މޯރިސް ބިއުކާއި: ޤުރުއާނާއި ސައިންސްގެ އެއްގޮތްކަން ހޯދި ޑޮކްޓަރު

މޯރިސް ބިއުކާއި އަކީ ފަރަންސޭސިވިލާތުގެ މަޝްހޫރު ޑޮކްޓަރެކެވެ. އޭނާ އަކީ މިޒަމާނުގެ ކުރިއަރާފައިވާ ސައިންސްގެ އަލީގައި ހޯދިފައިވާ ގިނަ ހޯދުންތައް މީގެ 1400 އަހަރު ކުރިން ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަން ދެނެގަތް ސައިންސްވެރިޔާ އެވެ. އެ ދާއިރާއިން އޭނާ ލިއުއްވި ފޮތް "ޤުރްއާން ބައިބުލް އެންޑް ސައިންސް" އަކީ ދުނިޔޭގައި ބޮޑު ސަމާލުކަމެއް ލިބުނު ފޮތެކެވެ. ފަރަންސޭސިވިލާތުގެ ނަޞާރާ އާއިލާއަކަށް 1920 ވަނަ އަހަރު އުފަންވެވަޑައިގެންނެވި މޯރިސް އަވަހާރަވީ 1998 ވަނަ އަހަރު އެވެ.

ޑރ. މޯރިސް ވިދާޅުވެފައިވާ ގޮތުގައި އެހެން ގިނަ ފަރަންސޭސީންނެކޭ އެއްގޮތަށް އޭނާ ވެސް ކުރިން އިސްލާމް ދީނާއި މެދު ދެކެވަޑައިގަންނަވަމުން ގެންދެވީ އެއީ ވަރަށް މޮޅު މީހަކު (މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް) އަމިއްލަ ފުޅަށް އުފެއްދެވި ދީނެއް ކަމަށެވެ. އަދި އޭނާ ޕްރޮފެޝަނަލް ސާޖަން އަކަށް ( އޮޕަރޭޝަން ތައް ކުރާ ޑޮކްޓަރަކަށް) ވުމަށް ފަހު އޭނާގެ އެ ޚިޔާލާތާއި ދެކޮޅަށް ހެކި ދައްކާ ގިނަ ޢަދަދެއްގެ މީހުންނާ ބައްދަލުވެވަޑައިގަންނަވަން ފެށިއެވެ. އަދި އެ ޚިޔާލާތަކީ ދޮގުކަން ސާބިތުކޮށްދޭ ފަދަ އާޔަތްތައް ބައެއް މީހުން އޭނާއަށް އިއްވަން ފެށި އެވެ.

އެހިސާބުން އޭނާއަށް އިސްލާމްދީނާއި މެދު ދެކެވަޑައިގެންނެވެނީ ރަނގަޅަށް ކަމަށް ނުވަތަ ނޫންކަމާއި މެދު ޝައްކު ކުރެއްވެން ފެށްޓެވި އެވެ. ނަތީޖާއަކަށް ވީ އަމިއްލަ ފުޅަށް ޤުރުއާން މުރާޖަޢާ ކުރައްވަން ބޭނުން ވެވަޑައިގެންނެވުމެވެ.

ޤުރުއާން މުރާޖައާ ކުރެއްވުން

ޤުރުއާން ރަނގަޅަށް މުރާޖައާ ކުރެއްވޭނެ ހަމަ އެކަނި ގޮތެއް ކަމަށް ޑރ. މޯރިސް ދެކެވަޑައިގެންނެވީ ޢަރަބި ބަސް ރަނގަޅަށް ދަސް ކުރެއްވުމެވެ. އެހެންވެ، ޖެހިގެން އައި ދެ އަހަރު ދުވަސް އޭނާ ހޭދަކުރެއްވީ ޢަރަބި ބަސް ދަސްކުރެއްވުމުގައެވެ. އިންސާފުވެރިކަމާއި އެކު އެއްވެސް ޝައްކެއް ނެތި ޤުރުއާން މުރާޖަޢާ ކުރެއްވޭ ވަރަށް އޭނާ ޢަރަބި ބަސް ދަސްކުރެއްވި އެވެ.

"...އަހަރެން ވަރަށް ފަރުވާތެރި ކަމާއި އެކު ޤުރުއާން އުނގެނުނިން. އަހަރެންނަށް އެނގުނީ ސައިންސްގެ ހޯދުންތަކާއި ހިލާފުވާ އެއްވެސް ކަމެއް އެ ޤުރުއާނުގައި ނުވާކަން. އަދި ޤުރުއާނުގައި ވަނީ ތެދުގެ އެންމެ މަތީ ދަރަޖަ ކަން،" ކީރިތި ޤުރުއާން މުރާޖަޢާ ކުރެއްވުމުގެ މަސައްކަތް ޕުޅުން ލިބިވަޑައިގެންނެވި ނަތީޖާއާއި ބެހޭ ގޮތުން ޑރ. މޯރިސް ވިދާޅުވި ކަމަށް ދަ އިސްލާމިކް ބްލެޓިންގައި ވެއެވެ.

އޭނާ ވިދާޅުވެފައި ވާ ގޮތުގައި ޤުރުއާނުން އޭނާއަށް ފެނިވަޑައިގެންނެވި ހަގީގަތްތަކާއި އެކު ޔަގީން ކުރެއްވުނީ އެއީ އިންސާނެއްގެ މަސައްކަތް ނޫންކަން ކަމަށެވެ. އަދި އެއާއި އެކު އޭނާއަށް ގަބޫލު ކުރެއްވުނު އަނެއް ހަގީގަތަކީ ނަޞާރާއިންގެ ފޮތް " ބައިބުލް"ގައިވާ ކަންތައްތަކާއި ސައިންސާ ފުށުއަރާ ކަމެވެ.

އިސްލާމް ދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވުން

އިސްލާމް ދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވި ގޮތާއި ބެހޭ ގޮތުން އޭނާ ވިދާޅުވެފައި ވަނީ ޤުރުއާން މުރާޖަޢާ ކުރެއްވުމުގެ ކުރިން ވެސް އޭނާއަށް ﷲގެ ކުޅަދުންވަންތަކަމާއި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްގެ ރިސާލަތުގެ ތެދުކަން މަޢުރިފާ ކުރެއްވެން ފެށްޓެވި ކަމަށެވެ. އަދި އެޤުރާން މުރާޖަޢާ ކުރައްވަން ފެށްޓެވުމާއި އެކު ﷲ އަކީ އެއްކައުވަންތަ އިލާހުކަން ގަބޫލުކުރުމާއި ޤުރުއާނަކީ އެކަލާންގެ އެންމެ ފަހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ބާވައިލެއްވި ފޮތްކަން ގަބޫލު ކުރުމަށް ނަފުސު ގޮވަން ފެށި ކަމަށެވެ.

"... ބިސްމިﷲ ގައި ހިމެނޭ ފުރަތަމަ އަކުރު ދަސްކުރުމުގެ ކުރިން ވެސް އަހަރެންނަށް ގަބޫލު ކުރެވެން ފަށައިފި ކަލާންގެ އަކީ އެއްކައުވަންތަ އިލާހުކަން. ދެން ޤުރުއާން ކިޔެވުމަށް އެކަލާންގެ އަހަރެންނަށް މަގު ދެއްކެވުމުން އަހަރެންގެ ނަފުސު ރޮއެފައި ގޮވަން ފެށި ޤުރުއާނަކީ އެކަލާންގެ އެންމެ ފަހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ބާވައިލެއްވި ވަހީ ބަސްފުޅުކަން ޤަބޫލު ކުރުމަށް،" މޯރިސް ވިދާޅުވެފައި ވެއެވެ.

ޑރ. މޯރިސްއަށް އިސްލާމްދީނުގެ ހިދާޔަތު ލިބިވަޑައިގެންނެވީއްސުރެ އޭނާގެ އެންމެ މުހިއްމު މަސައްކަތްޕުޅަކަށްވީ ކީރިތި ޤުރުއާނުގައިވާ ސައިންސްގެ ހަގީގަތްތައް އެހެން މީހުންނަށް ދެއްކެވުމެވެ. އެދާއިރާއިން ފޮތްތައް ލިއުއްވައި ބަހުސްތައް ކުރައްވާފައި ވެއެވެ. އަދި އޭނާގެ މަސައްކަތްޕުޅުގެ ސަބަބުން އިތުރު އެތައް ސައިންސްވެރިންނެއް އެ ހަގީގަތް ގަބޫލު ކުރެއްވި އެވެ.

ޑޮކްޓަރެއްގެ ހައިސިއްޔަތުން އޭނާ ކުރައްވާފައިވާ ބައެއް ފާހަގަކޮށްލެވޭ މަސައްކަތްޕުޅުގެ ތެރޭގައި ސައުދީ ޢަރަބިއްޔާގެ ކުރީގެ ރަސްގެފާނުގެ ޚާއްސަ ޑޮކްޓަރެއްގެ މަގާމާއި މިސްރުގެ ކުރީގެ ރައީސް އަންވަރުއް ސާދާތުގެ އާއިލީ ޑޮކްޓަރުގެ މަގާމު ފުރުއްވުން ހިމެނެ އެވެ.

comment ކޮމެންޓް