ގައުމީ ޔުނިވަސިޓީގެ ކެމްޕަހެއް ގުޅިފަޅުގައި ތަރައްގީ ކުރަން ނިންމައިފި

ގުޅިފަޅުގައި ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކެމްޕަހެއް ބިނާކުރަން ނިންމާފައިވާ ކަމަށް ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުން މިއަދު ބުނެފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ގުޅި ފަޅު އިންޑަސްޓްރީ އާއި ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީއާ ދެމެދު ސޮއި ކުރި ގުޅީފަޅުގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތާ ގުޅޭ ގޮތުން މީޑިޔާ އަށް މައުލޫމާތު ދެއްވުމަށް ފަންސަވީހުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން ލިމިޓެޑުގެ މެނޭޖިން ޑިރެކްޓާ މުހަންމަދު ޝަހުދީ އަންވަރު މިއަދު ވިދާޅުވީ ދެ ވަނަ ފޭސްގައި ގުޅިފަޅު ތަރައްގީ ކުރަނީ މީހުން ދިރިއުޅެން ރަހުމަތްތެރި ތަނެއްގެ ގޮތުގައި ކަމަށާއި އަސާސީ ހުރިހާ ހިދުމަތެއް ގުޅިފަޅުން ލިބޭނެ ކަމަށެވެ. އެގޮތުން ޝަހުދީ ވިދާޅުވީ ގައުމީ ޔުނިވާސިޓީގެ އައު ކެމްޕަސް ވެސް ގުޅިފަޅުގައި ބިނާކުރާނެ ކަމަށާއި ކެމްޕަސް އެޅުމަށް 10 ހެކްޓަރުގެ ބިން ބޭނުން ކުރަން ނިންމާފައިވާ ކަމަށެވެ.

"ހަމަ އެއާ އެއްކޮށް ތަރައްގީ ވެގެން ދާނެ މަގުތަކާއި ނަރުދަމާ އާއި މުއާސަލާތީ ހިދުމަތާއި ކަރަންޓާއި ފެނާއި މި ހުރިހާ ކަމަކާ ވެސް އެއްކޮށް ތަރައްގީވެގެން އަންނާނީ....މީގެ އިތުރުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އެގިވަޑައިގަންނަވާނެ ވަރަށް ފަހަކުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީ މިވަނީ އިފްތިތާހު ކުރެވިފައި، އަޅުގަނޑުމެން މިބަލަނީ ސަރުކާރުގެ އެދުމުގެ މަތިން ދެ ވަނަ ފޭސްގައި ގައުމީ ޔުނިވާސިޓީއަށް ކެމްޕަސްއެއް ތަރައްގީ ކުރަން،" ޝަހުދީ ވިދާޅުވި އެވެ.

ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމި ދެ ވަނަ ފޭހުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަން ފާހަގަ ކުރައްވަމުން ޝަހުދީ ވިދާޅުވީ ދެވަނަ ފޭހުގައި ގުޅިފަޅުން މަދުވެގެން 50 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށާއި އެތަނުގައި 2500 ހައުސިން ޔުނިޓް ބިނާކުރާނެ ކަމަށެވެ. އަދި ވިދާޅުވީ އެތަނުން ވިއްކާ ހައުސިން ޔުނިޓުން ވިއްކާނީ އެންމެންނަށް ވެސް އަތް ފޯރާ އަގެއްގައި ކަމަށެވެ.

"އެ 50 ހެކްޓަރަކީ މީހުން ދިރިއުޅޭ ރަށެއް ގޮތަށް ޕްލޭން ސިޓީއެއް ގޮތަށް މި ތަރައްގީކުރެވެނީ. ތަރައްގީ ކުރެވޭއިރު މީހުން ދިރިއުޅޭ ރަށެއްގައި ޒަމާނީ ގޮތުން ހުންނަން ޖެހޭ ހުރިހާ ފެސިލިޓީސްތަކާ އެއްކޮށް އެތަން ތަރައްގީ ކުރެވެނީ. އަޅުގަނޑުމެން މިބަލަނީ 2500 ޔުނިޓް ތަރައްގީ ކުރެވޭތޯ. ސޯޝަލް ހައުސިން އޭ މި ކިޔާ އެލަމަންޓާ ހަމަ އެކި އެކި ފަންތި ތަކުގެ މީހުންނަށް މި ދިރިއުޅެވޭނެ ގޮތަށް ތަރައްގީ ވެގެން ދާނެ،" ޝަހުދީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގުޅިފަޅުގައި ސިނާއީ މަސައްކަތްތައް ކުރުމަށް ނިންމާފައި ނުވާކަމަށާއި އެ ރަށް ތަރައްގީ ކުރާނީ މީހުން ދިރުއުޅޭ ސިޓީއެއްގެ ގޮތުގައި ކަމަށެވެ.

"އަޅުގަނޑުމެން އެތާންގައި އިންޑަސްޓްރިއަލް ބަނދަރެއް ވެސް ނަހަދާނަން. އަދި ގުދަންފަދަ ތަންތަން ހެދުމަކަށް ވެސް ނުދޭނަން. އެނގިވަޑައިގަންނަވާނެ މާލޭގައި ވެސް ގުދަން ފަދަ ތަންތަން ހުރީމަ ވާ އުނދަގޫ. އޭރުން މީހުން އުޅެން އެހާ ހިތްފަސޭހައެއް ނުވާނެ،" ޝަހުދީ ވިދާޅުވި އެވެ.

ޑެންމާކު ސަރުކާރުގެ އެހީގައި 2010 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ގުޅިފަޅު ތަރައްގީ ކުރުމުގެ މަޝްރޫއު ހިންގަނީ ހަތަރު ފޭހަކަށް ބަހާލައިގެންނެވެ. އެގޮތުން ގުޅިފަޅުގެ މަޝްރޫއު 2016 ވަނަ އަހަރުގެ ނިޔަލަށް ނިންމުމަށް ހަމަޖެހިފައިވާ އިރު ދެ ވަނަ ފޭސްގައި ވިލިނގިއްޔާއި ގުޅިފަޅު ބްރިޖަކުން ގުޅުވާލުމަށް ނިންމާފައިވާ ކަމަށް ގުޅިފަޅު އިންޑަސްޓްރިއަލް ޒޯން އިން މައުލޫމާތުދެ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު