ޑައުން ސިންޑްރޯމް ކުއްޖެއްގެ ކާމިޔާބު ވިޔަފާރި!

ލައުރާ ގްރީން: ޑައުން ސިންޑްރޯމް ހުރި ކުއްޖަކަށް ވުމުން ދިމާވި ތަފާތު ގޮންޖެހުންތަކާއެކު ވެސް އޭނާއަކީ މިއަދު ކާމިޔާބު ވިޔަފާރިވެރިއެއް -- ފޮޓޯ: ބީބީސީ

އުފެދުމުގައި ނުކުޅެދުންތެރިކަމެއް ހުރިނަމަވެސް ލައުރާ ގްރީންގެ ހުވަފެނަކަށްވީ އޭނާ އަމިއްލަ ވިޔަފާރިއެއް ކޮޅަށް ޖެހުމެވެ. ކިޔެވުމުގެ ވަކި ހިސާބަކުން ކޮލެޖް ދޫކޮށްލަން ޖެހުނީ، އެކުގައި ކިޔަވަން އުޅުނު ކުދިންގެ ފަރާތުން ލިބެމުންއައި ފުރައްސާރައާއި ހަނގާ ކުރުމުގެ ސަބަބުން އިތުރު ގޮތެއް ނެތިގެން ކަމަށް މިހާރު އުމުރުން 28 އަހަރުގެ ކާމިޔާބު ވިޔަފާރިވެރިޔާ ބުންޏެވެ.

"އަހަރެން ބޭނުން ނުވި އަސްޑާގައި މަސައްކަތްކުރާކަށް. އަހަރެން ބޭނުންވީ އަހަރެންގެ އަމިއްލަ ވިޔަފާރިއެއް ފަށަން،" އިނގިރޭސި ވިލާތުގެ ޗެޝަޔާގެ ޓައުނެއް ކަމަވާ ރަންކޮންއަށް ނިސްބަތްވާ ގްރީން، އޭނާ އިނގިރޭސި ވިލާތުގެ މަޝްހޫރު ސުޕަމާކެޓް ކުންފުނި އަސްދާގައި މަސައްކަތްކުރާން ބޭނުންނުވި ސަބަބު ބީބީސީއާ ހިއްސާކުރަމުން ބުންޏެވެ.

ގްރީން ބުނީ، އޭނާއަކީ ޑައުން ސިންޑްރޯމް މީހަކަށް ވުމުން، އޭނާގެ ކިބައިގައި ވިޔަފާރިއެއް ފަށާނޭ ގާބިލުކަން ހުރެދާނޭ ކަމަށް ގަބޫލުކުރަންވެސް މީހުން ބޭނުން ނުވާ ކަމަށެވެ.

"ސްކޫލްގައި ވެސް އަހަރެންނަށް ކެރިއަރ ޕްލޭނެއް ނޯވޭ. އެއް ގްރޭޑުން އަނެއް ގްރޭޑަށް ބަދަލުވަންދެން އަހަރެންގެ ކަމަކީ ވަގުތު ބޭކާރުކުރުން. އެގޮތަށް ތިން އަހަރު ސްކޫލްގައި ހޭދަކުރުމަށް ފަހު އަހަރެން ބުނިން ދެން އިތުރަށް މިތާ އުޅޭކަށް ބޭނުމެއް ނޫނޭ،" ސްކޫލް ދުވަސްވަރު އެކުގައި އުޅުނު ކުދީންގެ ފަރާތުން ބުލީކުރުމާއި އެނޫންވެސް އުނދަގޫތައް ކުރިމަތިވަމުން ދިޔަކަން ފާހަގަކުރަމުން ގްރީން ކިޔައިދިނެވެ.

ގްރީން ބުނީ، އޭނާ ކޮލެޖުން ވަކިވުމަށް ފަހު، މުސްތަގުބަލުގައި ކުރާނޭ ކަމަކާގުޅޭ ގޮތުން އެކުވެރީންނާ އާއިލާއާ އެކު މަޝްވަރާކުރުމުގައި ވަގުތުތައް ހޭދަކުރި ކަމަށެވެ.

"އަހަރެން އެންމެ ފަހުން ނިންމީ، އަހަރެން ފެޝަންގެ ދާއިރާގައި މަސައްކަތްކުރަން. އެކަމަކު އެހެން މީހެއްގެ ވިޔަފާރިއެއްގައެއް ނޫން، އަހަރެން އަމިއްލައަށް ފެޝަން އެކްސެސަރީސް ވިއްކަން ނިންމިން. އެކަން އަހަރެން ކާމިޔާބުކުރިން،" ތަފާތު ފެޝަންތަކާ ގުޅޭ ގަހަނާއާއި އަތްދަބަހާ އަދި އެނޫން ވެސް އެފަދަ ތަކެތީގެ ވިޔަފާރި މިހާރު ކުރަމުން ގެންދާ ގްރީން އޭނާގެ ހަޔާތުގެ ވާހަކަތައް ބީބީސީއަށް ކިޔައިދިނެވެ.

ލައުރާ ބުނީ، އޭނާ ކޮލެޖްގައި އުޅުނު އިރު ކުދީން އޭނާ ބްލީކުރުމުން އެތަނުން ވަކިވެ ވަޒީފާއެއް ހޯދުމަށް އެކި ތަންތަނަށް ސީވީ ހުށަހެޅުމުން އެއްވެސް ދިމާއަކުން ރަނގަޅު ގޮތެއް ނުފެނުމުން ދެން މަސައްކަތްކުރީ ރީޓެއިލް ވިޔަފާރިއާ ބެހޭ ދިރާސާތަކެއް ކުރުމަށް ކަމަށެވެ. އެގޮތުން އެކަމުގެ ބައެއް ތަޖްރިބާކާރުންނާ އެކު މަސައްކަތްކޮށް، އެންމެފަހުން "ޖުވެލްރީ" ގަހަނާގެ ވިޔަފާރިއަށް ޝައުގުވެރިކަން އުފެދުނީ ކަމަށެވެ.

ސްކާފާއި، ޒީނަތްތެރިވުމަށް ބޭނުންވާ އެކިވައްތަރުގެ ގަހަނާތަކުގެ އަމިއްލަ ވިޔަފާރި އެއްކުރަމުން ގެންދާ ލައުރާ ގްރީން ބުނީ، "އަހަރެން އެންމެ ގަޔާވާ އެކައްޗަކީ ބޮލަށް ޖަހާ ޓައީ،" ކަމަށެވެ. އަދި މިހާރު އޭނާއަށް އެހީތެރިވުމަށް ދެ ޕާސަނަލް އެސިސްޓެންޓުން ތިބޭ ކަމަށްވެސް އޭނާ ބުންޏެވެ.

ލައުރާ ބުނީ، އޭނާގެ އެ ހިތްވަރާއި އަޒުމަކީ، އަދުގެ ޒުވާން ކުދީންނަށް އިބްރަތެއް ލިބޭނޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށެވެ. އަދި މިހާރު ބޭނުންވަނީ، ވިޔަފާރީގެ ދާއިރާއިން އިތުރަށް ތައުލީމު ހާސިލްކުރަން ކަމަށް އޭނާ ބުންޏެވެ.

ޑައުން ސިންޑްރޯމަކީ ކުއްޖެއް އުފެދުމުގައި އެ ކުއްޖެއް 21 ވަނަ ކްރޮމޮޒޯމްގައި ތިން 'ކޮޕީ' އުފެދުމައް ދިމާވާ ޖެނެޓިކް ޑިސްއޯޑަ އެކެވެ. މާނައަކީ އާދައިގެ އިންސާނެއްގެ 46 ކްރޮމޮޒޯމް ހުންނަ އިރު، ޑައުން ސިންޑްރޯމް ހުންނަ ކުއްޖެއްގެ ހުންނަނީ އާދައިގެ އިންސާނަކަށް ވުރެ އެއް ކްރޮމޮޒޯމް ގިނަކޮށް، 47 ކްރޮމޮޒޯމެވެ.

ޑައުން ސިންޑްރޯމަކީ އަހަރަކު އުފަންވާ ކޮންމެ 1000 ކުއްޖެގެ ތެރެއިން އެއް ކުއްޖަކަށް ދިމާވާ ކަމަކަށްވާ އިރު، ޑައުން ސިންޑްރޯމަކީ އިންސާނުންނަށް އެންމެ އާއްމުކޮށް ދިމާވާ ކްރޮމޮޒޯމް އެބްނޯމަލިޓީ އެވެ.

comment ކޮމެންޓް