ބްލެކްމެއިލް ކުރިކަމަށް ބުނާ ބަޔަކު ހައްޔަރުވާއިރު އޮރިޔާންކާޑުގެ ގޮޅިއަށް ފެތޭ މީހުން ކޮބައި؟

ދުނިޔެ އަށް ހުޅުވިފައިވާ އިންޓަނެޓްގެ ސޯޝަލް ނެޓްވޯކްތަކުގެ ތެރެއިން ނާޖާއިޒު ފައިދާތައް ނެގުމަކީ ހިނގަ ހިނގާ އޮތް ކަމެކެވެ. މިއަކު ރާއްޖެ އާއި ދިވެހިން އިސްތިސްނާ އެއް ނުވެއެވެ. ރާއްޖޭގައި ވެސް ތަފާތު ގޮތް ގޮތަށް މީހުން އަތުން ފައިސާ ހޯދައި މީހުން ބްލެކް މެއިލް ކުރުމުގެ ސަގާފަތް ސިއްރެއްގެ ގޮތުގައި އޮވެ ދިޔައީ ކުރިޔަށެވެ. މީހުންގެ ކޭޝްކާޑްތައް އަތުލުމާއި ފޯނުތަކަށް ލާރި އެޅުން ފަދަ ކަންތައް ދިޔައީ ކުރަމުންނެވެ. އަދި އެފަދަ މީހުން މަދުން ނަމަވެސް ހިފާ ހައްޔަރު ކޮށް ހުކުމް ތަންފީޒު ކޮށްފައިވާ ކަން ފުލުހުންގެ ރިކޯޑުތަކަށް ބަލާލުމުން އެނގެއެވެ.

ނަމަވެސް "ބްލެކްމެއިލް"ގެ ބޮޑު ސިއްރު ފަޅާއަރައި ކަންކަން މީހުންނަށް އެނގުނު އިރު 100 ރުފިޔާ އިން ސޯޝަލް ނެޓްވޯކްތަކުގައި ވިޔަފާރި ފެށި މީހުންގެ ޖީބުތަކަށް މިލިއަނުން ވަނީ ފައިސާ ވަދެފަ އެވެ. އަދި އެތަށް ބައެއްގެ ދިރިއުޅުން ސުމަކަށް ވެއްޓި ނަން ހުރި، ގަދަރުވެރި އެތައް ބައެއްގެ ބަތާނަފުށް ވަނީ ހާމަވެފަ އެވެ.

ނަމަވެސް އުފެދޭ ސުވާލަކީ މީގެ ދެމަސް ކުރިން ފުލުހުންގެ ސަމާލުކަމަށް އައިސްގެން ހިންގި އެ އޮޕަރޭޝަނުގައި ހަމައެކަނި ވަކި ކޮމްޕިއުޓަރެއް ކައިރީ ތިބި މީހުން އެކަނި ތަހުގީގަށް ހައްޔަރު ކުރީ ކީއްވެގެން ބާވައެވެ؟ އަނެއް ފަރާތުގައި ވެބްކެމް އޮން ކޮށްގެން ތިބި މީހުން ކުރީ ކުށެއް ނޫންބާވައެވެ؟ އެފަރާތްތަކުގެ އަމަލު "އޮރިޔާން ކާޑު"ގެ ގޮޅިއަކަށް ނާރާ ހެއްޔެވެ؟ މިސުވާލު ވަރަށް ގިނަ މީހުން ކުރެ އެވެ.

"އެންމެންވެސް ދައްކަނީ ބްލެކްމެއިލް ކުރި ބައެއގެ ވާހަކަ. ކޮބައިތޯ އޭގެ އަނެއްކޮޅުގައި ތިބި މީހުން އެމީހުންގެ ކުރި އަމަލަކީ ރާއްޖޭގައި އޮރިޔާން ކާޑް އުފެއްދުމުގެ ގޮޅިއަށް ނުފެތޭނެ އެއްވެސް ގޮތެއް ނޯންނާނެ. އެކަމަކު އެވާހަކައެއް އެ ގޮތަކަށް ނުދެކެވޭ، ދެކެވެނީ އެހެން ސިފަޔަކަށް. މި މައްސަލައިގައި ފިޔަވަޅު އެޅުމާއި ތަހުގީގު ކުރުމުގައި އަދި އިންސާފުންދާހެނެއް ހީއެ ނުވޭ،" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ.

ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ވިދާޅުވީ ދައުލަތުގެ އިސްވެރިންނާއި ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ބައެއް މެމްބަރުންގެ ބަރަހަނާ ފޮޓޯ އާއި ވީޑިއޯ ނަގައިގެން އެބޭފުޅުން ބްލެކްމެއިލްކުރުމަށް މަސައްކަތްކުރިކަމަށް ބުނާ މައްސަލައިގައި ތުހުމަތުކުރެވޭ ކޮންމެ ފަރާތެއް ހައްޔަރުކޮށް، ޤާނޫނީ ފިޔަވަޅު އެޅެންޖެހޭނެ ކަމަށެވެ.

"މި ހިންގައިގެން އުޅޭ ޖަރީމާއެއްގައި ޝާމިލު ވަނީ ދެ ފަރާތެއް. އެއް ފަރާތަކީ އެ ޖަރީމާ ހިންގި މުޖުރިމުންކަމުގައި ތުހުމަތުކުރެވިފައިވާ މީހުން ބޭނުންކުރި ސޮފްޓްވެއާއެއްގައި ހަދައިފައި ހުރި އަސްލީ ނޫން ތަސްވީރުތަކެއް. ހަމަ އެގޮތަށް ފުލުހުން ޔަގީންކުރައްވަންވާނެ އޭގެ އަނެއް ފަޅިން ދައްކަވާ ތަސްވީރުތަކަކީ ވެސް ހަދައިފައި ހުރި އަސްލީނޫން ތަސްވީރުތަކެއްތޯ. އެ ވިދާޅުވި ގަޑިއެއްގައި އެ ވިދާޅުވި ވަގުތަކަށްތޯ؟ އެހެންނޫނިއްޔާ ހަމަ ވަކި ބޭފުޅުންގެ ތެރެއިން ވަކި ބަޔަކު ގަސްތުކުރައްވާ ބޭފުޅުންނަކަށް އަމާޒުކުރެވި، ބައެއް ނަންފުޅުތައް ވެބްސައިޓުތަކުގައި އާއްމުވެސް އެބަކުރައްވައި،" ޒުހެއިރު ވިދާޅުވި އެވެ.

ފެންނަން އޮތް ހަގީގަތަކީ ކޮންމެ މީހަކު ވެސް އެކަން ކޮށްފައި ވަނީ އެމީހެއްގެ އަމިއްލަ އިހުތިޔާރުގައި އަމިއްލަ އަށް ކަމެވެ. އަދި ބައެއް ފޮޓޯ ތަކަކީ ނުރުހުމުގައި ނަގާފައި ހުރި ފޮޓޯތައް ކަމަށް ބުނާ ފޮޓޯ ކަމަށް ވިޔަސް އެކަން ކުރި ބަޔަކަށް އެ ފުރުސަތު ލިބުނީ އަމިއްލަ އިހުތިޔާރުގައި ދެފަރާތުން އުފެއްދި ގުޅުމަކުން ކަން ވިސްނަން ޖެހެ އެވެ.

"ހަގީގަތުގައި ދެ ފަރާތުން ވެސް އެކުރަނީ ކުށެއް. އެހެންވީމަ ދެ ބައިމީހުން ވެސް އެބަޖެހޭ ހައްޔަރުކުރަން. އަދި އަދަބު ވެސް ލިބެން. އެކަމަކު ބަލަން އެބަޖެހޭ އެ ވީޑިއޯ ތަކުގައި އެމީހުން އެކަން ކޮށްފައި ވަނީ ކިހާވަރަކަށްތޯ؟" ގާނޫނީ ވަކީލަކު ވިދާޅުވި އެވެ. މި މައްސަލައިގައި ވާހަކަފުޅު ދެއްކެވި ގާނޫނީ ވަކީލުންގެ ތެރެއިން އެންމެ ބޭފުޅެއް ފިޔަވައި ނަން ހާމަ ކުރުމަށް ވަނީ އުޒުރުވެރިވެފައެވެ.

ފުލުހުން މިހާތަނަށް އާންމުކޮށްފައިވާ މަޢުލޫމާތު ތަކަށް ބަލާއިރު ބަރަހަނާ ފޮޓޯ ތަކާއި ވީޑިއޯ ތަކުގެ ތެރޭގައި ހިމެނޭ އެތަށް ސަތޭކަ ދިވެހިންގެ ތެރޭގައި އުމުރުން 18 އަހަރުން ދަށުގެ އަންހެން ކުދިންނާއި ސިޔާސީ އިސް ބޭފުޅުންނާއި ސަރުކާރާއި އަމިއްލަ އެކި ދާއިރާތަކުގައި މަސައްކަތްކުރާ އެކިއުމުރުގެ ފިރިހެނުންނާއި އަންހެނުން ހިމެނެ އެވެ. އެގޮތުން މިހާތަނަށް ފެންނަން ހުރި ވީޑިއޯ ތަކުގެ ތެރޭގައި ސަރުކާރުގެ އިސް ބޭފުޅުންގެ ވީޑިއޯ ތަކާއި އުމުރުން 18 އަހަރު ނުފުރޭ އެތަށް އަންހެން ކުއްޖެއްގެ ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ރިކޯޑް ކޮށްފައި ވެއެވެ.

ދެން އުފެދޭ ސުވާލަކީ އަދަބު ލިބޭނީ އެތަނުން ކޮން ބަޔަކަށް ބާވައެވެ؟ އެ ސުވާލު ކުރަންޖެހެނީ ހައްޔަރު ކުރަނީ މުޅިން ވެސް ބްލެކްމެއިލް ކުރި ކަމަށް ބުނާ ބައެކެވެ. އަނެއްކޮޅުގެ ވާހަކައެއް ނުދެކެވެ އެވެ. ހަމައެއާއެކު އެ ދެފަރާތުން އަދަބު ދޭންވީ ކޮން ބަޔަކަށްތޯ ވެސް ސުވާލު އުފެދެ އެވެ؟ އެއްބަޔަކު ވީޑިއޯ ތައް ލީކުކުރި މީހުންނަކީ ވަރުގަދަ "ފަހުލަވާނުން" ތަކެއްގެ ގޮތުގައި ސިފަ ކުރާއިރު އަނެއް ބަޔަކު އެމީހުން ސިފަ ކުރަނީ "ނުރައްކާތެރި ވަގުން" ގެ ގޮތުގަ އެވެ. އަދި އެކަންތައް ލީކް ކޮށްލި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ބައެއް މީހުން ބުނަމުން ދާއިރު އެ ފަދަ ވީޑިއޯ ތަކުގައި އޮރިޔާން މަންޒަރު ދެއްކި މީހުންނަށް އަދަބު ދިނުމަށް އަނެއް ބަޔަކު ދަނީ ބުނަމުންނެވެ.

ގާނޫނީ ވަކީލުން ވިދާޅުވަނީ އޮރިޔާން މަންޒަރެއް ބަޔަކަށް ދެއްކި މީހަކަށް ވެސް އަދަބު ލިބެން ޖެހޭނެ ކަމަށާއި އަދި އެ ވީޑިއޯ ތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން މީހުންނަށް ބިރު ދައްކައި ބްލެކް މެއިލް ކުރާ މީހުންނަށް ވެސް އަދަބު ލިބެން ޖެހޭނެ ކަމަށެވެ.

"ހަމަގައިމުވެސް މީހަކު ކޮމްޕިއުޓަރ ކައިރީ ރީތި އިންދައެއް އޭނަގެ އޮރިޔާން މަންޒަރުތަކެއް އެއްވެސް މީހަކަށް ރިކޯޑެއް ނުކުރެވޭނެ. އޭނަ އެހެންމީހުންނަށް އެ މަންޒަރުތައް ދެއްކީމަ ފެންނާނީ. އެއީ ގާނޫނު މަނާކުރާ ކަންތައް. އެހެންވީމަ އެކަން ކުރި ދެ ފަރާތައް ވެސް އަދަބު ލިބެން ޖެހޭނެ." މަޝްހޫރު ގާނޫނީ ވަކީލު އަލީ ހުސެއިން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް