ގާނޫނުއަސާސީއަށް ހުށަހެޅި އިސްލާހަށް ވޯޓްދިނީ ސަރުކާރަށް އިތުބާރުދޭން: އެމްޑީޕީ

އެމްޑީޕީގެ ތަރުޖަމާނު އިމްތިޔާޒް ފަހުމީ ނޫސްވެރިންނާ މިއަދު ވާހަކަ ދައްކަވަނީ. ސަން ފޮޓޯ: ފަޔާޒް މޫސާ

ރައީސްކަމާއި ނައިބުރައީސް ކަމަށް ކުރިމަތިލެވޭ އުމުރު ބަދަލު ކުރުމުގެ ގޮތުން ގާނޫނު އަސާސީއަށް ބަދަލު ގެނައުމަށް ވޯޓް ދިނީ ސަރުކާރަށް އިތުބާރެއް ދިނުމަށް ކަމަށް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން މިއަދު ބުނެފި އެވެ.

އެމްޑީޕީގެ އޮފީހުގައި މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި އެޕާޓީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ވޯޓް ދިނުމަށް ފަހުގައި ވެސް އަދި އެއަށް ވުރެ ކުރިން ވެސް ވާހަކަތަކުގެ ކަންތައްތައް ދަނީ އެމްޑީޕީން އުއްމީދުކުރި ގޮތްތަކަށް ކަމަށެވެ.

"...ގާނޫނު އަސާސީއަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހެޅި ހުށަހެޅުމަށް އެމްޑީޕީން ތާއީދުކުރި މައިގަނޑު އެއް މަގުސަދަކީ އަޅުގަނޑުމެން އެންމެ ހިތް ރުހޭ ކަމަކަށް ނުވިކަމުގައި ވީ ނަމަވެސް، އަޅުގަނޑުމެން ސަރުކާރަށް އިތުބާރެއް ދިނުމުގެ ގޮތުން، އެމްޑީޕީގެ ފަރާތުން ދެވެން އޮތް އިތުބާރެއް ދިނުމުގެ ގޮތުން،" އިމްތިޔާޒް ވިދާޅުވި އެވެ.

އެމްޑީޕީން ސަރުކާރަށް އިތުބާރު ދޭ ފަދައިން ޕާޓީތަކާއި ސަރުކާރާ ކުރާ މަޝްވަރާތަކުގައި ވެސް ރަނގަޅު ގޮތްތަކެއް ވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ސިޔާސީ ހަމަނުޖެހުންތަކުގެ ތެރޭގައި ހައްޔަރުކޮށްފައިވާ 400 އެއްހާ މީހުންނާއި ސިޔާސީ ލީޑަރުންނަށް ވެސް ލުއިގޮތްތަކެއް ހަމަޖެހޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"... އަޅުގަނޑުމެން މި ވޯޓް މިގޮތަށް ދިނުމާއި އެކުގައި ވެސް، އަދި މީގެ ކުރީގައި ވެސް މިދެކެވެމުންދާ ވާހަކައިގެ ތެރެއިން ވެސް އަޅުގަނޑުމެންނަށް އަދި މިހާތަނަށް ކަންތައްތައް މިދަނީ އަޅުގަނޑުމެން އުއްމީދުކުރި ގޮތްތަކަކާއި އެއްގޮތަށް. އެހެންވީމާ އަޅުގަނޑުމެން ދެންވެސް އުއްމީދުކޮށްގެން މިތިބީ ހަމަ އިތުބާރު މިދޭ ފަދައިން އަޅުގަނޑުމެންނަށް ސަރުކާރާގައި އެކުގައި މަޝްވަރާގައި ރަނގަޅު ގޮތްތަކެއް ވެގެން ދާނެ ކަމަށް،" އިމްތިޔާޒް ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ، ސަރުކާރާ އެކުގައި ކުރާ މަޝްވަރާތަކުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ވަކި ހިސާބަކުން ބައިވެރިވެވަޑައިގެންނެނޭވެ ކަމަށް ވެސް އެމްޑީޕީން އުއްމީދުކުރާ ކަމަށެވެ. ނަމަވެސް މަޝްވަރާތަކުގައި މިހާރު ބައިވެރިވަޑައިގަންނަވާނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އިބުރާހީމް މުޙައްމަދު ޞާލިޙު ކަމަށް ވެސް އިމްތިޔާޒް ވިދާޅުވި އެވެ.

comment ކޮމެންޓް