުނި ގޮތަށް ދެ އަހަރު ފަހުން ވެސް ނުކުތް ހަމަ އެ ނަތީޖާ އެވެ. ސަބަބުތައް ދިރާސާ ކުރާށެވެ. އެންމެ ބޮޑު ދެ ޕާޓީގެ ޕޮލިސީ ވަނީ ފޭލުވެފަ އެވެ. ހަދަން ޖެހޭ ފަންޑިތަތައް ބަލައި އެއަށް އަޅަން ޖެހޭ ފިޔަވަޅުތައް އެނގޭނީ އެ ޕާޓީތަކުގެ ލީޑަރުންނަށެވެ. ކޮންމެ ޕާޓީއަކުން ކާމިޔާބަށް ދައުވާ ކުރިއަސް، ހިސާބުން ފެންނަ ނަތީޖާ އަކީ މިއީ އެވެ: ކޭކް ހިއްސާކުރުން ނޫން ގޮތެއް އަދި ނުފެނެ އެވެ. އުނދަގޫ ކަމެކެވެ. އެކަމަކު ބޮޑު މަންޒަރަކީ އެއީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް