ކަރާ ކިލޯއެއްގެ އަގު 30 ރުފިޔާ އަށް އަރައިފި

ބާޒާރުގައި ކަރާ ވިއްކަމުން ދަނީ-- ސަން ފައިލް ފޮޓޯ

ރޯދަ މަސް ފެށިގެން އައިއިރު 20 ރުފިޔާ އާއި 25 ރުފިޔާއާ ދޭތެރޭ އަގުތަކެއްގައި ވިއްކަމުން އައި ކަރާގެ އަގު 30 ރުފިޔާއަށް ބޮޑުވެއްޖެ އެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި މިއަދު މުޅިންހެން ކަރާ ކިލޯއެއް ވިއްކަމުން އަންނަނީ ކިލޯއެއް 30 ރުފިޔާ އަށެވެ.

މާރުކޭޓުގެ ގޮޅިއެއްގެ ވިޔަފާރިވެރިޔަކު ސަން އަށް ބުނީ ކަރާގެ އަގު މައްޗަށް ގޮސްފައި ވަނީ ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ މަދުވުމުން ކަމަށެވެ.

"ރަށްރަށުން ކަރާ ނުލިބެނީ، އެހެންވެ ކަރާގެ އަގު ބޮޑީ،" ވިޔަފާރިވެރިޔާ ބުންޏެވެ.

ކަރާގެ އަގު މައްޗަށް ގޮސްފައިވާ އިރު މީގެ ކުރިން ދަނޑުވެރިން ބުނެފައި ވަނީ ވިއްސާރަ ވުމާއި ތަފާތު ބަލިތަކުގެ ސަބަބުން މިއަހަރު ރަށްރަށުގައި ކަރާހެއްދުނު މިންވަރު ދަށްވެފައިވާ ކަމަށެވެ. އެގޮތުން މިރޯދަމަހުގެ ފުރަތަމަ 15 އަށް ފަހު ބާޒާރުގައި ކަރާ މަދުވެ ކަރާގެ އަގު 50 ރުފިޔާއަށް ބޮޑުވެގެންދާނެ ކަމަށް ބައެއް ވިޔަފާރި ވެރިން ބުންޏެވެ.

ކަރާ ކިލޯއެއްގެ އަގު 50 ރުފިޔާއަށް އަރައިގެން ދާނެ ކަމަށް ބުނެވޭ އިރު ކަރާހެއްދުމަށް އެންމެ މަޝްހޫރު ތޮއްޑޫ ކައުންސިލްގެ މީޑިއާ އޮފިޝަލް ނޫހު މޫސާ ސަން އަށް ވިދާޅުވީ އުންމީދު ކުރިވަރަށް އެރަށުން މިއަހަރު މާލެއަށް ކަރާ ނުފޮނުވޭނެ ކަމަށެވެ. ގާތްގަނޑަކަށް 450 ޓަނު ކަރާ މާލެ ފޮނުވޭނެ ކަމަށް ކުރިން އަންދާޒާ ކުރި ނަމަވެސް މިހާރު ބެލެވޭގޮތުން މާލެއަށް ފޮނުވޭނީ 370 ޓަނުގެ ކަރާކަމަށް އޭނާ ވިދާޅުވި އެވެ.

"މިކޮޅު ކަރާ ދަނޑުތަކުގައި ވެސް ބައްޔެއްޖެހުނީ، އެހެންވީމަ އެހެން އަހަރުތަކަށް ވުރެ ކަރާ މާލެއަށް ގެންދެވޭ އަދަދު މަދުވާނެ މިއަހަރު، ރޯދަ މަސް ނިމެންދެން ތޮއްޑޫ ކަރާ ލިބޭނެ. އެކަމަކު ރޯދާގެ 15 ގެ ފަހުން ހަމަ ވަރަށް ބޮޑަށް މަދުވާނެ." ނޫހު ވިދާޅުވި އެވެ.

މީގެ ކުރީ އަހަރު ތަކަށް ބަލާ އިރު އާންމުކޮށް ކަރާ ކިލޯއެއް ވިއްކީ އަށް ރުފިޔާއާއި 12 ރުފިޔާއާ ދޭތެރޭ އަގުތަކެއްގަ އެވެ. ނަމަވެސް މިފަހަރު ރޯދަމަހު ވިއްކަން ފެށީ ވެސް 20 ރުފިޔާއާއި 25 ރުފިޔާއާއި ދޭތެރޭ އަގުތަކެއްގަ އެވެ.

comment ކޮމެންޓް