ގަތަރާއި ދެކޮޅަށް ކުޅޭ މެޗުގައި ދަނޑު ފެނިގެންދާނީ ރަތް ކަނޑެއްގެ ގޮތުގައި: މަލީހު

ވޯލްޑްކަޕް ކޮލިފައިންގައި ކިކް އޮފް ކަވަރޭޖް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ/ ޔޫސުފް ސޮފްވާން

ވޯލްޑްކަޕް ކޮލިފައިންގައި އަންނަ މަހު 11 ވަނަ ދުވަހު ރާއްޖެ ޤަތަރާއި ދެކޮޅަށް ކުޅޭ މެޗުގައި ދިވެހި ސަޕޯޓަރުންނާއެކު ގައުމީ ފުޓްބޯޅަ ދަނޑު ފެނިގެންދާނީ 'ރަތް ކުލައިގެ މާސިންގާ ކަނޑެއްގެ' ގޮތުގައި ކަމަށް ޔޫތު މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗްތަކުގެ ކިކް އޮފް ކަވަރޭޖް ފެށުމުގެ ގޮތުން މިއަދު ގަލޮޅު ދަނޑާއި އޮލިމްޕަސް ގުޅޭ ހަތަރު އަނގޮޅިގައި ކުރިއަށް ގެންދިޔަ ޚާއްސަ ރަސްމިއްޔަތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު މަލީހް ޖަމާލު ވިދާޅުވީ 12 ވަނަ މީހާގެ ގޮތުގައި ދިވެހި ކޮންމެ ރައްޔިތަކު ވެސް ތިބެންވީ ޤައުމީ ޓީމާއެކުގައި ކަމަށާއި އެކަން ކޮންމެ ދިވެހި ރައްޔިތަކު ވެސް ދައްކައިދޭން ޖެހޭ ކަމަށެވެ.

"އަޅުގަނޑު ދެކޭ ގޮތުގައި އަންނަ މަހު 11 ވަނަ ދުވަހު ގަލޮޅު ބޯޅަ ދަނޑު ފެނިގެންދާނީ 'ރަތް ކުލައިގެ މާސިންގާ ކަނޑެއްގެ ގޮތުގައި'. 12 ވަނަ މީހާގެ ގޮތުގައި އަޅުގަނޑުމެންގެ ކޮންމެ މީހެއް ވެސް ތިބެންވީ އަޅުގަނޑުމެންގެ ޓީމާއެކު،" މަލީހް ވިދާޅުވި އެވެ.

މަލީހު ވިދާޅުވީ ކޮލިފައިންގައި ޤައުމީ ޓީމް ހޯދާ ކާމިޔާބު ވެގެންދާނީ އަނެއްކާވެސް މުޅިން އާ މަރުހަލާއަކަށް ދިވެހި ފުޓްބޯޅަ ގެންދަން ލިބޭ ފުރުސަތަކަށް ކަމަށެވެ. ރަނގަޅު ތަމްރީންތަކާއެކު ސަޕޯޓަރުންގެ ފޯރިއާއެކު ގައުމީ ޓީމަށް ކާމިޔާބު ލިބުމަކީ ދުރުގައިވާ ކަމެއް ނޫން ކަމަށް މަލީހު ވިދާޅުވި އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗްތަކުގެ ކިކް އޮފް ކަވަރޭޖް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ ޔޫސުފް ސޮފްވާން

މަލީހް އިތުރަށް ވިދާޅުވީ "މި ގުރޫޕަކީ ކިތަންމެ ވަރުގަދަ ގުރޫޕެއް ކަމުގައި ވީނަމަވެސް ތަމްރީން ތަކާއެކު ޗައިނާ، ޤަތަރު، ހޮންކޮންގް، ބޫޓާން ފަދަ ޤައުމުތައް ބަލި ނުކުރެވެންވީ ސަބަބެއް ނެތް،" ކަމަށާއި ދިވެހި ސަޕޯޓަރުންގެ ސަޕޯޓާއެކު ޓީމުގައި އެ ހިތް ވަރުން ޗައިނާ ފަދަ ޤައުމުތައް ބަލި ކުރުމަކީ ދެކެން ބޭނުންވާ މަންޒަރެއް ކަމަށެވެ.

ކިކް އޮފް ކަވަރޭޖް ފެށުމުގެ ގޮތުން މަލީހް ވަނީ ރާއްޖޭގެ ޤައުމީ ޓީމްގެ އެއް ނަންބަރު ގޯލް ކީޕަރު ޢިމްރާން މުޙައްމަދު ބެލެހެއްޓި ގޯލަށް، ބޯޅަ ފޮނުވާލައި ކާމިޔާބުކޮށްފަ އެވެ.

ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖެ ކުޅެން ހަމަޖެހިފައިވާ މެޗްތަކުގެ ކިކް އޮފް ކަވަރޭޖް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ ޔޫސުފް ސޮފްވާން

comment ކޮމެންޓް