ވިއްސާރަދުނީގެ ކުލަތައް ހިމެނޭ ޕްރޮފައިލް ޕިކްޗާ ރަމްޒުކޮށްދެނީ އެއްޖިންސުން ކައިވެނިކުރުމަށް ތާއީދު ކުރާކަން!

ފޭސްބުކް ފައުންޑާ މާކް ޒުކްބާގް އެމެރިކާގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަ ކުރުމާއެކު އެކަމަށް ތާއީދު ކުރުމުގެ ގޮތުން ވިއްސާރަ ދުނީގައި ހިމެނޭ ކުލަތައް ހިމަނައިގެން އޭނާގެ ޕްރޮފައިލް ފޮޓޯ ބަދަލުކޮށްފައި -- ފޮޓޯ/ ފޭސްބުކް

ފޭސްބުކް އަދި ގޫގުލްއިން ތާރަފުކޮށްފައިވާ ވިއްސާރަ ދުނީގެ ކުލަތައް ހިމެނޭ ޕްރޮފައިލް ޕިކްޗާ އަކީ އެމެރިކާގެ ސްޕްރީމް ކޯޓުން އިއްޔެ އެގައުމުގެ ހުރިހާ ސްޓޭޓެއްގައި އެއްޖިންސުން ގުޅުން ހިންގުން ހުއްދަކުރުމާއެކު އެކަމަށް ތާއީދު ކުރާކަން ހާމަ ކުރުމުގެ ގޮތުން މި ދެ ވިއުގައިން ފަށައިފައިވާ ހަރަކާތެކެވެ.

ފޭސްބުކުން މިހަރަކާތް ފެށިގެންއައީ ފޭސްބުކްގެ އެއް ކޯ-ފައުންޑާ އަދި އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް މާކް ޒުކްބާގްގެ ފޮޓޯއާއެކު ވިއްސާރަ ދުނީގެ ކުލަތައް ހާމަކުރި ހިސާބުންނެވެ. އަދި ފޭސްބުކް ބޭނުން ކުރާ އެހެން އެކައުންޓްތަކަށް އެގޮތަށް ޕްރޮފައިލް ޕިކްޗާ ބަދަލުކުރުމަށް ފަސޭހަ ކުރުމަށްޓަކައި ފޭސްބުކުން ވަނީ "ސެލެބްރޭޓް ޕްރައިޑް"ގެ ނަމުގައި ހާއްސަ ޓޫލެއްވެސް ތައާރަފްކޮށްފައެވެ.

ފޭސްބުކާއި ގޫގުލްގެ އިތުރުން، ޔާހޫ، ޓުވިޓާ، ވައިން ފަދަ ސޯޝަލް ނެޓްވޯކްތަކާއި މަޝްހޫރު އެޕަލް ކުންފުނީގެ ސީއީއޯ ޓިމްކުކް ވެސް ވަނީ އެފަރާތްތަކުގެ ޓުވިޓާގައި އެކަމަށް ތާއީދުކުރާކަން ހާމަކޮށް ޝުއޫރުފާޅުކޮށްފައެވެ.

މާތްވެގެންވާ އިސްލާމްދީނުގައި ޙަރާމްކޮށްފައިވާ، އެއްޖިންސުން ގުޅުން ހިންގުމަށް ތާއީދުކޮށް އިސްލާމްދީނުގެ ޢަދުއްވުން މިފަދަ ހަރަކާތްތައް ހިންގަމުންދާއިރު ހިތާމަހުރި ކަމަކީ، އަޅުގަނޑުމެންގެ މި ސައްތައިން ސައްތަ އިސްލާމީ މުޖްތަމައުގައި ދިރިއުޅޭ ބައެއް ދިވެހިންވެސް އެމީހުންގެ ފޭސްބުކް ޕްރޮފައިލް ޕިކްޗާ މިގޮތަށް ބަދަލުކޮށް ޢާއްމުކުރަމުން ގެންދާކަމެވެ.

ކުރިންވެސް ބުނި ފަދައިން މިގޮތަށް ފޭސްބުކް ޕްރޮފައިލް ޕިކްޗާ ބަދަލު ކުރުމަކީ އެއްޖިންސުން ކައިވެނި ކުރުމަށް ތާއީދު ކުރާކަން ހާމަކުރުމަށް ބަޔަކު ހިންގާ ހަރަކާތަކަށްވާއިރު މި މާތްވެގެންވާ މައްސަރުގައި ބިރުވެރިކަމުގެ ޒައްރެއްގެ މިންވަރުވެސް ނެތި ދިވެހީންގެ ތެރެއިން ވެސް ބަޔަކު އެނގިތިބެ ނުވަތަ ނޭނގި ތިބެ ނަމަވެސް އެގޮތަށް އުޅުމަކީ ކަންބޮޑުވާން ޖެހޭ ކަމެކެވެ.

comment ކޮމެންޓް