ލީބިޔާގައި ތިބި ދިވެހި ތިން ކުދިން ތުރުކީއަށް ގެންދަނީ

ލީބިޔާގެ ވެރިރަށް ޓްރީޕޮލީގައި މިވަގުތު ތިބި ތިން ދިވެހި ކުދިން ތުރުކީ އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ހާރިޖިއްޔާ އިން މިއަދު ބުނެފި އެވެ.

ދިވެހި ހާރިޖިއްޔާގެ ޑިރެކްޓާ އޮފް ކޮމިއުނިކޭޝަން އިރުޝާދާ އަބްދުއްސައްތާރު މިއަދު ވިދާޅުވީ ލީބިޔާގައި ކިޔަވަން ތިބި ދިވެހި ތިން ކުދިންގެ ހާލު ވެސް ރަނގަޅު ކަމަށާއި އެ ކުދިން ތިބީ ލީބިޔާގެ ޓްރިޕޮލީގައި ކަމަށެވެ. އިރުޝާދާ ވިދާޅުވީ ތުރުކީ އެމްބަސީއާ ގުޅިގެން އެ ކުދިން ތުރުކީ އަށް ގެންދިޔުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެތިން ކުދިން ވެސް ކިޔަވަމުން އަންނަނީ ޓްރިޕޮލީގައި ހުންނަ ކުއްލިއްޔަތުލް ދައުވާ އަލްއިސްލާމިއްޔާ (އިސްލާމިކް ކޯލް ކޮލެޖް)ގައި ކަމަށް ވެސް އިރުޝާދާ ވިދާޅުވި އެވެ.

"އެ ތަނުން އެއް ކުއްޖެއްގެ އާއިލާ އަށް މިހާރު ގުޅިއްޖެ. އެ އާއިލާ މެދުވެރިކޮށް ކޮމިނިޔުކޭޓް ކުރަމުން މި އަންނަނީ. އެ ކުދިން ތުރުކީ އެމްބަސީ މެދުވެރިވެގެން ވީހާ ވެސް އަވަހަށް އެ ކުދިން ތުރުކީއަށް ގެންދެވޭތޯ މަސައްކަތް މި ކުރަނީ،" އިރުޝާދާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލީބިޔާގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ކު ދިންނާ މުއާސަލާތު ކުރުމުގައި އުނދަގޫތަކާ ކުރިމަތި ވަމުން އަންނަ ކަމަށެވެ.

"އަޅުގަނޑުމެން މަޑުކުރަން މިޖެހެނީ އެ ކުދިން ގުޅަންދެން. މި ކޮޅަކުން އެކުދިންނަކާ ނުގުޅޭ. އެކުދިން ގުޅީމަ މި ވާހަކަ ދެއްކެނީ،" އިރުޝާދާ ވިދާޅުވި އެވެ.

ލީބިޔާގެ ލީޑަރު ކާނަލް މުއައްމަރުލް ގައްޒާފީގެ 42 އަހަރުވީ ވެރިކަން ވައްޓާލުމަށް އެގައުމުގެ ރައްޔިތުން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން މުޒާހަރާ ކުރަން ފެށި އިރު އެގައުމުގައި ހަ ދިވެއްސަކު ތިބި ނަމަވެސް މިހާރު އެގައުމުގައި ތިބީ ތިން ދިވެހިންނެވެ.

ރޮއިޓާސް އިން އިއްޔެ ބުނީ ލީބިޔާގެ ވެރިރަށް ޓްރިޕޮލީގެ ބައެއް ސަރަހައްދުތައް ގައްޒާފީގެ ބާރުތަކުގެ ކޮންޓްރޯލުން ބޭރުވެ މުޒާހަރާކުރާ ކުރާ މީހުންގެ އަތްދަށަށް ހިނގައްޖެ ކަމަށެވެ.

ގައްޒާފީ ގެންދަވަނީ މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ކުލީ ސިފައިންނާއި ބަރުހަތިޔާރުން ހަމަލާތައް ދެމުންނެވެ. ރައްޔިތުންނާ ދެކޮޅަށް ބާރުގެ ބޭނުންކުރުމުގެ ސަބަބުން ހާހަކަށް ވުރެ ގިނަ މީހުން މިހާތަނަށް މަރުވެފައިވާ ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

ކިތަންމެ ވަރަށް މުޒާހަރާ ކުރި ނަމަވެސް ވެރިކަން ދޫކޮށްނުލައްވާނެ ކަމަށާއި މުޒާހަރާ ކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރައްވާނެ ކަމުގެ އިންޒާރު ގައްޒާފީ ވަނީ ދެއްވައިފަ އެވެ.

މިހާރު ލީބިޔާގެ އެތެރެއާއި ބޭރުގައި ހަރަކާތްތެރިވެ ވަޑައިގަންނަވާ އެތައް އިސް މަސްއޫލުވެރިއަކާއި ލީބިޔާ ސިފައިންގެ އެތައް ހާސް ބަޔަކު ވެސް ވަނީ ގައްޒާފީގެ އަނިޔާވެރި އަމަލުތަކާ ގުޅިގެން މަގާމުން އިސްތިއުފާދެއްވައި ރައްޔިތުންގެ ކޮޅަށް ޖެހިފަ އެވެ. ނަތީޖާއެއްގެ ގޮތުން ގައްޒާފީގެ ވެރިކަމުގެ ނިޒާމުގެ އަސްކަރީ އަދި ސިޔާސީ އޮނިގަނޑު ރޫޅި ލީބިޔާގެ ގިނަ ރަށްތަކުގެ ކޮންޓްރޯލް ގައްޒާފީގެ ސަރުކާރަށް ގެއްލި އޭނާ ވަނީ ޓްރިޕޮލީގައި ހުންނަ ބާބުލްއަޒީޒިއްޔާ ކޭމްޕްގައި ހިސާރުވެފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު