އަތްތިލައެއް ދިރުވާފައި ބޭއްވުމަށް ފައިގައި ހަރުކޮށްފި

އަތް ފައިގެ ތެރެއަށް ލާފައި -- ފޮޓޯ: އެކްސްއެކްސްސީބީ

ނުރައްކާތެރި އެކްސިޑެންޓެއްގައި ފެކްޓްރީއެއްގައި މަސައްކަތްކުރާ މީހެއްގެ އަތްތިލަ ކުޑަހުޅުން ބުރިވުމުން އެ އެއަތްތިލަ 'ދިރުވާފައި' ބާއްވަން ވެގެން އެމީހާގެ އަމިއްލަ ފައިގައި ހަރުކުރުމަށް ޗައިނާ ޑޮކްޓަރުން ކާމިޔާބު އޮޕަރޭޝަނެއް ކޮށް، އެ އަތް އަލުން ގުޅުވައިފި އެވެ.

އެގޮތަށް އަތް ބާއްވަން ޖެހުނީ އެމީހާގެ އަތުގެ ނާރުތައް ރަނގަޅުވަންދެން ކަމަށް އެ އޮޕަރޭޝަން ކުރި ހޮސްޕިޓަލުން ބުނެ އެވެ. އަތް އަނެއްކާ ވެސް ގުޅުވާލެވެން އޮތީ އަތުގެ ނާރުތައް ރަނގަޅުވުމުންނެވެ.

އާއްމުކޮށް އިނގިއްޔެއް ލޭ ދައުރުވުމެއް ނެތި ދިރި އޮންނާނީ 10 ގަޑިއިރުކަމަށާއި ބުރިވެފައިވާ އަތެއް ލޭދައުރުވުމެއް ނެތި އޮންނާނީ އެއަށް ވުރެ ވެސް މަދު ވަގުތެއް ކަމަށް އެ އޮޕަރޭޝަން ކުރި ޑޮކްޓަރު ވިދާޅުވި އެވެ. އަދި ލޭދައުރުނުވެއްޖެ ނަމަ އަތުގެ ޓީޝޫތައް މަރުވެ އެ އަތް ބޭނުންނުކުރެވޭނެ ކަމަށް ވެސް އެ ޑޮކްޓަރު ވިދާޅުވި އެވެ. އެ އޮޕަރޭޝަންކޮށްފައި ވަނީ ހުނާން ޕްރޮވިންސްގަ އެވެ.

ޑޮކްޓަރުން އޮޕަރޭޝަން ކުރަނީ -- ފޮޓޯ: އެކްސްއެކްސްސީބީ

އެއް މަސް ފަހުން އެ އަތް ގުޅުވަން ދިހަ ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އަތުގެ އިނގިލަތައް މިހާރު ވެސް ހަރަކާތްކުރެވޭ ކަމަށާއި އެހެންނަމަވެސް އަތުގެ ފުރިހަ ބޭނުންކުރަން ވަގުތު ނަގާނެ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

ޗައިނާގެ ފެކްޓްރީ އެއްގައި މަސައްކަތްކުރާ ޒޯއީ ނަމަކަށް ކިޔާ މީހާގެ އަތް ބުރިވީ ކަރަންޓް ކީހެއްގައި އަތް ތާށިވެގެންނެވެ.

ޗައިނާގެ ޑޮކްޓަރުން މީގެ ކުރިން ވަނީ އެކްސިޑެންޓެއްގައި އިނގިލިތައް ބުރިވި އަންހެނެއްގެ އިނިގިލިތައް ވެސް ގުޅުވާލަ ދީފަ އެވެ.

comment ކޮމެންޓް