ދަގަނޑޭ މާލޭގައި ބަހައްޓާފައި ވީބީ އިންޑޮނޭޝިއާއަށް

މިއަހަރުގެ އޭއެފްސީކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މެޗަށް ވީބީ ސްޕޯޓްސް ރޭ އިންޑޮނޭޝިއާއަށް ފުރައިގެން ދިޔައިރު އަލީ އަޝްފާގު(ަދަގަނޑޭ) ޓީމާއެކު ނުދެއެވެ.

ވީބީގެ މެނޭޖަރ އިބްރާހީމް ރަޝީދު(ސަތޯ) މޯލްޑިވް ސޮކާރއަށް ދީފައިވާ އިންޓަވިއުއެއްގައި ބުނެފައިވަނީ ދަގަނޑޭއަކީ ޓީމު ލިސްޓްގައި ހިމެނޭ ކުޅުންތެރިއެއް ކަމަށާއި އޭނާ ޓްރެވަލް ކިޓްވެސް ނަގާފައިވާ ކަމަށެވެ. "އޭނާ ނުދާނެ ވާހަކަ އެއްގޮތަކަށްވެސް ބުނެފައެއްނެތް. ހުރިހާ ކުޅުންތެރިންނަށްވެސް ރޭ ފުރަން އޮތް ގަޑިއަށް 1 ނަންބަރު ފާލަން ކައިރިއަށްދާން އޮންނާނީ އަންގާފައި. ނަމަވެސް ދަގަނޑޭ ނައުމުން އޭނާގެ ފޯނަށް ގުޅުމުން ޖަވާބެއް ނުދޭ. އެހެންވެ އޭނާ ބަހައްޓާފައި ފުރަން ޖެހުނީ." ސަތޯ ބުނެފައިވެއެވެ.

ސަތޯ ބުނީ ދަގަނޑޭގެ މި އަމަލާމެދު އަޅާނެ ފިޔަވަޅެއް ކްލަބުން ނިންމާނެ ކަމަށެވެ.

ފާއިތުވެދިޔަ 3 އަހަރު ވީބީގެ ޖާޒީގައި ކުޅެ ކެޕްޓަންކަންކޮށްފައިވާ ދަގަނޑޭ އަތުން ކެޕްޓަން ބޭންޑް އަތުލާފައިވާ ކަމަށް މީގެ ދެ ދުވަސްކުރިން ވީބީން ވަނީ ހާމަކޮށްފައެވެ. މިކަމާ ގުޅޭ ގޮތުން ވީބީން އިތުރު މައުލޫމާތުތަކެއް ހާމަ ނުކުރުމުން ކްލަބާ ދަގަނޑޭ އާއި މެދުގުޅުން ގޯސްވެފައިވާކަން ވަނީ ހާމަވެގެން ގޮސްފައެވެ. މީގެ ދުވަސްކޮޅެއް ކުރިން ދަގަނޑޭ ކްލަބް ދޫކޮށްދާން އުޅޭ ކަމުގެ އަޑުތަކެއްވެސް ވަނީ އަރާފައެވެ. ނަމަވެސް އޭނާ ވީބީއާއެކު ހަދާފައިވާ 5 އަހަރުގެ ކޮންޓްރެކްޓް ހަމަވާނީ 2012 ވަނަ އަހަރުގެ ނިޔަލަށެވެ.

ކެޕްޓަން ބޭންޑް އަތުލުމާ ގުޅޭ ގޮތުން ދަގަނޑޭ މޯލްޑިވްސޮކާރގައި ބުނެފައިވަނީ އޭނާއަތުން ބޭންޑް އަތުލާ ވާހަކަ ކްލަބުން ބުނީ ހުކުރު ދުވަހުގެ ޕްރެކްޓިހަށްފަހުގައި ކަމަށާއި ނަމަވެސް އޭގެ ކުރިން މީޑިއާގައި އެ ވާހަކަތައް ޝާއިއުވެފައިވާ ކަމަށެވެ. "އެހެންވެ އަހަރެންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނީ. ނަމަވެސް މިދިޔަ ސީޒަނަށްފަހު އެހެން ކުޅުންތެރިއަކަށް ކެޕްޓަން ބޭންޑް ދިނުމަށް އަހަރެން ވާނީ އެދިފައި. އެކަމަކު އެކަން ކްލަބުން ޤަބޫލެއް ނުކުރި" އަޝްފާގު ބުންޏެވެ.

2009 ވަނަ އަހަރުގެ ސީޒަންގައި ދަގަނޑޭ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ނަމަވެސް އެ ސީޒަންގައި ކުޅުންތެރިންގެ ވޯޓުން ކެޕްޓަނަކަށް ހޮވާފައިވަނީ މުހައްމަދު ހުސޭން(އޮއިއްޓޭ) އެވެ. ނަމަވެސް އޮއިއްޓޭގެވެސް އެދުމުގެ މަތިން ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނީ ދަގަނޑޭ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު