ހަރުބީއަށް އަނެއްކާވެސް މެލޭޝިއާގައި ބާއްވާ ބޮޑު މިއުޒިކް ފެސްޓިވަލަކުން ފުރުސަތު ލިބިއްޖެ

މިނިވަން ފަންސާހާ ގުޅިގެން ޖުމްހޫރީ މައިދާނުގައި ބޭއްވި ޝޯއެއްގައި ހަރުބީ ކުޅެނީ -- ފޮޓޯ ހަރުބީ އެފްބީ ޕޭޖް

މެލޭޝިއާގެ ސަރަވަކް ކަލްޗަރަލް ވިލެޖްގައި އަންނަ މަހު ބާއްވާ ބޮޑު މިއުޒިކް ފެސްޓިވަލެއްގައި ކުޅުމުގެ ފުރުސަތު ރާއްޖޭގެ ބޮޑު ބެރަށް އިންގިލާބެއް ގެނެސްދިން ހަރުބީ ބޮޑުބެރު ގްރޫޕަށް ލިބިއްޖެ އެވެ.

ސަރަވަކް ޓޫރިޒަމް ބޯޑުން އިންތިޒާމްކޮށްގެން "ރެއިން ފޮރެސްޓް ވޯލްޑް މިއުޒިކް ފެސްޓިވަލް"ގެ ނަމުގައި ބާއްވަމުން އަންނަ މި ފެސްޓިވަލް މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 7 އިން 9 އަކަށެވެ.

މިއަހަރުގެ ފެސްޓިވަލްގައި ދުނިޔޭގެ އެކި ގައުމުތަކުން 23 މިއުޒިކް ބޭންޑެއް ބައިވެރިވާނެ އެވެ. މި ފެސްޓިވަލްއަކީ ދުނިޔޭގައި ބާއްވާ މިފަދަ މިއުޒިކް ފެސްޓިވަލްތަކުގެ ރޭންކިންގް ގެ 25 ވަނަ މަގާމު ހޯދާފައިވާ މިއުޒިކް ފެސްޓިވަލެވެ.

މިދިޔަ އަހަރު މެލޭޝިއާގައި ބޭއްވި ރެއިން ފޮރެސްޓް މިއުޒިކް ފެސްޓިވަލްގެ ތެރެއިން --

ހަރުބީގެ އޮފިޝަލަކު މިރޭ 'ސަން' އަށް މައުލޫމާތު ދެމުން ބުނީ އެ ފެސްޓިވަލްގައި ކުޅުމުގެ ފުރުސަތު ހަރުބީ އަށް ހޯދައިދިނީ އަބްދުﷲ ކަލީމް، އަސާސީ ރިކޯޑްސް އިން ނެވެ. އެ ފެސްޓިވަލްގައި ބައިވެރިވުމަށްޓަކައި ހަރުބީ މެލޭޝިއާ އަށް ފުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

ހަރުބީ މާލޭގައި ބޭއްވި ޝޯއެއްގައި ކުޅެނީ -- ފޮޓޯ ހަރުބީ އެފްބީ ޕޭޖް

މި ފެސްޓިވަލްގައި ބައިވެރިވާ ގައުމުތަކުގައި ރާއްޖޭގެ އިތުރުން މެލޭޝިއާ، ސްޕެއިން، ސްކޮޓްލޭންޑް، ގެންބިއާ، އޮސްޓްރޭލިއާ، އިންޑޮނޭޝިއާ، ޖޯޖިއާ، ޓިއުނީޝިއާ، މެކްސިކޯ، ފްރާންސް، އިތިއޯޕިއާ، މޮރޮކޯ، މޮންގޯލިއާ، ޕޮލޭންޑް އިންޑޮނޭޝިއާ ފަދަ ގައުމުތައް ހިމެނެ އެވެ. ގައުމުތަކުން ބައިވެރިވާ ގްރޫޕްތަކާއި މެލޭޝިއާގެ މިއުޒިކް ގްރޫޕްތަކުގެ ހުރިހާ ކަމެއްބަލަހައްޓާނީ އެ ޖަމިއްޔާ އިންނެވެ.

މެލޭޝިއާގައި މިދިޔަ އަހަރު ބޭއްވި ރޯޔަލް ބެލަމް ވޯލްޑް ޑްރަމް ފެސްޓިވަލްގައި ހަރުބީ ބޮޑު ބެރު ގްރޫޕް -- ފޮޓޯ ހަރުބީ

މީގެކުރިން ވެސް ރާއްޖޭން ބޭރުގައި ބާއްވާފައިވާ އެފަދަ ބައެއް ޝޯތަކުގައި ކުޅުމުގެ ފުރުސަތު ހަރުބީއަށް ވަނީ ލިބިފަ އެވެ. އެގޮތުން މެލޭޝިއާގެ ސަރުކާރުން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ "ރޯޔަލް ބެލަމް ވޯލްޑް ޑްރަމް ފެސްޓިވަލް" ގައި ހަރުބީ ވަނީ މިދިޔަ އަހަރު ބައިވެރިވެފަ އެވެ.

މިދިޔަ އަހަރު ބޭއްވި ރެއިން ފޮރެސްޓް މިއުޒިކް ފެސްޓިވަލްގެ ތެރެއިން --

ރެއިން ފޮރެސްޓް މިއުޒިކް ފެސްޓިވަލަކީ ފާއިތުވި 10 އަހަރުން ފެށިގެން އަހަރަކު އެއް ފަހަރު މެލޭޝިއާގައި ބާއްވަމުން އަންނަ ފެސްޓިވަލެކެވެ. މި ފެސްޓިވަލް ކުރިއަށްދާ ތިން ދުވަހު މިއުޒިކާ ބެހޭ މައުލޫމާތުދިނުމަށް ވޯކްޝޮޕްތަކާއި ކްލާސްތަކާއި ޖޭމިންގް ސެޝަންތަކާއި މިނީ ކޮންސެޓެއް ވެސް ކުރިއަށްދާނެ އެވެ. އަދި ރޭގަނޑު އޮންނަ މިއުޒިކް ޝޯއަކީ އެ ފެސްޓިވަލްގައި އެންމެ ތަރުހީބު ބޮޑު އެއް އިވެންޓެވެ. އެ ފެސްޓިވަލަށް އަހަރު 30،000 އެއްހާ މިހުން ޖަމާވެ އެވެ.

comment ކޮމެންޓް