ކޯޓު މެދުވެރިކޮށް މާފުށި އަތޮޅު އޮފީހުގެ ތަޅުދަނޑި ހޯދުމަށް ކ. އަތޮޅު ކައުންސިލަރުން މާލެ އަތުވެއްޖެ

ކޯޓު މެދުވެރިކޮށް މާފުށި އަތޮޅު އޮފީހުގެ ތަޅުދަނޑި ހޯދުމަށް ކ. އަތޮޅު ކައުންސިލަރުން މިރޭ މާލެ ވަޑައިގެންފި އެވެ.

އެބޭފުޅުން މާދަމައިން ފެށިގެން ކޯޓު މެދުވެރިކޮށް އަތޮޅު އޮފީހުގެ ތަޅުދަނޑި ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި އަދި ތަކެތި ތުލުސްދޫއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް އެ ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ކ. އަތޮޅު ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް މާފުށީގައި މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގެ ގަރާރަކުން ފާސްކުރުމާ އެކު، މާފުށީގައި ހުރި އަތޮޅު އޮފީހުގައި ފުލުހުން ތަޅުއަޅުވައި، ކައުންސިލަރުން ފުލުހުންގެ އިދާރާއަށް ވަނީ ގެންގޮސްފަ އެވެ.

ކައުންސިލްގެ ރައީސް ފިޔަވައި ދެން ތިއްބެވި ބޭފުޅުން މާލެ ވަޑައިގަތީ އަމިއްލަ އަށެވެ. ނަމަވެސް ރައީސް ވަޑައިގަތީ ފުލުހުންގެ ލޯންޗުގަ އެވެ.

ޑީއާރުޕީގެ ކައުންސިލް މެންބަރުންތަކެއް މިހާރު ވަޑައިގެން ތިއްބެވީ، އެ މައްސަލައަށް ހައްލެއް ހޯދުމަށް ފުލުސް އޮފީހުގަ އެވެ.

ޑީއާރްޕީގެ މެމްބަރު، ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ރޮޒައިނާ އާދަމް މިރޭ ފުލުސް އޮފީސް ބޭރުގައި ހުންނަވައިގެން ވިދާޅުވީ، ފުލުހުން ތަޅުދަނޑި ހޯދައިފައިވަނީ ކައުންސިލްގެ ނުރުހުމުގައި ކަމަށާއި ކައުންސިލަރުން ކާންބޯންނުދީ މިއަދު ހެނދުނުއްސުރެ ފުލުސް އޮފީހުގައި ހިފަހައްޓާފައިވަނީ ފުލުހުންގެ އަތަށް ތަޅުދަނޑި އަމިއްލައަށް ދިނީ ކަމަށް އެއްބަސްވެ، ކައުންސިލްގެ ރައީސް ފުލުހުންގެ ބަޔާނުގައި ސޮއިނުކުރުމުން ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ، ކައުންސިލަރުން ހިފަހައްޓާފައިވަނީ ގާނޫނާ ޚިލާފަށް ކަމަށާއި އެގޮތަށް ފުލުހުން ކަންތައްކޮށްފައިވާތީ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.

މާފުށިން ވާހަކަ ދެއްކި މީހަކު ބުނީ ކ. އަތޮޅުގެ ވެރިކަން ކުރާ ރަށަކީ ތުލުސްދޫ ކަމަށް ކައުންސިލް ބައްދަލުވުމުގައި ކަނޑައެޅުމާ އެކު ފުލުހުން އަތޮޅު އޮފީހަށް ވަދެ، އޮފީހުގައި ތަޅު އަޅުވައި ހުރިހާ ކައުންސިލަރުން އޮފީހުން ނެރެގެން ގެންގޮސްފައިވާ ކަމަށެވެ. އަދި ކައުންސިލުން ނިންމި ގޮތާ މެދު ހިތްހަމަނުޖެހިގެން، ކައުންސިލް މެންބަރުން ތިބި ފުލުހުންގެ އިދާރާގެ ކުރިމަތީގައި މާފުށީގެ ބަޔަކު އެއްވެ، ހިތްހަމަ ނުޖެހުންފާޅު ކުރަމުންދާ ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެ އެވެ.

ނަމަވެސް ފުލުހުން ބުނަނީ، ކައުންސިލަރުން ހައްޔަރުކޮށްފައި ނުވާ ކަމަށާއި އެމީހުން ފުލުސް އޮފީހަށް ގެންދިޔައީ ހިމާޔަތް ދިނުމަށް ކަމަށެވެ.

ކ. އަތޮޅު ކައުންސިލްގައި ހަ ބޭފުޅުން ތިއްބަވާއިރު ހަތަރު ގޮނޑި ހޯއްދަވައިގެން ޑީއާރްޕީ ވަނީ އެ ކައުންސިލްގެ އަޣުލަބިއްޔަތު ހޯދައިފަ އެވެ. އަނެއް ދެ ބޭފުޅުންނަކީ އެމްޑީޕީގެ މެމްބަރުންނެވެ.

ތުލުސްދޫގައި އަތޮޅުވެރިކަން ހިނގަމުން ދަނިކޮަށް އެ އަތޮޅު މާފުއްޓަށް އަތޮޅުވެރިކަން ބަދަލުކުރީ 2009 ގައެވެ. ސަރުކާރުގެ އެ ނިންމުމާ ގުޅިގެން އޭރުވެސް ތުލުސްދޫއާއި މާފުށީގެ މަސްރަހު ވަނީ ވަރަށް ބޮޑަށް ހޫނުުވެފަ އެވެ.

މީގެ އިތުރުން ށ. އަތޮޅުގެ ވެރިކަން އަނެއްކާވެސް ފުނަދޫއަށް ބަދަލު ކުރުމަށް ށ. އަތޮޅުގެ ކައުންސިލުން ވެސް މިއަދު ވަނީ ގަރާރެއް ފާސްކޮށްފަ އެވެ. ޑީއާރްޕީގެ އަޣުލަބިއްޔަތު އޮތް އެ ކައުންސިލުން އަތޮޅުވެރިކަން ބަދަލުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އެތަނުގައި ހަމަނުޖެހުމެއް ހިންގައިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު