ސަރުކާރުން މި އިންތިޒާރުކުރަނީ އެމްޑީޕީގެ އިތުރު ބަހަކަށް: ތަރުޖަމާން

ރައީސް އޮފީހުގެ ސްޕޯކްސްޕާސަން އިބްރާހިމް މުއާޒު އަލީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --- ސަން ފައިލް ފޮޓޯ

އިދިކޮޅު ސިޔާސީ ޕާޓީތަކާ ކުރަން ނިންމާފައިވާ މަޝްވަރާއާ ބެހޭގޮތުން އެއްޗެއް ނުބުނެ ސަރުކާރުން މިވަގުތު މަޑުކޮށްލައިގެން އޮތީ އެންމެ ބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީގެ އިތުރު ޖަވާބަކަށް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ ވިދާޅުވި އެވެ.

މުއާޒު މިއަދު 'ސަން' އަށް ވިދާޅުވީ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިކުރައްވައިގެން މަޝްވަރާކުރަން އެ ޕާޓީން ހުށަހެޅިނަމަވެސް އެމަނިކުފާނަށް މަޝްވަރާތަކުގައި ބައިވެރިނުވެވޭނެ ކަމަށް ސަބަބާއެކު އެމްޑީޕީއަށް އަންގާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެކަމާ ގުޅޭގޮތުން އެމްޑީޕީއަށް ފޮނުވި ސިޓީގައި، ސަރުކާރުގެ އެނިންމުމާ ގުޅިގެން އެޕާޓީން ނިންމާގޮތެއް އަންގައިދިނުމަށް އެދިފައިވާނެ ކަމަށެވެ.

"އެމްޑީޕީން ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރޭގައި ޖަލުގައި ހުކުމް ތަންފީޒުކުރަމުންދާ މުހައްމަދު ނަޝީދުގެ ނަންފުޅު ހިމެނޭތީ އެފަރާތަށް [އެމްޑީޕީއަށް] ސިޓީއަކުން ދަންނަވާފަ ވާނީ [މުހައްމަދު ނަޝީދަށް] ހުއްދައެއް ނެތް ވާހަކަ. ދެން އެފަރާތުގެ އިތުރު ބަހަކަށް އަޅުގަނޑުމެން މަޑުކޮށްލައިގެން މިތިބީ،" މުއާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އަދާލަތު ޕާޓީން މަޝްވަރާގައި ބައިވެރިވާ ބޭފުޅުންގެ ގޮތުގައި ހުށަހެޅުއްވި ނަންފުޅުތަކުގެ ތެރޭގައި އެޕާޓީގެ ރައީސް އައްޝައިޚް އިމްރާން އަބްދުﷲގެ ނަންފުޅު ހިމެނުނުކަމުގައި ވިޔަސް އޭނާއަށް އެ ހުއްދަ ނުދެވޭނެ ކަމަށް ސަރުކާރުން އަންގާފައިނުވާނެ ކަމަށެވެ. ސަބަބަކީ އިމްރާން ފުލުހުންގެ ބަންދުގައި ހުރީ ކޯޓުން ބަންދުގެ މުއްދަތު އިތުރުކުރުމުން ކަމަށްވެފައި، ފަހަރެއްގައި އިމްރާން ބަންދުން ދޫކޮށްލުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ބެލެވޭތީ ކަމަށް މުއާޒު ވިދާޅުވި އެވެ.

"ސަރުކާރަށް އެބޭފުޅާ [އިމްރާން އަބްދުﷲ] މަޝްވަރާގެ މޭޒަކަށް ނުގެނެވޭނެ ކޯޓަކުން ފުލުހުންގެ ބަންދުގައި ބަހައްޓާފައިވަނިކޮށް. އެހެންނަމަވެސް މިސާލަކަށް އެބޭފުޅާ ދޫކޮށްލެއްވީ މަޝްވަރާތައް ފެށެންވާއިރަށް، އެހެންވެއްޖެއްޔާ އެބޭފުޅާއަށް ބައިވެރިވެވަޑައިގެންނެވޭނެ،" މުއާޒު ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މަޝްވަރާތަކުގައި ބައިވެރިވާން ހުށަހެޅި އެއްވެސް ބޭފުޅަކު މަޝްވަރާތަކުގައި ބައިވެރިކުރުމަށް މިވަގުތު ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ސަރުކާރުން މަސައްކަތް ކުރަމުންގެންދަނީ އިދިކޮޅު ތިން ޕާޓީ ވެސް ހިމެނޭގޮތަށް ވީހާވެސް ރަނގަޅަކަށް މަޝްވަރާގެ ކަންތައް ކުރިއަށްގެންދަން ކަމަށާއި އެއްވެސް ޕާޓީއަކުން ފުރިހަމައަށް ތައްޔާރުނުވަނީސް ކުއްލިއަކަށް މަޝްވަރާ ފެށުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.

comment ކޮމެންޓް