ބަޖްރަންގީ ބައިޖާން ޕްރޮމޯޓްކުރަން ސަލްމާން ވީޑިއޯ ކޮންފަރެންސް ބޭނުންކުރަނީ!

ބަޖްރަންގި ބައިޖާންގައި ހިމެނޭ އީދު ލަވަ "އާޖްކީ ޕާޓީ"ލޯންޗުކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގައި ސަލްމާ ޚާން، ކަބީރު ޚާން، އަދި ޕްރިތަމް -- ފޮޓޯ: އިންޑިއަންއެކްސްޕްރެސް

އިންޑިއާގެ ސުޕަސްޓާރު ސަލްމާން ޚާންގެ އެންމެ ފަހުގެ ފިލްމް ބަޖްރަންގީ ބައިޖާން އަންނަ ފިތުރު އީދުގައި ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު އެހެން ފިލްތަކާ ޚިލާފަށް އެ ފިލް ޕްރޮމޯޓްކުރުމަށް އެހެން ސިޓީތަކަށް ދަތުރު ނުކުރަން ސަލްމާން ނިންމާފައިވާ ކަމަށް އޭނާގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނެފިއެވެ.

މީގެ 13 އަހަރު ކުރިން ހިނގި ހާދިސާއެއްގައި ޕޭވްމަންޓް މަތީގައި ނިދާފައި ތިބި ބައެއްގެ ގައިމަތިން ސަލްމާން ޚާންގެ ކާރު ދުއްވާފައި ދިއުމުގެ ސަބަބުން އެތަނުން މީހަކު މަރުވި މައްސަލައިގައި ސަލްމާން ޚާންގެ މައްޗަށް ފަސް އަހަރުގެ ޖަލުހުކުމެއް އިވުމަށްފަހު ބޮމްބޭ ހައިކޯޓުން އެ ހުކުމް 'ސަސްޕެންޑު'ކޮށް އޭނާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ސަލްމާންގެ ފަރާތުން ވާހަކަދެއްކި މީހަކު ބުނިކަމަށް އިންޑިއާގެ ނޫސްތަކުން ބުނީ، "ސަލްމާން ބޭނުންވަނީ، އޭނާގެ އާއިލާއާއެކު މިދުވަސްވަރު ވަގުތު ހޭދަކުރަން. އޭނާ ފިލްމު ޕްރޮމޯޓްކުރާނީ މުންބާއީގައި ހުރެގެން ވީޑިއޯ ކޮންފަރެންސް ހަދައިގެން،" ކަމަށެވެ.

ބަޖްރަންގީ ބައިޖާންގައި ހިމެނޭ އީދު ލަވަ "އާޖްކީ ޕާޓީ" ލޯންޗުކުރުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ހާއްސަ ހަފްލާއެއްގައި އެ ފިލްމުގެ ޑައިރެކްޓަރު ކަބީރު ޚާން އާއި ކޮމްޕޯސަރު ޕްރިތަމް ޗަކްރަބޮތީއާއި ލަވަކިޔުންތެރިޔާ މީކާ ސިންގާއެކު އުމުރުން މިހާރު 49 އަހަރުގެ ޚާން ވަނީ ބައިވެރިވެފައެވެ.

އިންޑިއާއިން ޕާކިސްތާނަށް މީހަކު ކުރި ދަތުރުގައި އޭނާއަށް ދިމާވި ލޯބީގެ ހާދިސާއެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ "ބަޖްރަންގީ ބާއިޖާން"ގައި ސަލްމާންގެ އިތުރުން ހަރަކާތްތެރިވަނީ، ކަރީނާ ކަޕޫރު ޚާންއާއި ނަވާޒުއްދީން ސިއްދީގުއެވެ.

ބަޖްރަންގީ ބައިޖާން އަކީ، ކަބީރު ޚާން 2012 ވަނަ އަހަރު އުފެއްދި ބްލޮކްބަސްޓަރ މޫވީ، "އެކްތާ ޓައިގަ"އަށްފަހު ކަބީރާއެކު ސަލްމާން މަސައްކަތްކުރާ ދެވަނަ ފިލްމެވެ.

comment ކޮމެންޓް