ޑަބްސްމޭޝް ހުން ރާއްޖޭގެ އެންމެނަށް ޖެހިފައި!

ޑަބްސްމޭޝް ދިވެހިންނަށްވެސް ވަރަށް މަޖާ --

ރާއްޖޭގައި ލަވަކުޅޭ ނުވަތަ ޑްރާމާ ކުޅެން މޮޅީ ހަމައެކަނި ފިލްމީ ފަންނާނުންނެއް ނޫނެވެ. މިހާރު އާންމުންގެ ތެރެއަށް މަޝްހޫރުވެގެން މިއުޅޭ "ޑަބްސްމޭޝް" އެޕްލިކޭޝަން އާ އެކު ރާއްޖޭގައި ވެސް ހާދަ ފަންނާނުން ގިނައޭ ހިތަށް އަރައެވެ.

ރާއްޖެ އަށް ދާދިފަހުން އާންމުވީ "ޑަބްސްމޭޝް" އެޕްލިކޭޝަން ވުޖޫދަށް އައިސްފައި ވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 19 ވަނަ ދުވަހު އެވެ. ޖަރުމަނުގެ ޑިވަލޮޕަރުންގެ ޓީމަކުން އުފެއްދި އެ އެޕްލިކޭޝަންގެ ފައުންޑަރުންނަކީ ޖޯނަސް ޑްރަޕުލް، ރޯލޭންޑް ގްރެންކީ އަދި ޑެނިއަލް ޓޭސްޗިކް އެވެ. އެ އެޕްލިކޭޝަން ތައާރަފުކުރި ދުވަހުން ފެށިގެން މިހާތަނަށް 10 މިލިއަން މީހުންވަނީ އެ އެޕްލިކޭޝަން ޑައުންލޯޑުކޮށްފައެވެ.

ޑަބްސްމޭޝްއަކީ އެޕަލް އަދި އެންޑްރޮއިޑްގެ ފޯނުތަކަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މެސިޖް އެޕްލިކޭޝަން އެކެވެ. ވީޑިއޯ މެސެޖް ފޮނުވާ އިރު، އެމީހަކު ބޭނުން އަޑެއް އޭގައި ބޭނުންކުރެވެ އެވެ. އެގޮތުން ލަވަތަކާއި، މަޝްހޫރު މީހުންގެ އަޑުތަކާއި ހެއްވާ މަޖާ މިއުޒިކްތަށް ވެސް ވީޑިއޯގެ މައްޗަށް ޑަބްކޮށްލެވެ އެވެ. އެގޮތަށް ވީޑިއޯ ރިކޯޑްކުރާއިރު ބޭނުންވާ އޯޑިއޯ ސެލެކްޓް ކުރުމަށް ފަހު އަމިއްލަ ސެލްފީ ވީޑިއޯ ނުވަތަ އެހެން މީހުންގެ ވީޑިއޯވެސް އަޕްލޯޑު ކުރެވޭނެ އެވެ. އަދި އެ ރެކޯޑު ކުރާ ވީޑިއޯ މެސެޖް ވަޓްސްއަޕް، ފޭސްބުކް، އިންސްޓަގްރާމް، އަދި މެސެޖުންވެސް ޝެއާކުރެވޭނެ އެވެ.

ދިވެހިންނާއި ޑަބްސްމޭޝް

މުޅި ދުނިޔެއަށް މަގުބޫލު ޑަބްސްމޭޝް ރާއްޖޭގައި އާންމުކޮށް މީހުން ބޭނުންކުރަންފެށިތާ އަދިވީ މަހެއްހާ ދުވަހެވެ. ކުދިބޮޑު ހުރިހާ އުމުރަކުން ވެސް މިހާރު ޑަބްސްމޭޝް ބޭނުން ކުރަމުންދާއިރު މުޅިސޯޝަލް މީޑިއާއިން ޑަބްސްމޭޝް ވަނީ ޖާގަ ހޯދައިފައެވެ. ނެށުމުގައި ވެސް އެކްޓު ކުރުމުގައި ވެސް ދިވެހިން ހާދަ ކުޅަދާނައެވެ. ކުރީ ޒަމާނުގެ ބަނޑިޔާ ލަވަތަކަށް މިހާރުގެ ކުދިން ނަށާލައި ހަދާއިރު ވެސް ފަންނުވެރިކަމެއް ހުރެ އެވެ.

އޭޝިއާގެ ގައުމުތަކުގެ ތެރެއިން ޕާކިސްތާނު އިންޑިއާ ފަދަ ގައުމުތަކުގައި ޑަބްސްމޭޝް ހުން ފެތުރިފައިވާ އިރު ރާއްޖެއަށް ވެސް މިވަނީ އެބުނާ ހުމެއްޖެހިފައެވެ. ދުވާލެއްގެ މައްޗަށް އެތަށް ޑަބްސްމޭޝް މެސެޖް ރާއްޖޭގެ ސޯޝަލް މީޑިއާއަށް ވެސް އަޕްލޯޑު ކުރެ އެވެ. ކުރީގައި ހެއްވާ މަޖާ ވީޑިއޯ ބަލާލުމަށް ޔޫޓިއުބަށް ވަންނަ މީހުން މިހާރު އެކަން ކުރަނީ ޑަބްސްމޭޝް ބަލައިގެންނެވެ.

ފޭސްބުކްގައި " މޯލްޑިވިއަން ޑަބްސްމޭޝް"ގެ ނަމުގައި ޕޭޖް ހިންގަމުންދާ ގްރޫޕުން ބުނީ ވައިބާ މެދުވެރިކޮށްވެސް ދުވާލެއްގެ މައްޗަށް 10 ޑަބްސްމޭޝް މީހުން ފޮނުވާ ކަމަށެވެ. މަޖަލަކަށް އުފެއްދި އެ ޕޭޖުގެ ގުރޫޕުން ވަނީ ޑަބްސްމޭޝް މެސެޖް ފޮނުވުމަށް ހާއްސަ ނަމްބަރެއްވެސް ކަނޑައަޅައިފައެވެ. އެގޮތުން ޑަބްސްމޭޝް އެ ޕޭޖުގައި ޖަހަން ބޭނުން ނަމަ 9124363 އެނަމްބަރަށް ވައިބާ ކޮށްލުމުން ޖަހައިދެ އެވެ. ފަސް މެންބަރުންގެ ގުރޫޕަކުން ހިންގާ އެ ޕޭޖުގައި ކުރީގެ އަދި މިހާރުގެ ލަވަތަކަށް ވީޑިއޯ ކުރުމުގެ އިތުރުން ހެއްވާ މަޖާ ވީޑިއޯ މެސެޖްތައް ވެސް ހުރެ އެވެ. އެ ޕޭޖުގެ އިތުރުން ވެސް ރާއްޖެއަށް ނިސްބަތްވާ ތަފާތު ގިނަ ޑަބްސްމޭޝް ފޭސްބުކް ޕޭޖުތަކެއް މިހާރު އެބަހުއްޓެވެ.

ދިވެހި ހުރިހާ ޑަބްސްމޭޝްއެއް އެއް ވެބްސައިޓަކުން ބަލާލަން ބޭނުންތަ؟

ދިވެހިންގެ ވެބްޑިޒައިނަރުންގެ ބަޔަކު މިހާރު ދަނީ ދިވެހި ހުރިހާ ޑަބްސްމޭޝްއެއް އެއް ވެބްސައިޓަކުން ދައްކާލުމުގެ މަސައްކަތް ކުރަމުންނެވެ. އެ ޓީމުގައި ހިމެނޭ ވެބްޑިޒައިނަރު މުހައްމަދު އަފްޒަލް ބުނީ ޑަބްސްމޭޝް އެއް ވެބްސައިޓަކުން ދައްކާލުމަށް ކުރަމުންދާ އެ މަސައްކަތް ފެށޭ ހަފްތާ ނިމި ވެބްސައިޓް ލޯންޗް ކުރެވޭވަރު ވާނެ ކަމަށެވެ. އެ ވެބްސައިޓް މެދުވެރިކޮށް ރާއްޖޭގެ ހުރިހާ ޑަބްސްމޭޝް ޕޭޖަކަށް އަޕްލޯޑު ކުރާ ޑަބްސްމޭޝްއެއް ފެނިގެންދާނެ ކަމަށް އަފްޒަލް ބުންޏެވެ.

ދިވެހިންނަށް ޑަބްސްމޭޝް ހަމަ ވަރަށް މަޖާ

"ކޮންމެ ދުވަހަކު ޑަބްސްމޭޝް މެސެޖް ހަދަން، ވަރަށް މަޖާ،" ޑަބްސްމޭޝް އެޕްލިކޭޝަން މެދެވެރިކޮށް ވީޑިއޯ މެސެޖް ހަދާ މީހަކު ކިޔައިދިނެވެ. އޭނާ ބުނި ގޮތުން ޑަބްސްމޭޝް ބޮޑަށް މަޖަލީ ބޭނުން އަޑެއް އެޅޭތީ އެވެ. އެދުވަހަކާއި ގުޅުވައިގެން ލަވަތަކަށް އެކްޓްކޮށް މެސެޖް ހަދާލެވުމަކީ ހިތްހަމަ ޖެހުމެއް ކަމަށް އޭނާ ފާހަގަކުރި އެވެ.

"މަޖާ ކުރުމުގެ ކިކް ވަރަށް ފަސޭހައިން އައްނަ އެއްޗެއް. ވަރަށް ސަޅި ޑަބްސްމޭޝް،" ޑަބްސްމޭޝް އެޕްލިކޭޝަން ބޭނުންކުރާ އެހެންމީހަކު ސަން އަށް ކިޔައިދިނެެވެ. ދިވެހިން މަޖަލަކަށް ބޭނުންކުރާ އެ ޑަބްސްމޭޝް މެސެޖަށް ނިކަން ތައްޔާރު ވެސް ވެ އެވެ. ކޮސްޓިއުމްއަޅާލައި ތަން ތައްޔާރުކޮށް އަޑާ ވަރަށް ގުޅޭގޮތަށް އެކްޓްކޮށްލާއިރު މިއުޅޭ މަޝްހޫރު ތަރިންނަށް ދޫނުކުރެ އެވެ. ލަވަތަކަށް އެކްޓްކޮށްލާއިރު ވެސް ލަވައިގައި ބުނާ އެއްޗަކާ ވަރަށް ގުޅެ އެވެ.

ވާހަކަދައްކާލި ގިނަ މީހުން ވެސް ބުނީ ޑަބްސްމޭޝްއަކީ މަޖާކޮށްލައި މުނިފޫހިފިލުވާލުމަށް ހަމަ "އެއްވަނައިގެ" އެއްޗެއް ކަމަށެވެ. އަދި ދިވެހިންގެ ފަންނުވެރިކަން އިތުރުކުރުމަށް ޑަބްސްމޭޝް ބައިވެރިއަކަށް ވެގެންދާނެ ކަމަށް ވެސް ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

ޑަބްސްމޭޝްގެ ބޮޑު ކޮމިއުނިޓީއެއް މިހާރު ރާއްޖޭގައި އެބައޮތެވެ. އެންމެނަށްވެސް މިތިބީ ހަމަ ރަނގަޅަށް ޑަބްސްމޭޝްގެ ހުންޖެހިފައެވެ.

comment ކޮމެންޓް