ފޭރުމުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ކޯޓު އޮފިސަރަކު ހައްޔަރު ކޮށްފި

ފުލުހުންގެ މައި އިދާރާ، ޝަހީދު ހުސައިން އާދަމް ބިލްޑިންގް -- ސަން ފައިލް ފޮޓޯ

ފޭރުމުގެ މައްސަލައަކާ ގުޅިގެން ހުޅުމާލޭ ކޯޓް އޮފިސަރު ހައްޔަރު ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ހުޅުމާލެއިން ކަމަށެވެ.

އުމުރުން 27 އަހަރުގެ އެމީހާ ހައްޔަރުކޮށްފައި ވަނީ މިދިޔަ މޭ މަހު ހަތަރު ވަނަ ދުވަހު، އަމީރުއަހުމަދުމަގުން ސައިކަލެއްގައި ދިޔަ މީހެއްގެ އަތުން 70،0000 ރުފިޔާ ފޭރުނު މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރު ކުރި 27 އަހަރުގެ މީހާއަކީ ހުޅުމާލޭ ކޯޓު އޮފިސަރުގެ މަގާމުގައި ހުރި މީހެކެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފަ އެވެ.

އެ މައްސަލައާ ގުޅިގެން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން 18 އަހަރުގެ ދިވެހި ފިރިހެނަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ އަދިވެސް ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. އެމީހާގެ ބަންދަށް އެންމެފަހުން ކޯޓުން ދީފައިވާ 10 ދުވަހުގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

އެ ދުވަހު ފޭރިފައިވަނީ ކުންފުންޏެއްގެ މުވައްޒަފަކު އެ ކުންފުނީގެ ބޭންކް އެކައުންޓުން ނެގި ފައިސާ ހިފައިގެން ސައިކަލުގައި ދަނިކޮށް ސައިކަލެއްގައި ދިޔަ ދެމީހަކު ވެގެންނެވެ.

comment ކޮމެންޓް