ކަލަކު ވޮޑިގެން ނުވާކަމަށް ގަބޫލުކުރި ފިޒީސިސްޓް އިސްލާމްވީ ހަގީގީ ދިރިއުޅުމަކަށް އެދި

ޢުމަރު ޑެކްސްޓާއަކީ ކަލަކު ވޮޑިގެން ނުވާކަމަށް ގަބޫލު ކުރި ފިކުރުގެ މީހެކެވެ. އޭނާ ވަނީ، ނޮޓިންހަމް ޔުނިވަސިޓީ އިން ފިޒިކްސްގެ ދާއިރާއިން ގުރެޖުއޭޓް ވެފަ އެވެ. އޭނާ ވަނީ އޮޓޯމޯޓިވް އިންޑަސްޓްރީގައި މަސައްކަތްކޮށްފަ އެވެ. އެގޮތުން ބީއެމްޑަބްލިއު ކޮމްޕެނީއާއި ޖަގްއާ ކޮމްޕެނީއާއި ފޯޑްގައި އޮޓޯމޯޓިވް ސައިންޓިސްޓެއްގެ ގޮތުން އޭނާ މަސައްކަތް ކުރި އެވެ.

ޑެކްސްޓާގެ އުމުރުން 15 އަހަރުގައި އޭނާގެ ސިކުނޑީގައި އުފެދެމުން ދިޔަ ހިޔާލަކީ އޭނާ ދުނިޔެއަށް އައީ ކީއްކުރަން ހެއްޔެވެ. ދުނިޔޭގައި އެތަށް ބަޔަކު މަކަރު ހެދުމާއި ހިޔާނަތާއި ނާޖާއިޒު ގޮތުގައި ފައިދާ ހޯދުމާއި ޑުރަގު އެޑިކްޝަންއާއި ގޭންގު ރޭޕްއާއި މީހުން މެރުން އާންމުވެގެންދާ އިރު އެކަމަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ. އެކަން ކުރާ މީހުން ދުނިޔޭގައި އުފަލުން އުޅޭއިރު އޭގެ ސަބަބުން ނިކަމެތިވާ މީހުން އިތުރަށް ދަނީ ނިކަމެތިވަމުންނެވެ. ޑުރަގު ނަގާ މީހުންނާ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ހޯދާ މީހުންނަށް އޮތް ބަދަލަކީ ކޮބާހެއްޔެވެ. އެމީހުން އެގޮތަށް އަމަލު ކުރާއިރު އެމީހުންނަށް އޭގެ ޙައްގު ސަޒާ ލިބޭނެ ގޮތަކީ ކޮބައި ހެއްޔެވެ. ނަމަވެސް ގަބުވެފައިވާ ޑެކްސްޓާގެ ހިތަކަށް އެކަން ހިނގާނެ ގޮތެއް ވަޒަންކޮށްލާކަށް ނޭނގުނެވެ.

އޭނާ ވިސްނަމުން ދިޔަ އެވެ. ދުނިޔެއަކީ އެބަޔަކު އުޅޭނެ ގޮތަކަށް އޮތް ތަނަކަށްވާ އިރު އޭގެ ހައްގު ބަދަލު ލިބެންޖެހޭނެ ގޮތެއް ނެތް ނަމަ މުޅި ދުނިޔެ ވަނީ ބޭއިންސާފުން ފުރިފަ އެވެ.

އެސުވާލަށް ޖަވާބެއް ނުލިބި ހުއްޓައި އޭނާގެ ތައުލީމީ ހަޔާތް ނިމިއްޖެ އެވެ. އޭނާގެ އެންމެ ފުރަތަމަ ވަޒީފައަކީ ކަނޑުގެ ސިފައިންގެ މީހެއްގެ ވަޒީފާ އެވެ.

އެވަޒީފާއިގައި އޭނާ ވަނީ އެތަށް ގައުމަކަށް ދަތުރުކޮށްފައެވެ. އެތަށް ކަނޑުތަކެއް ހުރަސްކޮށްފައެވެ. ހުޅަނގު އެފްރިކާއާއި ގުޅިފައިވާ ކަނޑުގެ ސަރަހައްދެވެ. ޔޫރަޕާ އެމެރިކާގެ ބައްރު ގުޅުވައިދޭ ކަނޑުތަކެވެ. އޭނައަށް ދެވޭ ކޮންމެ ސަރަހައްދަކުން ވެސް އޭނާއަށް ފާހަގަ ކުރެވުނީ ހަމަޔާއި އުސޫލު ގެއްލިފައިވާ ތަނެވެ. އެބަޔަކު ހިތަށް އެރި ގޮތަކަށް އެބަޔަކު ބޭނުންވި ގޮތަކަށް އުޅެމުންދާ ތަނެވެ.

ބާރުގަދަ ފަރާތެއް ވާކަމުގެ އިހްސާސް ކުރެވުން

އެއްފަހަރެއްގައި ކަނޑުގެ ސިފައިންގެ ލަޝްކަރެއްގައި ޑެކްސްޓާ ކެރީބިއަން ކަނޑުގެ ސަރަހައްދަށް ދާން ޖެހުނެވެ. އެ ސަރަހައްދަކީ އުތުރު އެމެރިކާއާއި ދެކުނު އެމެރިކާ ގުޅިފައިވާ ކަނޑުގެ ސަރަހައްދެވެ. ދުނިޔޭގައި ކަނޑު ފޭރުމާއި ވަގު ވިޔަފީރި ހިންގާ އެއް ކަނޑުގެ ސަރަހައްދެވެ. އޭނާ ހުރީ ވެނަޒުއޭލާގެ ކަނޑުގެ ސަރަހައްދުގައެވެ.

އެއް ރެއެއްގައި ކަނޑުމަތިން ކަނޑުފޭރޭން މަސައްކަތް ކުރާ ބޯޓަކާ ކުރިމަތިލާން ޖެހުނެވެ.

ފެންނަމުންދާ ކަންކަމުން މާޔޫސްވެފައިވާ ޑެކްސްޓާއަށް ކުރިމަތިލާން ޖެހުނީ މަރުގެ ތުންފަތްމަތީގައިވާ ހާލަތެއްކަން އޭނާއަށް އެނގި ބޯޓްގެ ތިބި މީހުންނާއި ކުރިމަތިލުންތަކެއް ހިނގިއެވެ. ޑެކްސްޓާ ބުނިގޮތުންނަމަ އެވަގުތަކީ ނުރައްކާތެރި ހާލަތެކެވެ. އެބޯޓުން ޑެކްސްޓާއަށް އަމާޒު ކުރި ބަޑީގެ ވަޒަނަކުން އޭނާ ސަލާމަތްވި އެވެ. އޭނާގެ ހިތަށް އެރިއެވެ. އޭނާ މަރުން ސަލާމަތްވުމުގައި ބާރުގަދަ ކޮންމެވެސް ފަރާތެއްގެ ރޭވުމެއް ވާނެއެވެ.

އެ ހާދިސާއަށް ފަހު ޑެކްސްޓާއަށް ތަފާތު އިހްސާސްތަކެއް ކުރެވެމުން ދިޔަ އެވެ. އެއަށްފަހު އޭނާ ނޭވީ ވަޒިފާ އިން ވަކިވީ އެވެ.

ނަމަވެސް ކެރީބިއަން ކަނޑުގެ ސަރަހައްދުން އޭނާއަށް ކުރިމަތިވި ކަންކަމުގެ މަތިން އޭނާ ހަނދާން ނުނެތެ އެވެ. އެހާދިސާއަށް ފަހު އޭނާއަށް އިހްސާސްކުރެވުނީ ކޮންމެވެސް ބާރުގަދަ ފަރާތެއް ވޮޑިގެންވާކަމެވެ. އެފަރާތަކީ ދުނިޔޭގައި އިންސާނުން ހިންގާ ނޭދެވޭ ކަންކަމަށް ހައްގު ޖަޒާ ދެއްވާނެ ފަރަތެއްކަން އެނގުނެވެ. އެހާހިސާބުން އޭނާ އަށް އެނގުނީ އުޅެންވީ އުސޫލެއް ނުވަތަ މަގެއް ވާކަމެވެ. އެއީ ދީނެވެ.

ދީނެއް ހޯދުމަށް ޑެކްސްޓާ ކުރި މަސައްކަތް

ޑެކްސްޓާ އޭނާ އުޅެންވީ ދީނެއް ހޯދަން ފެށި އެވެ. އޭނައަށް ވާސިލުވެންވެން އޮތީ އޭނައާއި ގާތުގައިވާ ހިސާބަށެވެ. އޭނާ ދިރިއުޅެމުންދާ ސިޓީއިން އޭނާއަށް ފެނުނީ ނަޞާރާއިންނެވެ. އެމީހުންގެ ދީނީ ފޮތެވެ. އޭނާ ބައިބަލް ކިޔަވަން ފެށިއެވެ. އެންމެ ފަހަރަކަށް ނޫނެވެ. އެތަށް ފަހަރަކުއެވެ. ނަމަވެސް އޭނާ ހިތް ހަމަޖެހޭ ގޮތެއް ނުވިއެވެ. ދެން އޭނާ ބެލީ ނަޞާރާ ދީނުގެ އެންމެ އަޅުވެރިން އުޅޭގޮތެވެ. ފާދިރީންނާއި ޕޯޕުން އުޅޭ ގޮތެވެ. އެމީހުންގެ ކިބައިން އޭނާއަށް ފެނުނީ ބައިބަލްގައި ބުނާ އެއްޗަކާ އެމީހުންގެ އަމަލުގައި އެކަން ނުފެންނަތަނެވެ. އޭނާ މާޔުސްވިއެވެ. އޭނާ ހިތްހަމަޖެހޭ ބަދަލެއް އެމީހުންގެ ފަރާތުންނާއި ބައިބަލުން ނުފެނުނީމައެވެ.

ނަމަވެސް އޭނާ ބައިބަލް މުރާޖާ ކުރުން ހުއްޓައެއް ނުލައެވެ. އޭނައަށް ތަސްލީއެއް ލިބޭނެކަމަށް ހިތައި ބައިބަލް މުރަޖައާ ކުރަމުން ދިޔައެވެ. އޭރު އޭނާ މަސައްކަތް ކުރަމުންދިޔައީ އޮޓޯމޮޓިވް އިންޑަސްޓްރީގައެވެ. ވަޒީފާގެ ގޮތުން އެތައް ގައުމަކަށް އޭނާ ދަތުރުކުރަން ޖެހެއެވެ. އޭނާ ދަތުރުކުރާ ގައުމުތަކުން އެތަށް ބަޔަކާ ބައްދަލު ކުރަންޖެހެއެވެ. ބައްދަލުވާ މީހުންގެ ކިބައިން އޭނާ ހިތްހަމަޖެހޭނެ އުސޫލެއް ނުވަތަ މަގެއް ފެނޭތޯ އޭނާ ބަލައެވެ. އެގައުމުތަކުގެ މީހުންގެ ގަބޫލު ކުރުންތައް އޭނާއަށް ކަމުދޭތޯ އޭނާ ބަލަމުން ދެއެވެ. ނަމަވެސް އޭނާއަށް ހިތް ހަމަޖެހޭ އިޖާބީ މަގެއް ނުފެނުނެވެ.

ޑެކްސްޓާގެ ސުވާލުތަކަށް ޖަވާބު ލިބުން

ޑެކްސްޓާ ކުރަމުން ދިޔަ އުންމީދުގެ ވަގުތު އައިސް ޖެހިއްޖެއެވެ. 2008 ވަނަ އަހަރު ވަޒީފާގެ ހައިސިއްޔަތުން އޭނާ ދުބާއީއަށް ދަތުރެއް ކުރިއެވެ. ދުބާއީއިން އޭނާއާ ބައްދަލުވި މީހުންނާ ފެނުނު ތަންތަނުން އޭނާއަށް ފާހަގަކުރެވުނީ ހަމަޔާއި އުސޫލު ގަބޫލުކުރާ ބަޔަކު ދުނިޔޭގައި އުޅޭ ކަމެވެ. ދުބާއީއިން ބައެއް މުސްލިމުންނާ އޭނާ ބައްދަލުވިއެވެ. ބައެއް މީހުންނާ އޭނާ ވާހަކަ ދެއްކިއެވެ. އޭނާ ބައްދަލުވި މުސްލިމުންގެ ތެރެއިން އޭނާއަށް ފާހަގަ ކުރެވުނީ ރަނގަޅު ސިފަތަކެވެ. އެގޮތް އޭނައަށް ކަމުދިޔައެވެ.

އެދަތުރަށްފަހު އޭނާ ޤުރުއާން ދިރާސާ ކުރަންފެށިއެވެ. އުމުރުން 15 އަހަރުން ފެށިގެން އޭނާގެ ހިތުގައި އުފެދުނު ސުވާލުތަކަށް އޭނާއަށް ޖަވާބު ލިބިގެންދިޔައެވެ. މިދުނިޔެމަތީގައި ހިންގާ ކޮރަޕްޝަނާއި ނާޖާއިޒު ފައިދާ ނެގުމާއި މީހުންގެ ހައްގުތަކަށް އަރައިގަންނަމުންދާ މީހުންނަށް އޭގެ ހައްގު އަދަބު ލިބޭނެ ދުވަހެއް ވާކަން ޤުރުއާނުން އޭނާއަށް ބުނެދިނެވެ. އަދި ހައްގުތައް ނިގުޅައިގަނެވުނު އެތަށް ބަޔަކަށް ހައްގުތައް ލިބި އެމީހުންގެ ހައްގު ނިގުޅައިގެން މީހުންގެ ކިބައިން އެހައްގު ނެގި ނިކަމެތިކަން ލިބުނު މީހާގެ މައްޗަށް އެހައްގުތައް ލިބިގެންދާނެކަން އޭނާއަށް ޖަވާބު ލިބިގެންދިޔައެވެ.

އެތަށް ފަހަރަކަށް ބައިބަލް މުރަޖާ ކުރަމުން ދިޔައިރުވެސް އެއް އާޔަތާއި އަނެއް އާޔަތާއި ދެމެދު އެރި އޮޅުންތަކެއް ނުވަތަ ހިލާފުތަކެއް އޭނާއަށް ޤުރުއާނަކުން ނުފެނުނެވެ. އޭގެ ބަދަލުގައި އޭނައަށް ފެނުނީ ޤުރުއާނުގެ އެއްއާޔަތް އަނެއް އާޔަތުގެ މައްޗަށް ބާރުދެމުން މުޅި ދީން ފުރިހަމަވެފައިވާ ކަމެވެ. އޭނާއަށް ފެނުނީ ޤުރުއާނުގެ ވަކިއާޔަތެއް ދޫކޮށްލުމަށްފަހު ނުވަތަ ވަކި އާޔަތްތަކެއް ނެގުމަށްފަހު އީމަން ނުވެވޭނެ ކަމެވެ. އެކަންވީ އޭނައަށް ވަރަށް މުހިންމު ސަބަބަކަށެވެ.

ޤުރުއާނުން އޭނައަށް ލިބުނު ހިތްހަމެޖުމާއި ހިތުގައި އުފެދިފައިވާ ސުވާލުތަކަށް ލިބުނު ޖަވާބައި ގުޅިގެން ޑެކްސްޓާ އިސްލާމް ވިއެވެ.

ޢިސްލާމްވުމަށްފަހު އޭނާގެ ނަމުގެ ކުރިއަށް ޢުމަރު ޑެކްސްޓާގެ ނަމުން ނަން ދިނެވެ.

ޢުމަރު ވަނީ 2012 ވަނަ އަހަރު ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ. ހައްޖުގެ އަޅުކަން އަދާކުރުމަށްފަހު ޢުމަރު ވަނީ އިނގިރޭސި ވިލާތުގައި އޭނާ ދިރިއުޅެމުންދާ އަވަށުގެ މިސްކިތެއްގެ އިމާމްކަމާ ހަވާލުވެފައެވެ.

އިސްލާމްވިތާ ހަތް އަހަރު ފުރޭއިރު ޢުމަރު އެންމެ ކަންބޮޑުވާ މައްސަލައަކީ މުސްލިމުންގެ ގޮތުގައި ތިބި މީހުން އިސްލާމްދީނަށް ޢަމަލު ނުކުރާތީއެވެ. އޭނާ ބުންޏެވެ. މުސްލިމުން އިސްލާމް ދީނަށް އަމަލު ނުކުރަންވީ ކީއްވެހެއްޔެވެ. މި ދީނަކި ދުނިޔޭގައިވާ އެންމެ ފުރިހަމަ މަގެވެ. އިންސާނީ ދިރިއުޅުމުގައި ކާމިޔާބާ ހަމައަށް ދެވެން އޮތް މަގެއްގެ ގޮތުގައިވެސް އޮތީ އިސްލާމް ދީނެވެ.

comment ކޮމެންޓް