ރައީސް ނަޝީދުގެ އެއްކޮށް ގޭ ބަންދަށް ބަދަލުކޮށްފި

ރައީސް ޔާމީން ރައީސް ކަމުގެ ހުވާ ކުރެއްވި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ސަލާމް ކުރައްވަނީ: -- ސަން ފައިލް ފޮޓޯ

ޓެރަރިޒަމްގެ ކުށުގައި 13 އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ހުކުމުގެ ބާކީ އޮތްބައި ގޭގައި ތަންފީޒް ކުރާ ގޮތަށް ނިންމައިފި އެވެ.

ވަގުތީ ގޮތުން ދެ މަސް ދުވަހަށް ގޭ ބަންދުގައި ހުންނެވި ރައީސް ނަޝީދު ހުކުމް ތަންފީޒުކުރަން އެއްކޮށް ގެއަށް ބަދަލުކޮށްފައިވާ ކަން ސަން އަށް ވަނީ ކަށަވަރުވެފައެވެ.

ރައީސް މުހައްމަދު ނަޝީދު ކުރިއަށް އޮތް ހަފްތާއެއްގެ ތެރޭގައި މިނިވަން ވާނެ ކަމަށްވެސް ވާހަކަތައް ދެކެވެއެވެ.

ގޭ ބަންދުގެ މުއްދަތުގައި ރައީސް ނަޝީދު ހުންނަވަނީ މ. ޔާގޫތުގޭގައެވެ. އެއީ އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ އަލީގެ ގެކޮޅެވެ.

ރައީސް ނަޝީދު 13 އަހަރަށް ޖަލަށްލާފައި ވަނީ އެމަނިކުފާނު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި ހުންނަވައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރުމަށް ސިފައިންނަށް އަމުރު ކުރެއްވި މައްސަލާގަ އެވެ.

ރައީސް ނަޝީދު ގޭ ބަންދަށް ބަދަލުކޮށްފައިވާއިރު އެމްޑީޕީގެ ޕާލަމެންޓުރީ ގުރޫޕުން މިހާރު ދަނީ ސަރުކާރުން އެދޭ ގޮތަކަށް މަޖިލީހުގައި ވޯޓް ދެއްވަމުންނެވެ.

ރައީސް ކަމާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރަށް ބަދަލު ކުރުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމާ އެއްކޮޅަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން ވޯޓު ދެއްވި ދުވަހު ރައީސް ނަޝީދު ވަނީ ދެ މަސް ދުވަހަށް ގޭ ބަންދަށް ބަދަލުކޮށްފަ އެވެ. ރައީސާއި ނައިބު ރައީސް ކަމަށް ކުރިމަތިލެވޭ އުމުރު 30 އަހަރަށް ކަނޑައެޅުއްވުމުން، މިހާރު ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު އައްޔަން ކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.

ނަޝީދުގެ ހުކުމުގެ ބާކީ ބައި އެއްކޮށް ގޭގައި ތަންފީޒު ކުރުމަށް ސަރުކާރުން މިއަދު ނިންމާފައި ވަނީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މަގާމުން ވަކިކުރުމަށް ސަރުކާރު ހިންގާ ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާ އެއްކޮޅަށް އެމްޑީޕީގެ މެމްބަރުން ވޯޓު ދެއްވާފައި ވަނިކޮށެވެ.

comment ކޮމެންޓް