ލީބިޔާގެ މަސްރަހު:
ޤައްޒާފީގެ ވެރިކަމުގެ ނިޒާމަށާއި އާއިލާއަށް އދ. އިން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތައް އަޅައިފި

ނިޔުޔޯކް : ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް އަނިޔާވެރި ޢަމަލުތައް ހިންގަމުން ގެންދާ މުޢައްމަރުލްޤައްޒާފީގެ ވެރިކަމުގެ ނިޒާމާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ.

ސަލާމަތީ މަޖިލީހުގެ ޗެޕްޓަރ 7 ގެ ދަށުން އެމަޖިލީހުގެ މެންބަރުންގެ އިއްތިފާޤުން އެޅި ދަތިކުރުމުގެ މިފިޔަވަޅުތައް އަމާޒުކޮށްފައިވަނީ ގައްޒާފީގެ ވެރިކަމުގެ ނިޒާމަށާއި އޭނާއަށާއި އޭނާގެ ދަރިންނަށެވެ.

ފަރަންސޭސިވިލާތާއި އިނގިރޭސިވިލާތުން އިސްނަގައިގެން ސަލާމަތީ މަޖިލީހަށް ހުށަހަޅައިގެން ފާސްކުރި މިޤަރާރުގައި ގައްޒާފީގެ ސަރުކާރަށް ހަތިޔާރު ފޯރުކޮށްދިނުން މަނާކުރުމާއި ގައްޒާފީއާއި އެނާގެ ދަރިންގެ ތެރެއިން 4 ބޭފުޅެއްގެ ފައިސާއާއި މުދާ ހިފެހެއްޓުން ހިމެނެއެވެ.

އަދި ގައްޒާފީއާއި އޭނާގެ ޢައިލާގެ މެންބަރުންނާއި ގައްޒާފީއާ އެންމެ އަރިސް 6 މަސްއޫލުވެރިއަކު ބޭރަށް ދަތުރުކުރުން މަނާކުރުމާއި ގައްޒާފީގެ ސަރުކާރުން ލީބިޔާގެ ރައްޔިތުންނާ ދެކޮޅަށް ހިންގާފައިވާ އަދި ހިންގަމުން ގެންދާ އަނިޔާވެރި ޢަމަލުތަކުގެ މައްސަލަ ބައިނަލްއަޤްވާމީ ޖިނާއީ ކޯޓަށް ހުށަހެޅުންވެސް މިޤަރާރުގައި ހިމެނެއެވެ.
ސަލާމަތީ މަޖިލީހުގެ މިޤަރާރު ފާސްކުރުމަށް އެންމެ ބޮޑަށް މަސައްކަތްކޮށްފައިވަނީ އދ. ގައި ތިއްބަވާ ލީބިޔާގެ ޑިޕްލޮމޭޓުންނެވެ. އެބޭފުޅުންވަނީ ގައްޒާފީގެ ނިޒާމުން ވަކިވެގެން ލިބިޔާގެ ރައްޔިތުންގެ ކޮޅަށް ޖެހުނުކަން އިޢްލާން ކުރައްވާފައެވެ.

މިޤަރާރު ފާސްކޮށްފައިވަނީ ސަލާމަތީ މަޖިލީހުގެ ޗެޕްޓަރ 7 ގެ ދަށުން ކަމަށްވާތީ އދ. ން ބޭނުން ވެއްޖެ ހިނދެއްގައި ލީބިޔާގެ މައްސަލަ ޙައްލުކުރުމަށްޓަކައި ނުނީ ގައްޒާފީގެ ސަރުކާރުން ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށްޓަކައި ޢަސްކަރީ ގޮތުން ލީބިޔާއަށް ވަދެ ގަތުމުގެ ފުރްސަތު މިޤަރާރުގެ ދަށުން ލިބިދޭ ކަމަށް މުރާސިލުން ބުނެއެވެ.

ނަމަވެސް ބޭރުގެ އެއްވެސް ޢަސްކަރީ ބާރެއް ލީބިޔާއަށް ވަދެގަތުމުގެ ފުރްސަތު ނުދޭނެ ކަމަށާއި ލިބިޔާގެ ރައްޔިތުން ގައްޒާފީގެ ނިޒާމް ވައްޓާލާނެ ކަމަށް ލިބިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެއެވެ. (އަލްޖަޒީރާ)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު