އީވޯން ރިޑްލީ އިސްލާމްވީ ޤުރުއާނުގައި އަންހެނުންގެ ހައްގާމެދު ދީފައިވާ ޔަގީންކަން އެނގުމުން

ހުޅަނގުގެ ފިކުރިއްޔާތަށް ތާޢީދުކުރާ ފަރާތްތަކުން ބުނާގޮތުގައި އިސްލާމްދީނަކީ އަންހެނުންނަށް ނިކަމެތިކޮށް ހިތާ ދީނެކެވެ. އަންހެނުން ހައްގުތަކުން މަހުރޫމްކުރާ ދީނެކެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ލިބެނީ އެމީހުންގެ މުޖުތަމައުތަކުންނެވެ.

ދިރިއުޅުމުގައި ހިތްހަމަޖެހޭ ރަނގަޅު މަގަކުން ދަތުރު ކުރުމަށްޓަކައި ދާނެ މިސްރާބެއް ނެތިފައިވަނިކޮށް އިސްލާމުވީ ހުޅަނގުގެ ގައުމުތަކަށް ނިސްބަތްވާ ކިތައް އަންހެނުން ހެއްޔެވެ. އެބައިމީހުންގެ ދިރިއުޅުމުގައި ދިމާވާ ކަންކަމަށް ހައްލު ހޯދޭނެ ގޮތެއް ނެތިފައި ތިއްބައި އިސްލާމްދީނުގެ ޒަރިއްޔާއިން އެމިހުންގެ ދިރިއުޅުމަށް ހައްލު ހޯދައިދީ އުޖާލާކަން ގެނެސްފައިވަނީ ހުޅަނގުގެ ކިތައް އަންހެނުންގެ ހެއްޔެވެ. ދެ ޖިންސުގެ މެދުގައި ތަފާތު ކުރުމާ ފަރަގުގެ ސަބަބުން ނިކަމެތިކަން ލިބިފައިވާ ހުޅަނގުގެ ކިތައް އަންހެނުންނަށް އިސްލާމްދީނުގެ ސަބަބުން ޢިއްޒަތް ލިބިދިން ހެއްޔެވެ.

އޭގެ ތެރެއިން އެކަކީ އިނގިރޭސި ވިލާތުގެ މަޝްހޫރު ޖާނަލިސްޓް އީވޯން ރިޑްލީއެވެ. އީވޯން ރިޑްލީއަކީ މޮޅު ނޫސްވެރިޔެއެކެވެ. އިނގިރޭސި ވިލާތުގެ 'ސަންޑޭ ޓައިމްސް'އާއި 'ދި އިންޑަޕެންޑެންޓް'ނޫހާއި 'ދިއޮބްޒާވް' ނޫހާއި 'ނިއުސް އޮފް ދަ ވޯލްޑް'އާއި 'ވޭލްސް އޮން ސަންޑޭ' 'ސަންޑޭ އެކްސްޕްރެސް' ގައި އޭނާ ވަނީ ޖާނަލިސްޓެއްގެ ގޮތުން މަސައްކަތްކޮށްފައެވެ. އަދި އޭނައަކީ 'ވޭލްސް އޮން ސަންޑޭ' ގެ ޑެޕިއުޓީ އެޑިޓަރުކަންވެސް ކޮށްފައިވާ ނޫސްވެރިޔެކެވެ.

އެމެރިކާގެ ޓްވިންޓަވަރަށް 2001 ވަނަ އަހަރު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ކަމަށް ބުނެ އެމެރިކާއާ ހުޅަނގުގެ ބާރުތަކުން އަފުގާނިސްތާނަށް އަރައި ހަނގުރާމަ ފެށިއިރު އީވޯން މަސައްކަތް ކުރުމުންދިޔައީ 'ސަންޑޭ އެކްސްޕްރެސް' ގައެވެ.

ސަންޑޭ އެކްސްޕްރެސްއިން އަފުޣާން ހަނގުރާމަ ކަވަރ ކުރުމަށް ފޮނުވި ޓީމުގައި އިވޯންވެސް ހިމެނެއެވެ. ދުނިޔޭގެ މީޑިއާއަށް އީވޯން ހާމަވެގެންދިޔައީ އަފުގާނިސްތާންގެ ޠާލިބަނުން އޭނާ ހައްޔަރުކުރުމުންނެވެ. ޠާލިބާނުން އޭނާ ހައްޔަރުކުރީ ހުޅަނގުގެ ބާރުތަކަށް ޖާސޫސްކޮށްދޭކަމަށް ބުނެއެވެ.

ހައްޔަރުކޮށްގެން އީވޯން ގެންދެވުނީ ޠާލިބާނުންގެ އަސްކަރީ މަރުކަޒަކަށެވެ. އީވޯން ބުނާގަޮތުން އޭނާ ހައްޔަރުގައި ހުއްޓައި އިސްލާމްވުމަށް ޠާލިބާނުން ހުށަހެޅިއެވެ. ނަމަވެސް އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އީވޯން ބުނިގޮތުން ހައްޔަރުގައި ހުރިއިރު ޠާލިބާނުންގެ ފަރާތުން އޭނާއަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ނުކުރެއެވެ.

ޤުރުއާން ކިޔެވުމަށް ޠާލިބާނުން އީވޯންއަށް ހުށަހެޅި އެވެ. ނަމަވެސް އޭނާ އެކަމާ ދެކޮޅު ހެދިއެވެ. އޭނާ ބުނީ، އޭނާ ހައްޔަރުން ދޫކޮށްލުމުމުން ޤުރުއާން ކިޔަވަން ވައުދުވާ ކަމަށެވެ. 2001 ވަނަ އަހަރު އޮކްޓޯބަރު މަހު އީވޯން ހައްޔަރުން ދޫކޮށްލި އެވެ.

އޭނާ އެނބުރި ގައުމަށް ދިޔައެއެވެ. ޠާލިބަނުންގެ ގާތު ވެފައިވާ ވައުދުގެ މަތިން އޭނާ ހަނދާން އެބަހުއްޓެވެ. އޭނާ އެވައުދު ފުއްދި އެވެ. ކީރިތި ޤުރުއާނުގެ އިނގިރޭސީ ތަރުޖަމާގެ ކޮޕީއެއް ހޯދައިގެން އޭނާ ކިޔަަވަންފެށިއެވެ. ދިރާސާކުރަން ފެށި އެވެ.

ގުރުއާނުން އަޖައިބުކުރުވަނިވި ކަންތައްތަކެއް އީވޯންއަށް ފެނުނެނެވެ. އެއީ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަ ކަމެވެ. ދީނީ ވާޖިބާތުތަކުގައިވެސް ފިރިހެންނުންގެ މަސްޢޫލިއްޔާތާ އަންހެނުންގެ މަސްޢޫލިއްޔަތު ހަމަހަމަ ކަމެވެ. ތައުލީމު ހާސިލުކުރުމާއި އުނގެނުމުގެ ހައްގުވެސް އަންހެނުންނަށްވެސް ފިރިހެނުންނަށްވެސް ދެއްވާފައިވާ ހަމަހަމަ ކަމެވެ. 'ފެމިނިސްޓް ގުރޫޕް'ތަކުން އަންހެނުންގެ ޙައްގުގައި ދައްކާ ވާހަކަތަކަށްވުރެ އިސްލާމް ދީނުގައި އަންހެނުންނަށް ދިފައިވާ ހައްގު ފުރިހަމަކަން ޤުރުއާނުގެ އަލީގައި އީވޯން ދެނެގަތެވެ.

އީވޯން އިސްލާމްވުމަށް މެދުވެރިވި ސަބަބަކީވެސް ގުރުއާނުގައި އަންހެނުންނަށް ދީފައިވާ ހައްގުތަކުގެ ފުރިހަމަކަމުންނެވެ. 2003 ވަނަ އަހަރު އީވޯން އިސްލާމްވި އެވެ.

އިސްލާމުވުމަށްފަހު ހިޖާބު އަޅައި ނިވާވުމުން އީވޯންއަށް ފާހަގަވީ ކުރިން ނުލިބުނު ރައްކާތެރިކަން ލިބެމުންދާކަމެވެ. ހިޖާބުގެ ސަބަބުން އޭނައަށް ބޮޑު ހިމާޔަތެއް ލިބެމުންދާކަމުގެ އިހްސާސް ކުރެވޭކަމަށް އީވޯން ވަނީ ބުނެފައެވެ.

އިސްލާމްދީނުން އީވޯންއަށް ފެނުނު އަނެއް ފުރިހަމަކަމަކީ މުސްލިމުން އަންހެން ކަނބަލުންގެ މެދުގައި އޮތުމަށް ބާރުއަޅާ 'ސިސްޓާހުޑް' ނުވަތަ އުޚުއްވަތްތެރިކަަމެވެ.

އިސްލާމުވުމުގެ ކުރިން އީވޯންއަކީ ނަޞާރާއެކެވެ. އީވާންގެ މަންމައަކީ ނަޞާރާ ދީނުގެ އަޅުވެރިޔެކެވެ. ހަނގުރަމަ ކަވަރު ކުރަން ދިއުމުގެ ކުރިން އީވޯންވެސް ބައެއްފަހަރު އޭނާގެ މަންމައާ އެކު ފަޅިއަށް އަޅުކަން ކުރަންދެއެވެ.

ނަމަވެސް މިއަދު އޭނާގެ އަޒުމެއް އެބައޮތެވެ. އެއީ ﷲ ފިޔަވައި އެހެން ފަރާތަކަށް ރުކޫކޮށް ސަޖިދަ ނުކުރުމެވެ.

އިސްލާމުވެ ހިޖާބު އެޅުމަށްފަހު އޭނާ އުޅޭ މުޖުތަމައުއިން އޭނާއަށް ގޮންޖެހުންތައް ކުރިމަތިވެއެވެ. ނަމަވެސް އޭނާ ހުރީ އެ ގޮންޖެހުންތަކާ އެކުވެސް އިސްލާމް ދީނުގެ އަގީދާގައި ސާބިތުވުމުގެ އަޒުމެވެ.

މިއަދު އީވޯންއަކީ އިނގިރޭސި ވިލާތުގެ މުސްލިމު އަންހެން ކަނބަލުންގެ މެދުގައި އިޖުތިމާއީ ގުޅުން ވަރުގަދަކުރުމަށް ބާރުއަޅާ އިސް ހަރަކާތްތެރިއެކެވެ. އީވޯން ބުނީ އިސްލާމުވުމަށްފަހު އިޖުތިމާއީ ގޮތުން އޭނާއަށް ވަރަށް ބޮޑަށް ޙަރަކާތްތެރިވުމުގެ ފުރުސަތު ލިބޭ ކަމަށާއި އެއީ އިސްލާމް ދީނުގައި އަންހެނުންނަށް މަތިކޮށްފައިވާ މަތިވެރި ދައުރުގެ ސަބަބުން ކަމަށެވެ.

އީވޯންއަކީ މިހާރު އިނގިރޭސިވިލާތުގެ މުސްލިމުންގެ މެދުގައި މަޝްހޫރުވެފައިވާ ބޭފުޅެކެވެ. މެދުއިރުމަތީގެ މުސްލިމު އަންހެނުންނަށް ދިމަވާ މައްސަލަތަކާ ބެހޭގޮތުން އިނގިރޭސި ވިލާތުގެ މުސްލިމު އަންހެނުން ހޭލުންތެރި ކުރުމަށްޓަކައި ލެކްޗަރ ދެއްވާ މޮޅު ވާހަކަދެއްކުންތެރިޔެކެވެ.

އިސްލާމު ވުމަށްފަހު އީވޯން ފެނުނީ ހަރަކާތްތެރި މުސްލިމު އަންހެނެއްގެ ގޮތުގައެވެ. އޭނާއަކީ ފަލަސްތީނު ރައްޔިތުންގެ ޙައްގުތަކަށް މަސައްކަތް ކުރުމުގައި އުފައްދަފައިވާ ބައިނަލްއަޣުވާމީ ނެޓްވޯކެއްގެ އިސްބޭފުޅެކެވެ. 2009 ވަނަ އަހަރު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރި ހަނގުރާމައަށްފަހު އޭނާވަނީ ޣައްޒާއަށް ވަޑައިގެން ހަމާސްގެ ޑެޕިއުޓީ ލީޑަރު އިސްމާޢީލް ހަނިއްޔާއާ ބައްދަލުކުރައްވައި އިންޓަވިއު ކޮށްފައެވެ.

އީވޯންއަކީ އިނގިރޭސި ވިލާތަށާއި އެމެރިކާއަށް ފާޅުގައި ފާޑުވިދާޅުވާ ބޭކަނބަލެކެވެ. އެހެންވެ އޭނާއަށް ކުރިމަތިވާ ގޮންޖެހުންވެސް ބޮޑެވެ. ނަމަވެސް އޭނާ ބުނަމުންދަނީ ފަލަސްތީނާއި ޗެޗްނިޔާއާއި އިރާގާއި އަފުގާނިސްތާނުގެ މުސްލިމުންގެ ހައްގުގައި ކުރާ މަސައްކަތުގެ އަޒުމެއް ގުޑުވާނުލެވޭނެ ކަމަށެވެ. އޭނާ ހޫރީ މުސްލިމުން އަންހެނުންގެ ޙައްގުގައި ކުރާ މަސައްކަތް ހުއްޓައިލާކަށެއް ނޫނެނެވެ. އޭނާގެ އަޒުމަކީ އެކަމުގައި ސާބިތުވެ ދެމިހުރުމެވެ.

comment ކޮމެންޓް