ހަތަރު ބާވަތެއްގެ ކާނާ ކެއުމުން އާދަޔާ ޚިލާފަށް ވިސްނުން ތޫނުކޮށްދޭ

ފަރުމަސް: އާންމުކޮށް ކެއުމުގައި ފަރުމަސް ބޭނުންކުރާނަމަ ވިސްނުން ތޫނުވާނެ.

ހަތަރު ބާވަތެއްގެ ކާނާ ރެގިއުލަރކޮށް ކެއުމަކީ ވިސްނުން ތޫނުވެ ސިކުނޑީގެ ސިއްޙަތު ރަނގަނޅުވާކަން އެމެރިކާގައި ކުރި ދިރާސާތަކަކުން ހާމަވެއްޖެ އެވެ.

އެމެރިކާގެ މަސަޗޫސެޓްސް ސްޓޭޓްގެ ސައެންޓިފިކް ރީސާޗް ސެންޓަރުގެ އިލްމުވެރިން ކުރެއްވި އެތައް ދިރާސާތަކަކަށްފަހު ނެރެފައިވާ ނަތީޖާ ދައްކާ ގޮތުން ކަނޑުމަހުގެ ބާވަތްތަކާއި އެކިވައްތަރުގެ ރޯ ޓޮމާޓޯ އާއި ބީން ނުވަތަ އެކިވައްތަރުގެ ތޮޅި އާއި ކިރާއި ކިރުގެ ބާވަތްތައް ކާއިރު އާންމުގޮތެއްގައި ބޭނުންކުރަމުން ގެންދިޔުމަކީ ވިސްނުން ތޫނުވެ ސިކުނޑީގެ ސިއްޙަތު ރަނގަނޅުވާ ކަމެކެވެ. ނަމަވެސް މިބާވަތުގެ ކާބޯތަކެއްޗާއެކު އެހެންބާވަތްތަކުގެ ރަނގަޅު ކާނާކެއުމާއި ގިނައިން ހެލިފެލިވެ ހަރަކާތްތެރިވުމަކީ ވެސް ސިކުނޑީގެ ސިއްޙަތަށް މުހިއްމު ކަމެކެވެ.

ކަނޑުގައި ދިރިއުޅޭ މަހުގެ ތެރެއިން ވެސް ވިސްނުން ތޫނުވުމަށް އެންމެ ރަނގަނޅު ކަމަށް ވަނީ އެކިބާވަތުގެ ފަރުމަހެވެ. ނަމަވެސް ކަނޑުގައި އުޅޭ ގިނަ މަސްތަކުގައި އިންސާނާގެ ސިކުނޑި ތާޒާވުމަށާއި ސިކުނޑީގެ ބާރުގަދަކޮށްދިނުމަށް ބޭނުންވާ މާއްދާތައް ވަރަށް ބޮޑަށް އެކުލެވޭކަން މި ދިރާސާއިން ހާމަވެފައިވެ އެވެ. މީގެތެރޭގައި ފަރުމަހުގެ އިތުރުން ސީފުޑްގެ ނަމުގައި ސިފަކުރެވޭ ތަކެއްޗަކީ ވެސް ސިކުނޑި ވަރުގަދަކޮށްދޭ އެއްޗެކެވެ.

ކަނޑުގައި ދިރިއުޅޭ މަސްތަކުގައި ހުންނަ ފެޓީ އެސިޑަކީ ވެސް ސިކުނޑިއަށާއި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ވެސް ވަރަށް ފައިދާބޮޑު މައްދާއެއްކަން ވެސް މަސަޗޫސެޓްސް ސައެންޓިފިކް ރީސާޗް ސެންޓަރުގެ އިލްމުވެރިންވަނީ ފާހަގަ ކުރައްވާފަ އެވެ. އެހެންކަމުން ބަލިވެ އިންނަ އަންހެނުން ކަނޑުމަހުގެ އެކިބާވަތްތައް ކެއުމަށް މި އިލްމުވެރިން ވަރަށް ބޮޑަށް ބާރުއަޅުއްވާފައިވެއެވެ. ރޯ ޓޮމާޓޯ އާއި ބީން ނުވަތަ އެކިވައްތަރުގެ ތޮޅި އާއި ކިރާއި ކިރުގެ ބާވަތްތަކާބެހޭ ގޮތުން މި ބޭފުޅުން ވިދާޅުވެފައި ވަނީ މިއީ ކޮންމެ ދުވަހެއްގެ ކެއުމުގައި ވެސް މަދުވެގެން އެއް ފަހަރު ބޭނުންކުރަންޖެހޭ ބާވަތްތަކެއް ކަމުގަ އެވެ.

މިބާވަތްތައް ގަވައިދުން (ރެގިއުލަރކޮށް) ކެއުމުގައި ބޭނުންކުރާނަމަ ހަނދާން ވަރުގަދަކޮށްދީ ވިސްނުން ތޫނުވުމަށް ބޭނުންވާ މައްދާތައް ސިކުނޑީގައި އުފައްދާ މިންވަރު އިތުރުވާކަން ދިރާސާތަކުން ހާމަވެފައިވާ ކަމަށް ވެސް މަސަޗޫސެޓްސްގެ އިލްމުވެރިން ވިދާޅުވެ އެވެ. މި މާއްދާތައް އެންމެ ކުޑައިރުން ފެށިގެން ކުއްޖާއަށް ދެވޭނަމަ އެކުއްޖާގެ ވިސްނުން އާދަޔާ ޚިލާފަށް ތޫނުކަން ފާހަގަވާ މިންވަރަށް މައްޗަށް ދާނެކަމަށާ ޖީނިޔަސް އަކަށް އެ ކުއްޖާ ވުމަކީވެސް އެކަށީގެންވާ ކަމެއްކަމަށް އެބޭފުޅުން ވިދާޅުވެއެވެ. ނަމަވެސް ގުދްރަތީގޮތުން ކުއްޖާ އުފަންވާއިރު ވެސް އާދަޔާޚިލާފަށް ވިސްނުން ތޫނު ކުދިން ތިބޭ ކަމަށާއި އެއީ މި ބާވަތުގެ ކާބޯތަކެތި ކެއުމާ ގުޅުން ހުރިކަމެއް ކަމަށް ނުބެލެވޭ ކަމަށް ވެސް މަސަޗޫސެޓްސްގެ އިލްމުވެރިންގެ ދިރާސާގައި ބުނެފައިވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު