ރެޕް މިޔުޒިކް 'ބޭޑް ބޯއީސް' ގެ ލޫން އިސްލާމް ވުމަށް ކުރި ދަތުރު

ޗާންސީ ލަމޯންޓް ހޯކަންސްއަކީ އެމެރިކާގެ މަޝްހޫރު މިޔުޒިކް ބޭންޑް ބޭޑް ބޯއީސްގެ މަޝްހޫރު ލަވަ ކިޔުންތެރިޔެކެވެ. މިޔުޒިކްގެ ސްޓޭޖުތަކުގައި އޭނާގެ ނަން މަޝްހޫރު ވެފައިވަނީ ލޫން ގެ ނަމުންނެވެ. ލަވަޔާއި މިޔުޒިކްގެ ދުނިޔޭގައި އޭނާގެ ނަމަށް ބޮޑު މަގުބޫލު ކަމެއް ލިބިގެން ދިޔައެވެ. އޭނާއަށް މަޝްހޫރުކަން ލިބިގެންދިޔައީ ހަމައެކަނި އެމެރިކާގައެއް ނޫނެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން މަޝްހޫރުކަމާއި މަގުބޫލުކަން ލިބިގެންދިޔައެވެ. އޭނަގެ ލަވަތަށް ހިމެނޭ އަލްބަމްތައް ރެކޯޑް އަދަދަކަށް ވިކިގެންދިޔައެވެ.

މަގުބޫލުކަމާ އެއްވަރަށް ފައިސާއާއި މުއްސަނދިކަން އޭނައަށް ލިބިގެންދިޔައެވެ. އެންމެ ފަހުން ނެރުނު އޭނާގެ ލަވަތަކުގެ ކަލެކްޝަން އަލްބަމްގެ ހަތް މިލއަން ކޮޕީ ވަނީ ވިކިފައެވެ. އެ އަލްބަމުން އެކަނިވެސް އޭނާއަށް 70 ބިލިއަން ޑޮލަރު ލިބޭނެއެވެ. އޭނާއަށް އޮހެމުންދިޔަ ފައިސާއާއި މަގުބޫލުކަމާއި މަޝްހުރުކަން ދޫކޮށްލުމަށްފަހު ލޫން އިސްލާމް ވުން ވެގެންދިޔައީ ގިނަ ބަޔަކަށް ގަބޫލު ކުރަން ދަތި ސިހުން ގެނުވި ކަމަކަށެވެ.

މަޝްހޫރުކަމާއި ފައިސާވެރި ދިރިއުޅުން އެއްކިބާ ކުރުމަށް ލޫންއަށް ފެނުނީ ކޮންކަމެއް ހެއްޔެވެ. އޭނާގެ ހިތް ބަދަލުވީ ކީއްވެހެއްޔެވެ؟ ފައިސާވެރިކަމާއި އާންމުގެ ތަރުހީބު ލިބިލިބި ހުއްޓައި އެކަން އެއްކިބާ ކުރުމަށް ލޫން އަށް ފެނުނީ ކޮންކަމެއް ހެއްޔެވެ؟

ހިތްތަކުގެ ވެރި އިލާހު ﷲ سبحانه و تعالى އީ ހިތްތައް އެފުށް މިފުށަށް ޖައްސާވާ އިލާހެވެ. އެ އިލާހް ހިދާޔަތް ދެއްވަން އިރާދަ ކުރެއްވި މީހެއްގެ ހިތަށް މާގިނަ ދަލީލު ތަކެއް ދައްކާކަށް ނުޖެހެއެވެ. އޮހެމުން ދިޔަ ފައިސާއާއި ތަނަވަސްކަމާއި މަޝްހޫރުކަން ގުރުބާން ކުރުމަށްފަހު އެމީހަކު ﷲ ގެ ހަޟްރަތަށް ހާލިސްވެދެއެވެ.

އެކަން ވީވެސް އެހެންނެވެ. އެހުރިހާ ކަމެއް ގުރުބާން ކުރުމަށްފަހު ލޫންގެ ހަޔާތް ބަދަލުކޮށްލީ އަބޫދާބީއަށް އޭނާ ކުރި ދަތުރުގައި މިސްކިތެއް ހުރި ސަރަހައްދުގައި އޭނާ ހުއްޓައި މިސްކިތުގެ ތާޅަފިލިން ގޮވަމުން ދިޔަ ބަންގީގެ އަޑާއެކު މީސްތަކުން މިސްކިތްތަކަށް ޖަމާވާން ފެށުމުންނެވެ. އެމީހުންގެ މޫނު މަތިން އޭނާއަށް ފެނިގެން ދިޔައީ މާތް ކަމެވެ. ކޮންމެ މީހަކާ އެމީހުން ބައްދަލުވާއިރުވެސް ފެންނަނީ ހިނިތުވުމެވެ. އެބައިމީހުންގެ މުއާމަލާތުން ފެނިގެންދަނީ ހިތް ހެޔޮކަމެވެ. އެކުވެރި ކަމެވެ. އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ. މާތްކަމާއި ހިތް ހަމަޖެހުން ފެންނަނީ އަރަބި އިސްލާމުންގެ މޫނު މަތިން ހެއްޔެވެ؟

ފަހުން މިސުވާލަށް ޖަވާބެއް އޭނާއަށް ލިބުނެވެ. އޭނާއަށް އެނގުނު ގޮތުގައި އިސްލާމް ދީނަކީ އެއްބައެކެވެ. އެއް އާއިލާއެއް ކަމެވެ. އެންމެންނަކީވެސް އަޚުންނެވެ. އިސްލާމް ދީނުގައި ކޮންމެ ފަރުދަކީވެސް އެ ދީނަށް ހާއްސަ މީހެކެވެ. ދުނިޔޭގެ ކޮންމެ ތާކު ތިއްބަސް އެއީ އެއް އުންމަތެކެވެ.

މިދަތުރުން ފެނުނު ކަންކަމާމެދު ވަރަށް ފުންކޮށް އޭނާ ވިސްނި އެވެ. ފައިސާއާއި އަގުބޮޑު ދިރިއުޅުމުން ހަގީގީ ހިތް ހަމަޖެހުން ނުލިބޭކަން އޭނާއަށް އިހްސާސް ކުރެވުނެވެ. މަޝްހޫރު ކަމާއި ތަރުހީބަކީ އަގެއް ހުރި އެއްޗެއް ނޫންކަން އޭނާ ގަބުލުކުރި އެވެ. އިސްލާމްދީނާއި ހަމަޔަށް އޭނާގެ ވިސްނުން ފޯރި އެވެ. އޭނާ ނިންމީ އިސްލާމްދީނުގެ މަތިވެރި ނަސީބު ލިބިގަތުމަށެވެ. 2009 ވަނަ އަހަރު، ލޫން އިސްލާމް ވިއެވެ. އިސްލާމް ވުމަށްފަހު އޭނާގެ ނަން ބަދަލު ކުރިއެވެ. މިއަދު އެނާގެ ނަމަކީ މުހައްދިޘް އާމިރު ޖުނައިދެވެ.

އިސްލާމް ދީނުގެ އެ މަތިވެރި ނަސީބުން އޭނާ ހިތް އެކަނި ހިތްހަމަޖެހޭކަށް އާމިރު ބޭނުމެއް ނުވި އެވެ. އޭނާގެ އަންހެނުންނަށާއި ދަރީންވެސް އޭނާއާއެކު އިސްލާމްވި އެވެ.

އިސްލާމްވިތާ 10 މަސް ފަހުން 2010 ވަނަ އަހަރު އޭނާ ވަނީ ހައްޖު މޫސުމުގައި މައްކާއަަށާއި މަދީނައަށް ގޮސް ހައްޖުގެ މަތިވެރި އަޅުކަން އަދާކޮށްފައެވެ.

ރެކޯޑް އަދަދަކަށް ވިކުނު އޭނާގެ އަލްބަމްތަކުން ލިބުނު މަޝްހޫރުކަމާއި އޮހެމުންދިޔަ ފައިސާއާއި މުއްސަނދިކަން ގުރުބާންކުރުމަށް އޭނާއަށް ލިބުނީ ކޮން ހިތްވަރެއް ހެއްޔެވެ. މިހާ ހިސާބުން މިއަންނަނީ މުސްލިމު ޒުވާނުން އިބުރަތް ލިބިގަންނަންޖެހޭ ހިސާބެވެ. ލޮބުވެތި ޒުވާނުންނޭވެ. އެފަދަ ރިސްކެއް ނަގާކަށް ލޫން ފަސް ނުޖެހުނެވެ.

އޭނާ ބުނެފައިވާ ފަދައިން އިސްލާމް ދީނުގެ ފުރިހަމަކާއި އެދީނުން ލިބޭ ހިތް ހަމަޖެހުމަކީ އެކަން ތަޖުރިބާ ކުރަމުން ނުދާ މީހަކަށް ކިޔައި ދިނަސް އެމީހަކަށް ސިފަކުރެވޭނެ ކަމެއް ނޫނެވެ. އޭނާ ބުނެފައިވަނީ ފުންކޮށް ވިސްނައި އިސްލާމް ދީން ދިރާސާކޮށް އެދީނަށް އުޅެން ފަށައިފިނަމަ ކުރިން އޭނާ ހޭދަކުރި ދިރިއުޅުން އެއީ އެއެވްސް އަގެއް ހުރި އެއްޗެއްނޫކަން އެނގިދާނެކަމަށެވެ.

ނަމަވެސް އޭނާ އިސްލާމުވުމުން އޭނާއަށް ކުރިމަތިވާނެ ގޮންޖެހުންތައް އޭނައަށް އެންގެއެވެ. އޭނާ އެ ގައުމަކަށް ނިސްބަތްވާ އެމެރިކާގެ ސަރުކާރުން މުސްލިމުންނާމެދު ގެންގުޅޭ ތަފާތު ކުރުން އޭނާއަށްވެސް ކުރިމަތިވާނެ އެވެ. އަދި އޭނަ ފަދަ މަޝްހޫރު މީހަކު އިސްލާމުވުމުން އެ ގޮންޖެހުން ހާއްސަކޮށް އޭނާއަށް ކުރިމަތި ވާނެކަމަށް އާމިރު ދަނެއެވެ.

މިއަދު ލޫން ނުވަތަ އާމިރުގެ ޕްރޮފެޝަންއަކީ އެހެން ދާއިރާއެކެވެ. މިއަދު އޭނާއަކި ދީނުގެ ވާޖިބާތުތަކާ މެދު ފަރުވާކުޑަ ކުރާ މުސްލިމު ޒުވާނުންނަށް ވިސްނައިދީ އަލުން އިސްލާމްދީނުގެ މަގަށް ގެނައުމެވެ. އެގޮތުން އޭނާ ދަނީ ކެނޭޑިއަން އިސްލާމިކް ޕްރީޗިން އިސްޓިޓިއުޝަނާ ގުޅިގެން އިސްލާމް ދިނުގެ މެސެޖު އާންމުންނާ ހަމަޔަށް ފޯރުކޮށްދެމުންނެވެ.

އެ އިންސްޓްޓިއުޝަންގެ ދަށުން އޭނާ ވަނީ ހާއްސަ ޕްރޮގުރާމެއް ފަށައިފައެވެ. އެއީ މިޔުޒިކުގެ ތެރެއަށް ގެނބިފައިވާ ފަންނާނުންނަށް އިސްލާމްދީނުގެ މެސެޖު ފޯރުކޮށްދިނުމުގެ މަސައްކަތެވެ.

އާމިރު މުސްލިމު ޒުވާނުންނަށް ދޭ މެސެޖަކީ މިޔުޒިކް ކުޅޭ މީހުންނާއި އެމެރިކާއައި ހުޅަނގުގެ ލަވަކިޔުންތެރިންނަކީ ރޯލްމޮޑެލުން ކަމުގައި ނުބެލުމެވެ.

"އަހަރެން ބުނަން އޮތީ ތިޔަ ކުދީން މި ދީނާމެދު ފަހްރުވެރިވާށޭ! ހަމަ ހަގީގަތުގައިވެސް މިދީނަށް ނިސްބަތްވުމަކީ ފަހްރުވެރިވާން ޖެހޭ ކަމެއް! ލަވަކިޔުންތެރިންނާއި ފަންނުވެރިންނަކީ ތިޔަ ޒުވާނުންގެ ރޯލްމޮޑެލުން ކަމުގައި ނުބަލާ. ހިތުގެ އެންމެ ފުންމިނުން އިސްލާމް ދީނާމެދު ވިސްނާ. އިސްލާމްދީނުގެ ތަރަހައިގެ ތެރެއަށްވަދެ މިދީނަށް އުޅޭން ފެށުމުން ތިޔަ ޒުވާނުންގެ ހިތަށް ހިތް ހަމަޖެހުން ލިބިގެންދާނެކަން ޔަގީން. އޭރުން އެ ފަންނާނުންނަށް އަމާޒުކޮަށް ބަލައިފިނަ ތިޔަ ޒުވާނުންނަށް ފެންނާނީ އެމީހުންގެ ދިރިއުޅުމުގައި ހުރި ބުރަކަމާއި ހިތް ނުތަނަވަސްކަން. އެހެންކަމުން އިސްލާމްދީނަކީ ތިޔަ ޒުވާނުންގެ ދިރިއުޅުން އޭގެ މައްޗަށް ބިނާކުރާ އެއްޗެއްކަމުގައި ހައްދަވާ،" އުމުރުން 39 އަހަރުގެ ލޫން ނުވަތަ އާމިރު ބުނެފައި ވެއެވެ.

comment ކޮމެންޓް