800 މިލިއަން ޑޮލަރުގެ ތުހުމަތު:
އެސްޓީއޯގެ ދެ މުވައްޒަފަކު ގޭގައި މަޑުކުރަން އަންގައިފި

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމާއި އެ މަނިކުފާންގެ އާއިލާ އިން 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރިކޮށްފައިވާ ކަމަށް ތުހުމަތުކޮށް، އިންޑިއާގެ ދަ ވީކް މަޖައްލާގައި ޝާއިއުކޮށްފައިވާ ލިޔުމަކާ ގުޅިގެން ރިއާސީ ކޮމިޝަނުން ބަލަމުންދާ މައްސަލަ އަކަށް އެސްޓީއޯގެ ދެ މުވައްޒަފަކު ސަސްޕެންޑްކޮށް ގެއަށް ފޮނުވާލައިފި އެވެ.

އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ޝާހިދު އަލީ މިއަދު ވިދާޅުވީ، އެ ކުންފުނީގެ ފައިނޭޝަލް އޮފިސާ ސަނާ މަންސޫރާއި ޖެނެރަލް މެނޭޖާ، ހިއުމަން ރިސޯސަސް، ފާތުމަތު އާޝާން "މި ވަގުތު ގޭގައި މަޑުކޮށްލަން" މިއަދު އެންގެވި ކަމަށާއި ނަމަވެސް އެ ދެ ބޭފުޅުން ގޭގައި މަޑުކުރެއްވުމަށް އެންގެވީ އެ ބޭފުޅުންގެ އެއްވެސް ކުށެއް މިހާތަނަށް އޮވެގެން ނޫން ކަމަށެވެ.

"އެ ކުންފުނީގައި ބައިވެރިވުން ފިޔަވައި އެ ދެ ބޭފުޅުންގެ އެއްވެސް ކުށެއް މިހާތަނަށް ފާހަގަކުރެވިފައެއް ނެތް،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ދެ ބޭފުޅުންނަކީ ވަރަށް ރަނގަޅު، ޕްރޮފެޝަނަލް ދެ ބޭފުޅުން ކަމަށާއި އަދި މިފަދަ ކަމަކާ ގުޅިގެން އެ ބޭފުޅުންގެ ކްރެޑިބިލިޓީ އަށް ގެއްލުމެއް ވެދާނެތީ ހިތާމަ ކުރައްވާ ކަމަށާއި ނަމަވެސް "މިނިވަންކޮށް އެ މައްސަލަ ތަހުގީގު ކުރުމަށް" އެ ބޭފުޅުން ގޭގައި މަޑުކުރައްވަން ޖެހޭތީ އެފިޔަވަޅު އަޅުއްވަން މަޖުބޫރުވާ ކަމަށެވެ.
"ފަހަރެއްގައި ވެސް އެ ބޭފުޅުން ގޭގައި މަޑުކުރަން އެންގީ އެ ބޭފުޅުން ކުށްވެރިވެގެނެއް ނޫން. މިނިވަންކަމާ އެކު އެ މައްސަލަ ބަލާއިރު އެ ބޭފުޅުން ގޭގައި މަޑުކުރައްވަން ޖެހޭތީ އެ ފިޔަވަޅު އެޅީ،" ޝާހިދު ވިދާޅުވި އެވެ.

މީގެ ދެތިން އަހަރު ކުރިން އެސްޓީއޯ އޮޑިޓް ކުރި އިރު، އޮޑިޓް ރިޕޯޓުގައި ވެސް ފާހަގަކޮށްފައި ވަނީ، މޯކަމް ކިޔާ ކުންފުންޏަކާ އެކު އެސްޓީއޯ އިން ވިޔަފާރި ކުރި ކަމަށާއި އެ ކުންފުންޏާ އެކު ހަދާފައިވާ ޖޮއިންޓް ވެންޗާ ކުންފުނީގެ ހިއްސާދާރުންނަކީ ސަނާ މަންސޫރާއި ފާތުމަތު އަޝާން ކަމަށެވެ. އަދި އޭގެ ފަހުން މިވީ ދުވަސްތަކުގައި ވެސް އެ ދެ ބޭފުޅުން އަންނަނީ އެސްޓީއޯގައި މަސައްކަތް ކުރައްވަމުންނެވެ.

މި ހުރިހާ ދުވަހަކަށް ފަހު ކުއްލި އަކަށް އެ ދެ ބޭފުޅުން ވަޒީފާ އިން ސަސްޕެންޑް ކުރެއްވީ ކީއްވެތޯ ދެންނެވުމުން ޝާހިދު ވިދާޅުވީ މިހާރު "ތަންކޮޅެއް ތަފުސީލުކޮށް" އެ މައްސަލަ ރިއާސީ ކޮމިޝަނުން ބައްލަވަމުންދާތީ އެ ބޭފުޅުން ގޭގައި މަޑު ކުރައްވަން އެންގެވީ ކަމަށެވެ.

ނަމަވެސް ޝާހިދު ވިދާޅުވީ "ގާނޫނު ބުނާ ގޮތުން އެ ބޭފުޅުން ގޭގައި ބައިތިއްބޭނީ ގިނަވެގެން 14 ދުވަހު" ކަމަށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު