240 މިލިއަން ޑޮލަރު ބަޖެޓުގެ "ހެލޯ ކިޓީ" ފިލްމެއް އުފައްދަނީ

ދުނިޔޭގޭގެ މަޝްހޫރު ކަން ހޯދާފައިވާ ޖަޕާނުގެ އައިކޯނިކް ބްރޭންޑް "ހެލޯ ކިޓީ"ގެ ކެރެކްޓަރުގެ މައްޗަށް "ބޮޑު ބަޖެޓެއް"ގެ ފިލްމެއް ހެދުމަށް ނިންމައިފި އެވެ.

ހެލޯ ކިޓީ އުފައްދާފައިވާ ކުންފުނި ކަމަށްވާ ސެންރިއޯ އިން ފައިނޭންސްކޮށް އަދި ޕްރޮޑިއުސްކޮށްގެން ނެރުމަށް ހަމަޖެހިފައިވާ ފިލްމަށް 240 މިލިއަން ޑޮލަރުގެ ބަޖެޓެއް ހަދާފައިވާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެ ފިލްމު އުފެއްދުމަށް ހަމަޖެހިފައި ވަނީ ދާދި ފަހުން ސެންރިއޯ އިން އެމެރިކާގައި ހުޅުވި ސެންރިއޯ މީޑިއާސް އެންޑް ޕިކްޗާސް އެންޓަޓެއިންމެންޓް ޔުނިޓުގައެވެ.

ހެލޯ ކިޓީ ބައިނަލްއަގުވާމީކޮށް ނެރުމަށް ހަމަޖެހިފައިވަނީ 2019 ވަނަ އަހަރު ކަމަށް ސެންރިއޯ އިން ވަނީ ބުނެފައެވެ. އެ ކުންފުނިން ބުނާގޮތުގައި ހެލޯ ކިޓީ ފިލްމުގައި ސެންރިއޯގެ އެހެން ކެރެކްޓަރުންވެސް ހިމެނުމަށް ވިސްނާފައިވެއެވެ. މީގެ އިތުރުން އެ ކުންފުނީގެ އެހެން ކެރެކްޓަރުންގެ ވަކި ފިލްމުތަކެއް މުސްތަގުބަލުގައި ނެރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ސެންރިއޯ އިން ބުންޏެވެ.

ސެންރިއޯ ކުންފުނީގެ އިތުރު ކެރެކްޓަރުންގެ ތެރޭގައި "މައި މެލަޑީ" އާއި "ޓްވިން ސިސްޓާސް" ހިމެނެއެވެ. އެ ކުންފުނީގެ ކެރެކްޓަރުންގެ 40 ވަނަ އުފަންދުވަސް މިއަހަރު ފާހަގަ ކުރާނެ އެވެ.

comment ކޮމެންޓް