ސެރަންޓޯނިއޯ: ދީން ކިޔަވަން ފެށީ މުސްލިމަކު ޢީސާ ޢަލައިހިއްސަލާމަށް ނުބައިބަސް ބުނުމުން

މޫސާ ސެރެންޓޯނިއޯ އަކީ އޮސްޓްރޭލިއާގެ މެލްބަން އަށް އުފަން ބޭފުޅެކެވެ. އޭނާގެ މަންމައާއި ބައްޕައަކީ ނަޞާރާދީނަށް ތަބާވާ އިޓަލީގެ ދެމީހުންނެވެ. އޭނާ އިސްލާމްވެވަޑައިގެންނެވީ އުމުރުފުޅުން 17 އަހަރުގަ އެވެ.

އިސްލާމްދީނަށް ގޮވައިލެއްވުމުގެ މަސައްކަތް މިހާރު ބުރަކޮށް ކުރައްވަމުން ގެންދަވާ މޫސާ ސެރެންޓޯނިއޯ އަށް އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވި ގޮތް އޭނާ ވަނީ މަޝްހޫރު ޕީސް ޓީވީގައި 2012 ވަނަ އަހަރު ދެއްވި ތަޤުރީރެއްގައި ވިދާޅުވެދެއްވާފަ އެވެ.

އެތަގުރީރުގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި އޭނާއާއި އޭނާގެ އާއިލާއަކީ ނަޞާރާއިން ކަމަށް ވިޔަސް އެދީނަށް މާ ފަރުވާތެރިވި އާއިލާއެއް ނޫނެވެ. އެދީނުގެ ކަންތައްތަކުގެ ތެރެއިން އެއާއިލާއިން ކުރަމުން އައީ މަދު ކަންތައްތަކެކެވެ.

"... އަހަރެމެން ޗާޗަކަށް ނުދަން ކްރިމަސް ނުވަތަ އީސްޓާގައި ނުވަތަ ކޮންމެވެސް މީހަކު މަރުވެގެން (ޖަނާޒާއަށް) ނުވަތަ މީހަކު ކައިވެނިކޮށްގެން ނޫނީ. ހުރިހާ ގޮތަކުން ވެސް ދީނަކީ އަހަރެމެންގެ އާއިލާގެ ދިރިއުޅުމުގެ ބައެއް ނޫން،" އޭނާ ވިދާޅުވެފައިވެ އެވެ.

ނަމަވެސް ސްކޫލުގައި ބައެއް ފަހަރު ބައިބުލް ކިޔާ އަޑު އިވި އަދި ބައެއް ފަހަރު ކިޔާލެވޭތީ އޭނާ އަށް ބައެއް ބައެއް ރަސޫލު ބޭކަލުންގެ ވާހަކަތައް ވަނީ އަޑު އިވިވަޑައިގެންފަ އެވެ. އަދި އޭރުވެސް އެބޭބޭކަލުންނަށް ލޯބި ކުރައްވާ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

"... ދީނުގެ ވާހަކަ ދެކެވޭ ހިނދުގައި، ދީނުގެ ވާހަކަތައް ކިޔައިލެވޭ ހިނދުގައި، އަހަރެން އެކަމަށް ވަރަށް ލޯބިކުރަމު. މޫސާ ޢަލައިހިއްސަލާމް، ޢީސާ ޢަލައިހިއްސަލާމް. އިބުރާހީމް ޢަލައިހިއްސަލާމް، އެހުރިހާ ބޭބޭކަލުން ދެކެ އަހަރެން ހަގީގައި ގަތުގައި ވެސް (އޭރުވެސް) ވަރަށް ލޯބިވޭ،" ދީނާއި މެދު އޭރު އެނގޭ މިންވަރު ކިޔައި ދެއްވަމުން ސެރެންޓޯނިއޯ ވިދާޅުވެފައި ވެއެވެ.

މޫސާއަށް ނަޞާރާ ދީނާއި މެދު ވިސްނާ ވަޑައިގަންނަވަން ޖެހި ވަޑައިގެންނެވީ ސެކަންޑްރީ ސްކޫލަށް ދިއުމުންނެވެ. އޭނާއަށް ގުޅިވަޑައިގަންނަވަން ޖެހިވަޑައިގެންނެވީ ސޯޝަލިޒަމް ކުރިއަރުވާ ސްކޫލަކަށެވެ. ސޯޝަލިޒަމްގެ އެއް ގަބޫލު ކުރުމަކީ ކަލަކު ވޮޑިގެން ނުވާ ކަމުގެ ގަބޫލުކުރުމެވެ. އެމީހުން ދެކޭ ގޮތުގައި ކަލާންގެއަކީ އެމީހުން އުފަން ކުރުވި ފަރާތެކެވެ. އަދި އެމީހުން ވަނީ އެފަރާތް މަރާލާފަ އެވެ.

"... އަހަރެން އެކަމާ ވަރަށް ރުޅިއައި އެމީހުންގެ ވިސްނުމާ ދޭތެރޭ. އަހަރެން އެމީހުންނާ ޖަދަލުކުރުމުން އެމީހުންނަކަށް ނޯވޭ ދައްކާނެ ވާހަކައެއް ވެސް،" އޭނާ ވިދާޅުވެފައިވެ އެވެ.

ދީނެއް ގަބޫލުނުކުރާ މީހުންނާ ރަނގަޅަށް ޖަދަލު ކުރައްވަން ބޭނުންފުޅު ވެވަޑައިގެންނެވުމުން އޭނާ ފުރަތަމަ ކުރެއްވި ކަމަކީ ބައިބުލް ކިޔަވައި ވިދާޅުވުމެވެ. ބައިބުލް ކިޔަވައި ވިދާޅުވާން ފެށްޓެވުމުން އޭނާއަށް ލިބިވަޑައިގެންނެވީ ބޮޑު ހައިރާން ކަމެކެވެ. އެގޮތުން އޭނާއަށް އެނގިވަޑައިގެންނެވީ ބައިބުލްގައި ނަހީކުރެއްވި ކަމަށް ބަޔާން ކުރައްވާފައިވާ ގިނަ ކަންތައްތައް ނަޞާރާއިން ކުރަމުން ގެންދާ ކަމެވެ.

"...އަހަރެންގެ އާއިލާގައި ތިބި ދީންވެރި ކަމަށް ބުނާ ނަޞާރާއިން ސުވާލުކުރަން ފެށި، ކީއްވެހޭ ކަލޭ ތުނބުޅި ބަހައްޓަނީ؟ ކީއްވެހޭ ކަލޭ އޫރުމަސް ނުކަނީ؟ ކީއްވެހޭ ކަލޭ ރާ ނުބޮނީ؟" އަހަރެން ބުނިން ބައިބުލްގައި އެހެން އެކަންތައްތައް ކުރަން ބުނެފައި އޮތީމައޭ، އެމީހުން ބުނީ އެއީ އޯލްޑް ޓެސްޓްމެންޓޭ، އަހަރެމެން ތަބާވަނީ ނިއު ޓެސްޓްމެންޓަށޭ،" މިހާރުގެ ނަޞާރާއިންގެ ދެކޮޅު ނުޖެހޭކަން ފާހަގަ ކުރެއްވުނު ގޮތް ކިއުއްވައި ދެއްވަމުން ސެރެންޓޯނިއޯ ވިދާޅުވެފައިވެ އެވެ.

ނަޞާރާދީނުގެ ބާތިލު ގިނަ ކަންތައްތަކެއް ފާހަގަ ކުރެއްވުމަށް ފަހު އޭނާ އެދީނާ ވަރަށް ބޮޑަށް ފެޔަށް ޖެހިވަޑައިގެންނެވިއެވެ. އަދި އެއަށް ފަހު ތަފާތު ދީންތަކާއި ބެހޭ ފޮތްތައް ވިދާޅުވާން ފެށްޓެވި އެވެ.

އިސްލާމްދީނާއި ބެހޭ ގޮތުން މޫސާ ސެރެންޓޯނިއޯއާއި ފުރަތަމަ ވެސް ވާހަކަ ދެއްކީ އޭނާގެ އެކުވެރިއަކަށްވީ މުސްލިމެކެވެ. އެ އެކުވެރިޔާ އިސްލާމްދީނާއި ބެހޭ ގިނަ ވާހަކަ ތަކެއް ދެއްކުމަށް ފަހު މުސްހަފެއް އޭނާއަށް ހަދިޔާ ކުރިއެވެ.

"... އަހަރެން އެފޮތް ބޭއްވިން އަހަރެންގެ ކޮޓަރީގައި އަހަރެން ނުކިޔެވިޔަސް. އަދި އެއް ދުވަހަކު އަހަރެންގެ ބޭބެއަށް އެފޮތް ފެނުނު، އޭނާ ބުނި މީ ކޮން އެއްޗެއްހޭ، މިވާނީ ޤުރުއާނަށޭ. އޭނާ އެފޮތް ބޭރަށް ގެންދިޔަ، އަދި އޭނާގެ އެކުވެރިންނާއި އެކު އެ ފޮތް އަންދައިލި،" ސެރެންޓޯނިއޯ ވިދާޅުވެފައިވާ ގޮތުގައި އެހާދީސާއިން އޭނާއަށް އެނގިވަޑައިގެންނެވީ އިސްލާމްދީނަށް މީހުން ނަފުރަތު ކުރާ މިންވަރެވެ.

އެހެންވެ، އިސްލާމްދީނަށް ނުވަނުމަށް އޭނާ ގަސްދުކުރި އެވެ. އެހެން މުސްލިމް އެކުވެރިއަކާ ބައްދަލުވެވަޑައިގެންނެވީ އޭގެ ފަހުންނެވެ.

"... އޭނާ އޭނާގެ ޖާހިލުކަމުން ޢީސާ ޢަލައިހިއްސަލާމަށް ނުބައި ބަސްތައް ބުނަން ފެށި. އަހަރެން އެކަމާ ވަރަށް ރުޅި އައި. އަހަރެން ހިތަށް އެރި އަހަރެން އޭނާގެ ދީނާ ބެހޭ ގޮތުން ދިރާސާ ކުރާނަމޭ. އަދި އެއަށް ފަހު އެދީނަށް ހަމަލާ ދޭނަމޭ." އޭނާ ވިދާޅުވެފައިވެ އެވެ.

އެއަށް ފަހު އޭނާ އިސްލާމްދީނުގެ އިލްމު ވަރަށް ބޮޑަށް ހޯއްދެވި އެވެ. ކީރިތި ޤުރުއާނާއި ސަޙީޙު ބުޚާރީ ކިޔަވައި ވިދާޅުވިއެވެ. ނަމަވެސް ޤުރުއާނަކީ ﷲގެ ވަހީބަސްފުޅުކަން އޭނާއަށް ޔަގީން ކުރެއްވުނީ ( ޤުރުއާނުގެ މުޢުޖިޒާތްތައް) ނަމަކަށް ކިޔާ ފޮތެއް ވިދާޅުވުމުންނެވެ.

"... އެއީ ވަރަށް ބޮޑު ލައިބްރަރީއެއް. އަހަރެން ކިޔަން ފެށިން ފޮތެއް، އެއީ މިރަކުލްސް އޮފް ޤުރުއާން ( ޤުރުއާނުގެ މުޢުޖިޒާތްތައް) ނަމަކަށް ކިޔާ ފޮތެއް. އެފޮތް ކިޔަން ފެށުމުން އަހަރެންނަށް އެ ފޮތް ކިއުން ހުއްޓައެއް ނުލެވުނު. ފޮތް ކިޔައި ނިމުނު އިރު، ކުރިން އަހަރެންނަށް އެނގެނީ އިސްލާމްދީނުގައި ހަރާމްކަންމާއި ޙަލާލު ކަންކަމާއި މިކަހަލަ ކަންތައްތައް. ނަމަވެސް އެފޮތް ކިއުމުން އަހަރެންނަށް ޔަގީންވި އެފޮތަކީ ( ކީރިތި ޤުރުއާނަކީ) އެހެން އެއްވެސް ފަރާތެއްގެ ބަސްތަކެއް ނޫން ކަމާއި ﷲގެ ވަހީބަސްފުޅުކަން،" ސެރެންޓޯނިއޯ ވިދާޅުވެފައި ވެއެވެ.

އެހިސާބުން އޭނާ ޝަހާދަތުގެ ދެކަލިމަ ވިދާޅުވެ އިސްލާމްވެވަޑައިގެންނެވިއެވެ.

comment ކޮމެންޓް