މޭޑޭ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާ ކުރަނީ 30 މީހަކަށް: ޕީޖީ

މޭޑޭ މުޒާހަރާގައި މީހަކު ހައްޔަރުކޮށްގެން ގެންދަނީ- ފޮޓޯ/ އޭޕީ

މިމަހުގެ އެއްވަނަ ދުވަހު އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދައުވާކުރަން ނިންމާފައި ވަނީ 30 މީހެއްގެ މައްޗަށް ކަމަށް ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން ވިދާޅުވެއްޖެ އެވެ.

މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ޕީޖީ ވިދާޅުވީ، މޭޑޭ މުޒާހަރާއާ ގުޅިގެން ޕީޖީ އޮފީހަށް ހުށަހަޅާފައި ވަނީ 143 މީހެއްގެ މައްސަލަ ކަމަށެވެ. އޭގެތެރެއިން 128 މައްސަލަ ބަލައިގެންފައިވާއިރު އަލުން ހުށަހެޅުމަށްޓަކައި 15 މައްސަލަ އަނބުރާ ފުލުހުންނަށް ފޮނުވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޕީޖީ ވިދާޅުވީ، ކުށްކުރި ކަމަށް ތުހުމަތުކޮށް ފުލުހުން މައްސަލަ ހުށަހެޅި ފުރަތަމަ ފަހަރު ކަމުގައިވާތީ އޭގެރެއިން 98 މީހެއްގެ މައްސަލަ އިތުރު ފުރުސަތު ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ފުލުހުންނަށް ހަމަލާދިން މައްސަލަތަކުގައި ކުށްކުރި ފުރަތަމަ ފަހަރު ކަމުގައި ވިޔަސް ދައުވާ ކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މޭޑޭ މުޒާހަރާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ފުލުހުންގެ ބަންދުގައި މިހާރު 25 މީހުން ތިބިއިރު، ބަންދުގައި ބެހެއްޓުމުގެ އިއުތުރާޒެއް ނެތްކަމުގެ ހުއްދަދީފައި ވަނީ 19 މީހަކަށް ކަމަށް ވެސް ޕީޖީ ވިދާޅުވި އެވެ.

އެ މައްސަލަތަކުގެ ތެރޭގައި ޗާނދަނީ މަގުގައި ފުލުހަކު ބިންމައްޗަށް ވައްޓާލައި، ޖިސްމާނީ އަނިޔާދިން މައްސަލަ ނުހިމެނޭ ކަމަށް ޕީޖީ ވިދާޅުވި އެވެ. ޕީޖީ ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގު ނިންމައި އަދި އެ އޮފީހަށް ހުށަހަޅާފައިނުވާ ކަމަށެވެ.

comment ކޮމެންޓް