ވިލުފުށީ ސްޕޯޓްސް އެރީނާގެ ބިންގާ ވަރަށް އަވަހަށް އަޅާނެ: މިނިސްޓަރު ޒުހޫރު

ޔޫތު މިނިސްޓަރު އަހްމަދު ޒުހޫރު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ ---- ސަން ފައިލް ފޮޓޯ

ތ. ވިލުފުށީގައި އަޅާ ސްޕޯޓްސް އެރީނާގެ ބިންގާ ވަރަށް އަވަހަށް އަޅާނެ ކަމަށް ޔޫތު މިނިސްޓަރު އަޙްމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

ވިލުފުށީ ފުޓްސަލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މާދަމާ ނުވަތަ ކައިރި މުސްތަގުބަލެއްގައި ސްޕޯޓްސް އެރީނާގެ ބިންގާ އެޅިގެން ދާނެކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ ސްޕޯޓްސްއެރީނާގައި އިންޑޯ އަދި އައުޓް ޑޯ ކުޅިވަރުތައްވެސް ކުޅެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށެވެ.

"މިރަށުގެ ޒުވާނުންނަށް އަޅުގަނޑު އިލްތިމާސް ކުރާނީ އެއްގޮތަކަށްވެސް ހިތް މަރު ނުވާށޭ. ކުރީގައި ތިބޭފުޅުންނަށް ކުޅޭނެ ތަނެއް ނެތް ނަމަވެސް މިދަނޑު ހުޅުވިގެންދަނީއޭ މަދަމާ ނުވަތަ ކައިރި މުސްތަގުބަލެއްގައި އިރާދަކުރެއްވިއްޔާ ތިބޭފުޅުންގެ އެރީނާވެސް ހުޅުވިގެންދާނެޔޭ،" ޒުހޫރު ވިދާޅުވިއެވެ.

މިނިސްޓަރު ޒުހޫރު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަގު މައްޗަށް ނިކުންނަނީ ނުލަފާކަން ދައްކަންކަމަށާއި ނުލަފާކަން ސަރުކާރަށް ވެސް ދެއްކޭނެ ކަމަށެވެ.

"މަގުމައްޗަށް މިނިކުންނާނީ ތިމާގެ ގައިގައި ހުރި ނުލަފާކަން ދައްކަން އަޅުގަނޑުމެންނަކީ ކުޑައިރުއް ސުރެވެސް ހަމަ ނުލަފާކަން މަތީގައި ކެރިތިބެ މިއަދާ ހިސާބަށްއައިސް އެ ނުލަފާކަންމަތީ ބޮޑުވެ ތައުލީމް އުނގެނި މިއަދު މިސަރުކާރަށް، މިއަދު ރައްޔިތުންނަށް ޚިދުމަތް ކުރަން ތެދުވެ ތިބި ޒުވާނުން. އެހެންވީމަ އެއްގޮތަކަށްވެސް ހީވެގެން ނުވާނެ. އަޙްމަދު އަދީބު އެކަންޏެއް ނޫން އަޅުގަނޑުމެންގެ ތެރޭގައި ކެރޭ ޒުވާނުންނަށް ތިބީކީ އަޙްމަދު އަދީބާއެކު އަޅުގަނޑުމެންވެސް މިތިބީ ކެރި ކުޅަދާނަކަންމަތީ ތިބެ އެނުލަފާކަން ދައްކަން. އެނުލަފާކަންމަތީ ނިކުންނަންވެސް ތައްޔާރަށް،" ޒުހޫރު ވިދާޅުވިއެވެ.

ރައްޔިތުން ބޭނުންވަނީ ސަރުކާރު ވައްޓާލަން ނޫންކަމަށައި ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި އިގްތިސޯދީ ގޮތުން ކުރިއަށް ދިއުމަށް ކަމަށެވެ.

ސަރުކާރު ވައްޓާލަން ބޭނުންވެގެން އުޅެނީ މަދު ބައެއް ކަމަށާއި އެއީ ސަރުކާރުގެ އާރާއި ބަރު ބޭނުންވެގެން އުޅޭ ބައެއް ކަމަށް ވެސް ޒުހޫރު ވިދާޅުވިއެވެ.

comment ކޮމެންޓް