ފުޅީގައި އެންމެ ފުލުގައި ހުންނަ މަޔޯނައިޒްކޮޅު ނަގަން ބޭނުންތަ؟

ނޯވޭގެ ނޯވެގިއަން ކޮމްޕެނީން ފުޅީގައި މަޔޯނައިޒް ތަތްނުވެ ހުރިހާ އެއްޗެއް ނެގޭ ގޮތަށް އާފުޅިއެއް ތައާރަފުކުރުމުގެ މަސައްކަތް ވަނީ ފަށާފައި -- ފޮޓޯ -- ބީބީސީ

ފުޅީގައި އެންމެ ފުލުގައި ހުއްނަ މަޔޯނައިޒް ނުވަތަ ސޯސްކޮޅު ނެގުން ވަނީ ގިނަ މީހުންނަށް އުނދަގުލަކަށް ވެފަ އެވެ. ބައެއް މީހުން ފުޅި ތަޅާލާއިރު އަނެއްބައި މީހުން ހިތާ ދެކޮޅަށް ފުޅި އެއްލާލަ އެވެ. އެއީ އެފަދަތަކެތި ބޭނުން ކުރާ ކަސްޓަމަރުންގެ އެންމެ ބޮޑު އެއް ޝަކުވާ އެވެ.

ނަމަވެސް މިހާރު އެކަމަށް މިވަނީ ހައްލެއް ފެނިފަ އެވެ. ނޯވޭގެ ނޯވެގިއަން ކޮމްޕެނީން ވަނީ ފުޅީގައި މަޔޯނައިޒް ތަތްނުވެ ހުރިހާ އެއްޗެއް ނެގޭގޮތަށް އާ ފުޅިއެއް ތައާރަފުކުރުމުގެ މަސައްކަތް ފަށާފަ އެވެ.

ބީބީސީއާ ހަވާލާދީ ކަމާބެހޭ ތަޖުރިބާކާރެއް ބުނެފައި ވަނީ ފުޅީގައި ތަތްނުވާ ގޮތަށް އުފައްދާ އެ އެފެއްދުމަކީ މުޅިން އާ ސެލިން ޕޮއިންޓަކަށް ވާނެ ކަމަށެވެ. ނަމަވެސް އެއީ އަސްލު އޮރިޖިނަލް ޕްރޮޑަކްޓެއްކަން މީހުންނަށް އަންގައި ދިނުމަށް ކޮންމެވެސް ވަރަކަށް ލެސަންތަކެއް ފިހާރަތަކުގައި ދޭން ޖެހޭނެކަމަށް އޭނާ ބުނެފައިވެ އެވެ.

ނޯވެގިއަން ކޮމްޕެނީން ބީބީސީގައި ބުނެފައި ވަނީ އާ ޓެކްނެލޮޖީ ބޭނުންކޮށްގެން އެ ފުޅި ތައްޔާރުކުރުމަށް އެމެރިކާގެ 30 ކޮމްޕެނީއަކާއި އެކު މަަސައްކަތް ކުރަމުންދާ ކަމަށެވެ. އޭގެތެރޭގައި އެމެރިކާގެ ބޮޑެތި ކޮންސިއުމާ ބްރޭޑްތަށްވެސް ހިމެނޭ ކަމަށް ބީބީސީގައި ބުނެފައިވެ އެވެ.

"ފުޅީގައި ތަތްނުވެ ހުއްނަ އެއްޗިހި ޓީވީ އިޝްތިހާރުތަކަށް ރީތިވެދާނެ، އެކަމަކު އެފަދަ ޕްރޮޑަކްޓެއް އަގުހެޔޮކޮށް މީހުންނަށް ފޯރުކޮށްދެވިދާނެ ކަމާއި މެދު ސުވާލު އުފެދޭ" ނޯވެގިއަން ކޮމްޕެނީގެ ފަރާތުން ބޭމްފޯޑު ބީބީސީގައި ބުނެފައިވެ އެވެ.

އަލަށް އީޖާދުކުރުމަށް މަސައްކަތް ކުރަމުންދާ އެ އާ އީޖާދުގެ ސަބަބުން ފުޅީގައި އެންމެ ފުލުގައި ހުންނަ މަޔޯނައިޒްކޮޅު ނެގުމަށް މީހުން ކުރާ މަސައްކަތް ކުރަން ނުޖެހި ހިތް ހަމަޖެހުމެއް ލިބިގެން ދާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު