ޕާޓީތަކަށް ދައުލަތުން ދޭންޖެހޭ އެއްވެސް ފައިސާއެއް މިއަހަރު ދީފައެއް ނުވޭ: ތަސްމީން

މިރޭގެ ޖަލްސާގައި ތަސްމީނު ވާހަކަ ދައްކަވަނީ ----- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން އެއްވެސް ފައިސާއެއް މިއަހަރުތެރޭގައި ދީފައި ނުވާކަމަށް ޑީއާރުޕީގެ ކުރީގެ ލީޑަރު އަދި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު އަހުމަދު ތަސްމީނު އަލީ ވިދާޅުވެއްޖެ އެވެ.

"އަނިޔާވެރިކަން ނިންމަން" ނަމުގައި އެމްޑީޕީން މިރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ތަސްމީނު ވިދާޅުވީ، ސިޔާސީ ޕާޓީތަކަށް ފައިސާ ނުދިނުމަކީ، ކަނޑައެޅިގެން އިދިކޮޅު ސިޔާސީ ޕާޓީތަކުގެ ހަރަކާތްތައް ހުއްޓުވަން ސަރުކާރުން ކުރާ ކަމެއް ކަމަށެވެ.

"ހަމަ ކަނޑައެޅިގެން އަޅުގަނޑުމެން ހިންގާ ސިޔާސީ ހަރަކާތް ހުއްޓާލުމަށްޓަކައި، އިންތިޒާމު ކުރެވިގެން ގެންދާ ސިޔާސީ ހަރަކާތް ހުއްޓުވުމަށްޓަކައި އަޅުގަނޑުމެންނަށް ދައުލަތުގެ ބަޖެޓުން ގާނޫނުގައި ލިޔެވިގެން އެދޭ ފައިސާ ހިފަހައްޓާތަން އެބަފެނޭ. މިހާރު މިއީ އާންމުގޮތެއްގައި އަހަރުގެ ބަޖެޓު ފާސްކުރެވިގެން ފުރަތަމަ މަސްދުވަހުގެ ތެރޭގައި ލިބޭ ފައިސާ. މިހާރު ހަމަސް ދުވަސް ފާއިތުވާއިރު އަދި އެފައިސާ ދައުލަތުން އެއްވެސް ސިޔާސީ ޕާޓީއަކުން ނުދޭ،" ތަސްމީނު ވިދާޅުވި އެވެ.

ތަސްމީނު ވިދާޅުވީ، ދައުލަތުގެ ބަޖެޓުން ރުފިޔާ ނުލިބުނު ނަމަވެސް އެޕާޓީގެ މެންބަރުންގެ ޖީބުން ހަދަރުކޮށްގެން ނަމަވެސް ސިޔާސީ ހަރަކާތްތައް ކުރިއަށްގެންދާނެ ކަމަށެވެ.

ސިޔާސީ ތިން ބޭފުޅެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފައި ވާތީ، އެކަމާ ގުޅިގެން ތަސްމީނު ވިދާޅުވީ، އެއީވެސް އިދިކޮޅު ފަރާތްތަކުގެ ހަރަކާތްތައް ފެނި، ސަރުކާރު ބިރުގަނެ، ސިޔާސީ ހަރަކާތްތައް ހުއްޓުވަން ކުރިކަމެއް ކަމަށެވެ. އެގޮތުން މިހާރު ހަމައެކަނި ދައުވާއެއް ނުއުފުލައި ހުރީ އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދަށް ކަމަށާއި، އޭނާގެ މައްޗަށް ޓެރަރިޒަމަށް ވުރެ މަތީ ދައުވާއެއް އުފުލިޔަސް ސިޔާސީ ހަރަކާތްތައް ހުއްޓައިނުލާނެ ކަމަށް ތަސްމީނު ވިދާޅުވި އެވެ.

comment ކޮމެންޓް