ފިލިޕީންސްގެ އަށް ސަރަހައްދެއްގައި އަސްކަރީ މަރުކަޒުތައް ހަދަން އެމެރިކާ ހުށަހަޅައިފި

ފިލިޕީންސްގައިވާ އެމެރިކާގެ އަސްކަރީ ބޭހެއް

މެނީލާ (އެޕްރީލް 26): އަސްކަރީ ކަންކަމުގައި ފިލިޕީންސްގެ އަށް ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދައަށްއެދި އެމެރިކާ ހުށަހަޅާފައިވާ ކަމަށް ޕިލިޕީންސްގެ ސިފައިންގެ ޗީފް އޮފް ސްޓާފް ޖެނެރަލް ގްރިގޯރިޔޯ ވިދާޅުވެއްޖެއެވެ.

ޖެނެރަލް ގްރިގޯރިޔޯ ވިދާޅުވީ، އަސްކަރީ ކަންކަމަށް ބޭނުންކުރާނެ ފިލިޕީންސްގެ އަށް ސަރަހައްދެއް ފާހަގަކޮށް އެތަންތަނުގައި ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމްކުރުމަށް އެމެރިކާ ހުށަހަޅާފައިވާ ކަމުގައެވެ. މިހުށަހެޅުން ހުށަހެޅީ އެމެރިކާއާއި ފިލިޕީންސާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުމުގެ ދަށުންކަމަށް އޭނާ ވިދާޅުވިއެވެ.

އަސްކަރީ ކަންކަމުގައި އެމެރިކާ ބޭނުންކުރުމަށް ފިލިޕީންސްގެ ސަރަހައްދުތައް ދިނުން މިއެއްބަސްވުމުގައި ހިމެނޭކަމަށްވެއެވެ. އަދި އެތަންތަން ބޭނުންކުރުމުގެ ބަދަލުގައި އެތަށް ސަތޭކަ މިލިޔަންޑޮލަރެއްގެ ހިލޭ އެހީ ކޮންމެ އަހަރަކު ފިލިޕީންސަށް ދިނުމަށް އެމެރިކާ އެއްބަސްވެފައިވެއެވެ. މީގެއިތުރުން އެމެރިކާ ބޭނުންކުރާ ތަންތަނުގެ ކުލީގެ ގޮތުގައިވެސް އެމެރިކާ ފިލިޕީންސަށް ފައިސާ ދިނުން އެ އެއްބަސްވުމުގައި ހިމެނިފައިވެއެވެ.

ފިލިޕީންސްގެ ސްޕްރީމް ކޯޓުން ގެންދަނީ އެގައުމާއި އެމެރިކާއާ ދެމެދު ސޮއިކޮށްފައިވާ އަސްކަރީ އެއްބަސްވުން ފިލިޕީންސްގެ ގާނޫނު އަސާސީ އާ ފުށުއަރާކަން ނުވަތަ ނޫންކަން ބަލަމުންނެވެ.

ފިލިޕީންސްގެ އަށް ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދައަށްއެދި އެމެރިކާ ހުށަހަޅާފައިވާ ހުށަހެޅުމަށް ޖަވާބެއް ދެވޭނީ އެއެއްބަސްވުން ފިލިޕީންސްގެ ގާނޫނު އަސާސީ އާ ފުށުނާރާކަމުގެ އަމުރެއް ސްޕްރީމް ކޯޓުން ނެރުމުން ކަމަށް ފިލިޕީންސްގެ ސަރުކާރުން އެމެރިކާއަށް އަންގާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

އެމެރިކާގެ އެރިޒޯނާ ސްޓޭޓްގައި ވާހަކަ ދައްކަވަމުން އެގައުމުގެ ދިފާއީ ވަޒީރު އެޝްޓަން ކާޓަރު ވަނީ ޗައިނާގެ އަސްކަރީ ބާރާ ކުރިމަތިލުމަށްޓަކައި އެމެރިކާގެ އަސްކަރީ މިސްރާބު ޔޫރަޕުން އޭޝިޔާ ޕެސިފިކް ސަރަހައްދަށް ނަގުލުކުރުމުގެ ޕްލޭންތަކާ ބެހޭގޮތުން ވާހަކަ ދައްކަވާފައެވެ.

އޭޝިޔާ ޕެސިފިކް ސަރަހައްދަށް ނަގުލުކުރާ އެމެރިކާގެ ބާރުތައް މަރުކަޒުކުރަން އެންމެ މުހިއްމު ތަންތަނުގެ ތެރޭގައި ފިލިޕީންސް ހިމެނޭއިރު ފިލިޕީންސްގެ އަށް ސަރަހައްދެއް ބޭނުންކުރުމުގެ ހުއްދައަށް އެމެރިކާ އެދެމުންދަނީ އެމެރިކާ އަސްކަރީ މިސްރާބު ޔޫރަޕުން އޭޝިޔާ ޕެސިފިކް ސަރަހައްދަށް ނަގުލުކުރުމުގެ ޕްލޭންތައް ތަންފީޒު ކުރުމަށް ކަމަށްވަނީ ބެލެވިފައެވެ. (ރޮއިޓާސް)

comment ކޮމެންޓް