ފުލުހުންގެ ބަސް:
ފުނަދޫއާއި ތުލުސްދޫގައި ފުލުހުން މަސައްކަތްކުރީ ހޯމް މިނިސްޓްރީގެ އެދުމަށް ދައުލަތުގެ މުދާތައް ހިމާޔަތް ކުރަން

އަތޮޅު ކައުންސިލް އިދާރާ ތަކުގައި ތަޅުއަޅުވައި، އެ އޮފީސްތަކަށް ކައުންސިލަރުންނަށް ވަދެވަޑައިނުގެންނެވޭނެ ގޮތަށް ފުލުހުން މަސައްކަތްކޮށްފައިވަނީ އެތަންތަނުގައި ހުރި ދައުލަތުގެ މުދާ ހިމާޔަތް ކުރުމަށް ހޯމް މިނިސްޓްރީން އެދުމުން ކަމަށް ފުލުހުން ބުނެފި އެވެ.

ކ. އަތޮޅު ކައުންސިލުން އަތޮޅު ކައުންސިލް އިދާރާގެ ގޮތުގައި ކަނޑައަޅައިފައިވާ ތުލުސްދޫ އޮފީހާއި އަދި މާފުށި އަތޮޅު އޮފީހުގައި ފުލުހުން ތަޅުއެޅުވުމުގެ އިތުރަށް ށ. އަތޮޅު ކައުންސިލްގެ އިދާރާގެ ގޮތުގައި ހަމަޖައްސާފައިވާ ފުނަދޫ އޮފީހުން މިއަދު ކައުންސިލަރުން ބޭރުކުރުމަށް ފުލުހުން ކުރި މަސައްކަތާ ގުޅޭ ގޮތުން ދެއްވި އިންޓަވިއުއެއްގައި ފުލުހުންގެ ސަބްއިންސްޕެކްޓާ އަހްމަދު ޝިޔާމް ވިދާޅުވީ، އެކަންތައްކޮށްފައިވަނީ ކައުންސިލަރުންނަށް ހުރަސް އެޅުމުގެ މަގުސަދުގައި ނޫން ކަމަށެވެ.

ފުލުހުން ހުރިހާ ވަގުތެއްގައިވެސް އަމަލުކޮށްފައިވަނީ، ހޯމް މިނިސްޓްރީގެ އެދުމުގެ މަތިން އެ އޮފީސްތަކުގައި ހުރި ދައުލަތުގެ މުދާ ހިމާޔަތްކުރުމަށް ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

"ލޯކަލް ކައުންސިލްތައް އުފެދިގެން އައިރު ވަކި ތަނެއްގައި މުދާ މިހުރީ. ދައުލަތުގެ މުދަލެއް ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ތަނަކަށް ލޯކަލް ކައުންސިލުން ނިންމާފައި ބަދަލު ކުރުމުގެ ކަންތައްތަކެއް ކުރިއަށް މިދިޔައީ. ދެން އެކަމުގައި އެ އޮންނަ އުސޫލުން އެކަން ނުދާތީ އެތަނުގައި ހުރި ތަކެތި ބެލެހެއްޓުމަށް ހޯމް މިނިސްޓްރީން ފުލުހުންގެ ކިބައިން އެދިވަޑައިގަތުމުން ދެ ފަރާތުން އެކަން ހައްލު ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައީ،" ޝިޔާމް ވިދާޅުވި އެވެ.

މީގެ އިތުރުން، އެތަންތަން ބެލެހެއްޓުމަށް ނުވަތަ އެމުދާތައް ހިމާޔަތް ކުރުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް ފުލުހުން އަޅާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ކައުންސިލުތަކުން ކަނޑައެޅިފައިވާ އުސޫލުތަކަށް ތަބާވުމަށް އޭނާ އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އިލްތިމާސަކީ އެއްވެސް ފަރާތަކުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ލޯކަލް ކައުންސިލުން ވެސް އެއޮންނަ އުސޫލުން ކުރިއަށް ވަޑައިގަތީމަ ރަނގަޅުވާނެއޭ. އޭރުން ފުލުހުންގެ ދައުރެއް އެކަމުގައި ނޯންނާނެ." ޝިޔާމް ވިދާޅުވި އެވެ.

ނަމަވެސް، ތުލުސްދޫއާއި ފުނަދޫގައި މިހާރު ފެންމަތިވެގެން އުޅޭ މައްސަލަ ވަކި ގޮތަކަށް ނިމެންދެން އެ ރަށްރަށުގައި ފުލުހުން ތިބޭނެ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ތުލުސްދޫއާއި ފުނަދޫއަށް ރައަޓް ގިއަރުގައި ފުލުހުން އަރައި، އަތޮޅު އިދާރާތަކުގައި ކައުންސިލަރުންނަށް މަސައްކަތްނުކުރެވޭ ގޮތަށް އަމަލުކުރުމާ ގުޅިގެން އެރަށްރަށުގެ މަސްލަހަތު މިއަދު ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ. ތުލުސްދޫގައި އާއްމުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުން ހިނގައި، ދެބައިމީހުނަށް އެކިވަރުގެ އަނިޔާވެފައި ވެއެވެ. ނަމަވެސް، ފުނަދޫގައި މައްސަލަ މާރާމާރީއަކަށް ނުގޮސް، ވަނީ ނިމިފަ އެވެ.

ކައުންސިލަރުންގެ މަސައްކަތަށް ހުރަސް ނޭޅުމަށް ފުނަދޫއާއި ތުލުސްދޫ ކޯޓުން ވަނީ މިއަދު އަމުރެއް ނެރެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު