އޭން ކޮލިންސް: ފާފަ ފުއްސަވާތޯ ކުރި މަސައްކަތް ނިމުނީ އިސްލާމްވުމުން

އަހަރެންގެ އާއިލާ އަކީ ކްރިސްޓިއަން އާއިލާއެކެވެ. އަހަރަމެން ބޮޑުވަމުން އައިއިރު މިހާރަށް ވުރެ އެމެރިކާ މީހުން މާ ދީންވެރި އެވެ. ގިނަ އާއިލާތައް ކޮންމެ އާދިއްތަ ދުވަހަކުވެސް ޗާޗަށް ދެ އެވެ. އަހަރެންގެ އާއިލާ އަކީ އެހެން އާއިލާތަކަށް ވުރެ ބޮޑަށް ކްރިސްޓިއަންދީނަށް ލޯބިކުރާ އާއިލާއެކެވެ. އަހަރެންގެ މަންމަ ޗާޗުގައި ކިޔަވައިދެ އެވެ. އަހަރެން މަންމަ އަށް އެހީތެރިވީމެވެ.

އެންމެން ވެސް އުފަންވަނީ ފާފަވެރިންގެ ގޮތުގައިތަ؟

އަހަރެންގެ ސެކަންޑަރީ ސްކޫލް އުމުރުގައި ބައިބްލް އާއި ބެހޭ ދެއަހަރުގެ ޕްރޮގްރާމެއް ނިންމީމެވެ. ބައިބްލްގެ ބައެއް ބައިތައް އަހަންނަކަށް އެއްގޮތަކަށް ވެސް ފަހުމެއް ނުވިއެވެ. މިސާލަކަށް ބައިބްލްގައި ބުނާ ކޮންމެ މީހަކުވެސް އުފަންވަނީ ފާފަވެރިއެއްގެ ގޮތުގައި ކަން ގަބޫލުކުރަން އަހަންނަށް ދަތިވިއެވެ. އަހަރެންގެ ކުޑަކުޑަ ކޮއްކޮ އަކީ ފާފަވެރިއެއް ކަމަށް އަހަންނަށް ގަބޫލެއްނުކުރެވުނެވެ. އަދިވެސް ރަސޫލުބޭކަލުންނާއި ބެހޭގޮތުން ވެސް ބައިބްލްގައި އަހަންނަށް ގަބޫލުކުރަންދަތި ވާހަކަތަކެއް ހުއްޓެވެ. ކަލާނގެ އަކީ ތިން އެއްޗެއްގެ މައްޗަށްވާ ފަރާތެއްކަމަށް ކްރިސްޓިއަނުން ބުނާ ބުނުން ގަބޫލުކުރަން އަހަންނަށް ވަރަށް އުނދަގޫވި އެވެ. އެހެންނަމަވެސް އަހަންނަކަށް ސުވާލުކުރާކަށް ނުކެރެ އެވެ. އަހަރެން ބޭނުންވަނީ ރަނގަޅު އަންހެން ކުއްޖެއް ގޮތުގައި ހުންނާށެވެ. އެހެންނަމަވެސް އަހަރަމެން ކްލާހުގައި އުޅުނު ފިރިހެން ކުއްޖެއް ވަރަށް ސުވާލުކުރެ އެވެ. ޚާއްސަކޮށް ކަލާނގެ އާއި ބެހޭގޮތުންނެވެ. އެހެންނަމަވެސް އަހަރަމެން ހިތްހަމަޖެހޭ ކަހަލަ ޖަވާބެއް ނުލިބެ އެވެ.

ލެކްޗަރާއެއް ދުއާކުރަން ބުނި

އަހަރަމެން ކިޔެވި ޔުނިވާސިޓީ އޮފް މިޗިގަންގެ ޕްރޮފެސަރަކު އެއްކަލަ ސުވާލުތައް ކުރި ފިރިހެންކުއްޖާ ކައިރީ އޭނާއަށް އީމާންތެރިކަން ދެއްވާތޯ ދުއާ ކުރުމަށް ބުންޏެވެ. ހަގީގަތިގައި ޕްރޮފެސަރު މާނަ ކުރީ ކްރިއަސްޓިއަން ދީނުގެ ވާހަކައެވެ. ޕްރޮފެސަރު އެވާހަކަ ބުނީ އެހެންކުއްޖެއް ގާތު ނަމަވެސް، އަހަރެންވެސް އިމާންތެރިކަން ދެއްވާތޯ ދުއާ ކުރީމެވެ. ޔުނިވާސިޓީގައި އުޅެމުންދިޔަ ދުވަސްވަރު އަހަރެން ދީންތަކާއި ބެހޭގޮތުން ދިރާސާކުރަން ފެށީމެވެ. ބުދު ދީނާއި ހިންދޫ ދީނާއި މިނޫން ވެސް އެހެންދީންތައް އަހަރެން ދިރާސާކުރީމެވެ. އެހެންނަމަވެސް އަހަންނަށް ހިތްހަމަޖެހޭ ފަދަ ޖަވާބުތަކެއް ނުލިބުނެވެ.

ލީބިޔާގެ މުސްލިމަކާއި ދިމާވުން

އަހަންނަށް ލީބިޔާގެ މުސްލިމަކާއި ދިމާވި އެވެ. އޭނާ އިސްލާމްދީނާއި ގުރުއާނާއި ބެހޭ ގޮތުން އަހަންނާއި ވާހަކަ ދެއްކި އެވެ. އޭނާ އަހަރެންގެ ގާތު ބުނީ އިސްލާމްދީނަކީ ބާވާލެއްވި ދީންތަކުގެ ތެރެއިން އެންމެ ޒަމާނީ ދީން ކަމަށެވެ. އަހަންނަށް އަބަދުވެސް ވިސްނިފައި އޮތީ އެފްރިކާ އާއި މެދުއިރުމައްޗަކީ ތަރައްގީނުވާ ގައުމުތައް ހިމެނޭ ސަރަހައްދުތައް ކަމަށެވެ. އިސްލާމްދީނަކީ ޒަމާނީ ދީނެއް ކަމަށް އަހަންނަށް ގަބޫލެއް ނުކުރެވުނެވެ. އަހަރެންގެ އާއިލާއިން ލީބިޔާގެ މީހާ ގޮވައިގެން ޗާޗުގެ އަޅުކަންތައް ބަލާލަން ދިޔައިިމެވެ. އަޅުކަންތައް ދިޔައީ ވަރަށް ފުރިހަމައަށެވެ. އެހެންނަމަވެސް އަޅުކަންތައް ނިމުމުން އޭނާ ސުވާލެއް ކުރި އެވެ. "މި އަޅުކަންތައް ކުރަންވީ ގޮތް ބުނެދިނީ ކާކު؟" މިސުވާލުގެ ސަބަބުން އަހަރެން ރުޅިއަ އެވެ. އަދި ކުރީގެ ޗާޗްތަކުގެ ތާރީޚު އޭނާ އަށް ކިޔައިދިނީމެވެ. އެހެންނަމަވެސް މި ސުވާލާއި ދޭތެރޭ އަހަރެން ވިސްނަން ފެށީމެވެ.

އަންހެނެއްގެ ނާޖާއިޒް ފައިދާ ނެގުން

ކްރިސްޓިއަން ދީނުގެ ކަންތައްތަކާއި ބެހޭ ގޮތުން އަހަރެން ހިތުގައި ސުވާލުއުފެދިފައި އޮތަސް އަހަރެން ޗާޗަށް ދިއުން ހުއްޓައެއްނުލަމެވެ. އެހެންނަމަވެސް އަހަންނަށް ގަބޫލުކުރަން ދަތި ބައިތައް ބައިބްލް އިން ކިޔަވާއިރު އެބައިތައް އަހަރެން ނުކިޔަމެވެ. އަހަރެންގެ ވަރަށް ގާތް އަންހެނަކަށް ދިރިއުޅުމުގައި މައްސަލަތަކެއް ދިމާވި އެވެ. ކައިވެނީގެ މައްސަލަތަކެއް ދިމާވެގެންނެވެ. އެ އަންހެންމީހާ ޗާޗްގެ ފާދިރީ އާއި ބައްދަލުކުރިއެވެ. އެހެންނަމަވެސް ފާދިރީ އެ އަންހެންމީހާ ހޮޓަލަކަށް ގެންދިއުމަށް ފަހު އޭނާ އާއި ނަހަމަ ގުޅުމެއް ހިންގުމަށް މަސައްކަތް ކުރި އެވެ. ފާދިރީންނާއި ބެހޭގޮތުން އަހަރެންގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުވި އެވެ. ފާފަ ފުއްސެވުމަށް ފާދިރީ އެއް މެދުވެރިވާންޖެހޭނެ ކަމަށް އަހަންނަށް ގަބޫލެއްނުކުރެވެ އެވެ. އެއްވެސް މެދުވެރިއެއް ނެތި ކަލާނގެއަށް ފާފަ ފުއްސެވުމަށް ދެންނެވެންޖެހޭނެ ކަމަށް އަހަރެން ގަބޫލުކުރީމެވެ.

ގުރުއާން ކިޔަވަން ފެށުން

އަހަރެން ގުރުއާނުގެ ތަރުޖަމާއެއް ގަތީމެވެ. އަދި ގުރުއާން ކިޔެވުމަށް އަހަރެން އަށް އަހަރު ހޭދަ ކުރީމެވެ. އެ ދުވަސްތަކުގައި އެހެން ދީންތައް ވެސް އަހަރެން ދިރާސާކުރަމުން ދިޔައިމެވެ. އަހަރެންގެ ފާފަތައް ފުއްސަވާނެ ކަމާއި މެދު އަހަރެންގެ ހިތުގައި ސުވާލުއުފެދުނެވެ. ފާފަ ފުއްސަވާނެ ގޮތެއް ހޯދަން އަހަރެން ބޭނުންވި އެވެ.

މުސްލިކަމަށް ނުވެ ނަމާދުކުރަން ފެށުން

މުސްލިމުން ނަމާދުކުރާތަން އަހަންނަށް ޓީވީން ފެނުނެވެ. އަދި ނަމާދުކުރާނެ ގޮތް ބުނެދީފައި އޮތް ފޮތެއް ގަތީމެވެ. އަދި އަހަރެން އެ ފޮތުން ދަސްކޮށްގެން ނަމާދުކުރަން ފެށީމެވެ. އެތައް އަހަރެން ވަންދެން ސިއްރިޔާތުގައި އަހަރެން ނަމާދުކުރީމެވެ. އަދި ގުރުއާނުގެ އިނގިރޭސި ތަރުޖަމާގެ ބައެއް އަހަރެން ހިތު ދަސްކުރީމެވެ. އަހަންނަށް ގުރުއާނުން މި އާޔަތް ފެނުނެވެ.

" މިއަދު، ތިޔަބައިމީހުންގެ دين، ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި ތިމަންރަސްކަލާނގެ نعمة، ތިޔަބައިމީހުންގެ މައްޗަށް ތިމަންރަސްކަލާނގެ ފުރިހަމަކޮށްދެއްވައިފީމެވެ. އަދި إسلام دين ތިޔަބައިމީހުންނަށް دين އެއްކަމުގައި، ތިމަންރަސްކަލާނގެ ރުހިވޮޑިގެންފީމެވެ."

އަހަރެން އުފަލުން ރުއީމެވެ. އަދި މި އާޔަތަކީ ސީދާ އަހަންނަށް މުޚާތަބުކުރާ އާޔަތެއް ކަމަށް ގަބޫލުކުރީމެވެ.

މިސްކިތަށް ސީޓީ އެއް ފޮނުވާ އިސްލާމްވުން

އަހަރެން މިސްކިތަކަށް ސިޓީ އެއް ފޮނުވީމެވެ. އެ ސިޓީގައި ﷲ މެނުވީ އިލާހަކު ނުވާ ކަމަށާއި އަދި މުހައްމަދުގެ ފާނު ( ސައްލައްﷲ އަލައިހި ވަސައްލަމް) އަކީ އެކަލާނގެ ރަސޫލާ ކަމަށް އަހަރެން ގަބޫލުކުރާ ކަމަށް ލިޔުނީމެވެ. އެ މިސްކިތުން އަހަންނަށް ގުޅިއެވެ. އަދި ފޯނުން އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔައި އިސްލާމްވީމެވެ. އަދި އަހަރެންގެ އިސްވެގޮސްފައިވާ ހުރިހާ ފާފައެއް ފުހެވިއްޖެ ކަމަށް އެ މިސްކިތުގެ އިމާމު ބުންޏެވެ. އަހަރެންގެ ބޮލުން ފާފައިގެ ބަރުކަން ފިލައިދިޔަ ކަމުގެ އިހްސާސްވި އެވެ. އެރޭ އަހަންނަށް ނުވެސްނިދެއެވެ. އަޑުންއަޑުނަގައި ރޮވުނީއެވެ. ﷲ ގެ މަތިވެރި ނަންފުޅު ކިޔަމުންނެވެ.

comment ކޮމެންޓް