ފުނަދޫގެ ހޫނުގަނޑު ފިނިކޮށްދޭ މީހާ!

ށ. ފުނަދޫން: ހުސައިން ހަސަން

އޭނާގެ ހަރަކާތްތައް ފެނުމުން ރަޔަޓް ގިޔަރުގައި ތިބި ފުލުހުންގެ މޫނުމައްޗަށް ހިނދުކޮޅަކަށް ނަމަވެސް ހިނިތުންވުމެއް ގެނެސްދެ އެވެ. އެހެން ނަމަވެސް އޭނާ ބޭނުން ވަނީ ފުލުހުން ރުއްސާކަށް ނޫނެވެ. ފުލުހުން ފައްސާލާށެވެ. އެކަމަކު މިރަށުގައި ރައްޔިތުންގެ ކުރާ އިހްތިޖާޖުގެ "ރޫހަކަށް" ވެގެން ރައްޔިތުން ހެއްވާލައި މައިދާނުގައި ރައްޔިތުން ބައިތިބާށެވެ. އެއީ މި ރަށު މަލަމް، އުމުރުން 40 އަހަރުގެ ހަސަން މަނިކެވެ. އޭނާގެ ނެށުމާއި އާދަޔާހިލާފު ބަނޑިތައް ވެފައި ވަނީ މިރަށު ރައްޔިތުންނާއި ތައްޔާރީ ހާލަތުގައި މިރަށަށް އަރާ ތިބި ފުލުހުންގެ ހިނިތުން ވުމަށެވެ.

"ރޫހަކީ ތިޔައީ! ހަސަން މަނިކާ ކުރިޔަށްގެންދޭ!" އެއްވެފައިވާ މީހުންގެ ތެރެއިން ދޭތެރެއަކުން ގޮވައިލަ އެވެ. "ހަސަން މަނިކާ އަހަރެމެނާއެކު ހުރޭ، ކޮންމެސް ނުދާތި!"

ރައްޔިތުންގެ ކުރިމަތީގައި ހަސަން މަނިކު ނަށައިލަ އެވެ. ދެން ރަޔަޓް ގިޔަރު ފުލުހުންގެ ކުރިމައްޗަށް ގޮސް ޖިމްނާސްޓިކްގެ ހުނަރު ދައްކާލައި އޮކޮޅު ކޮޅުން ބުރު އަޅަ އެވެ. ހަޅުތާލު ކުރުމުގައި ފުނަދޫ، ހަތަރުވަނަ ދުވަސް ގުނާއިރު ހަސަންމަނިކު ފޫހިވުމެއް ނެތި ހުރީ އޭނާގެ ގޮތުގައެވެ. އޭނާ ބުނާ ގޮތުންނަމަ ބޭނުމަކީ "ރައްޔިތުން މައިދާނުގައި ސާބިތު ކުރުވުމެ"ވެ. އަދި އޭނާގެ ސަބަބުން ރައްޔިތުންނަށް ލިބޭ ޖޯޝް ފެނިފައި ރަށަށް އަރާ ތިބި ފުލުހުން އަވަހަށް ފައިބައިގެން ދިއުމެވެ.

ހަސަން މަނިކުގެ ހަރަކާތްތަކުގެ "ސެޓް"ގައި ހިމެނެނީ ހަމައެކަނި ނެށުމެއް ނޫނެވެ. އޭނާ ފަށަނީ ދިވެހި އަދަބިޔާތުގެ ސަމާސާ އަދަބުގެ ބައިންނެވެ. މުނިފޫހި ފިލުވާ ދިނުމުގެ ދާއިރާގައި ހަރަކާތެރިވާ ފަންނާނުންގެ ހަރަކާތްތަކާއި ލަވަޔާއި ފަރިއްސާއެކު އޭނާ ސެޓް ނިންމައި ދެނީ ކަސްރަތުގެ ހަރަކާތްތަކުންނެވެ. އޭނާގެ ކޮންމެ ހަރަކާތެއް ވެގެންދަނީ މިރަށުގައި އެއްވެފައިވާ އެއްވުންހާ ބޮޑު، ކުޅިވަރު "ޝޯ" އަކަށެވެ.

ހަމަނުޖެހުންތަކުގައި ދެބަސްވެ ފުލުހުންނާ ބަހުގެ ހަމަލާތަކެއް ރައްދުވާ ކޮންމެ ފަހަރަކު ރައްޔިތުންގެ މޫނުމަށްޗަށް ކުއްލި ހިނިތުންވުމެއް ގެނުވައި މަސްރަހު ފިނިކޮަށްދޭ މެދުވެރިއަކީ ހަސަން މަނިކެވެ.

އަމިއްލަ ދޯންޏެއް ދުއްވާ، ކުޑަ އާއިލާގެ ބައްޕަ، ހަސަން މަނިކާމެދު އޭނާގެ ރައްޓެއްސަކު މިއަދު ބުންޏެވެ:

"އޭނާ ދުވަހަކު ވެސް ރުޅި އައިސްފައި ހުރިތަނެއް ނުދެކެން. ނިކަން ބަލައިބަލަ މިތަނުގައި ރައްޔިތުންގެ އެއްވެފައިވާއިރު ދެބަސް ވުމެއް އުފެދިއްޖެ ހާލަތުގަ އޭނާގެ އިސްނެގުން،"

ރޭ ދަންވަރު ފުލުހުން ކައުންސިލް އިދާރާގެ ތެރެއަށް ވަދެ، ފުނަދޫ ހޭއްލަވައިލުމާއެކު މަސްރަހު ބަދަލުވެގެން ދިޔައީ ބޮޑު ހަމަނުޖެހުމަކާ ދިމާއަށެވެ. ނަމަވެސް ހސަން މަނިކުގެ ހަރަކާތް ހުރީ އެންމެ އެކަތިގަޑަކަށް ހެދުމަށެވެ. ރައްޔިތުން "ވާނުވާ" ފިލުވައި ފިލުވައި ދިނުމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް