ތާރީހަކަށްފަހު ތާރީހެއް ދާނެ، މޭޑޭގައި ކަމެއް ނުވާނެ: އަދީބު

އަދީބް ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ-- ސަން ފައިލް ފޮޓޯ

އިދިކޮޅު ފަރާތްތަކުން އަންނަ މަހު އެއްވަނަ ދުވަހު ބާއްވަން އުޅޭ ސިޔާސީ ހަރަކާތުގައި "ކަމެއް ނުވާނެ"ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރު ފުޓުސަލް ދަނޑު ހުޅުވުމަށް މިރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އަދީބް ވިދާޅުވީ، ތާރީހަކަށްފަހު ތާރީހެއް ދާނެ ކަމަށާއި އިދިކޮޅު ފަރާތްތަކަށް ކުރެވޭނެ ކަމެއް ނޯންނާނެ ކަމަވެ. އިދިކޮޅު ފަރާތްތަކަށް އިޝާރާތް ކުރައްވައި، ގޮންޖައްސަވަމުން " ކޮންވެރިކަމެއްތޯ އެބޭފުޅުންނަށް ވެއްޓޭނީ" އަދީބު ވިދާޅުވިއެވެ.

"މޭ އެކެއް ކީއްކުރަންތޯއޭ ޖުލައި 26 އަކަސް، ނޮވެމްބަރު އެގާރައަކަސް، އަދި ކުރިންދިޔަ ފެބުރުއަރީ 27 އަކަސް، ތާރީހަކަށްފަހު ތާރީހެއް ދާނެ ތިބޭފުޅުންނަކަށް ވާނެ ކަމެއް ނޯންނާނެ. އަޅުގަނޑުމެން ދާނީ ފުޓްސަލް ދަނޑު އަޅަމުންނޭ، ބަނދަރު ހަދަމުންނޭ، އެއާޕޯޓް ހަދަމުންނޭ، ހުޅުމާލެ ބުރިޖްވެސް އަަމުންނޭ،" މިނިސްޓަރު އަދީބު ވިދާޅުވިއެވެ.

މާލޭގައި ކުރާ މުޒާހަރާތައް ސިފަކޮށް އަދީބް ވިދާޅުވީ، " އަޅުގަނޑުމެން ކުޑައިރުގައި ހިތާނަކުރާގޭގެއަށް ދާނެ ގްރޫޕުތަކެއް ނަށަން. އާދެ އެނޯންނާނެ ވަކި ގެއެއް. އެކޮންމެވެސް ވަރެއްގެ ފައިސާގެ ވަރެއް ނަގައިގެން، އާދެ ހިތާނަކުރާ ގޭގެއަށް ނަށަންދާ ގްރޫޕުތައްވެސް އުޅުނު އެފަދަ ބީދައިން މިއަދު އަޅުގަނޑުމެންނަށް މިފެންނަނީ މަގުމަތީގައި ބަޔަކު ހަޅޭއްލަވަމުން އަނިޔާއޭ އެއެއްޗެކޭ މީއްޗެކޭ ކިޔަމުންދާތަން،" ކަމަށެވެ.

އިދިކޮޅު ފަރާތްތައް އަމާޒެއްނެތި ވިއްސި ވިހާލިވެފައިވާ ކަމަށާއި އެ ފަރާތްތަކަށް ރައްޔިތުންނަށް ކޮށްދެވޭނެކަމެއް ނޯންނާނެ ކަމަށްވެސް އަދީބު ވިދާޅުވިއެވެ.

މިސަރުކާރަކީ ކަންކަންކުރާ ވާހަކަ ދައްކާ ސަރުކާރެއް ނޫން ކަމަށާއި މިސަރުކާރަކީ ކަންކަން ކޮށްފައި ދައްކާ ސަރުކާރު ކަަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"މިސަރުކާރަކީ ވައުދު ފުއްދާ ސަރުކާރެއް. ދެން ތިބި ސިޔާސީ ފަރާތްތަކަކީ މަގުމަތީ ހިނގުމާއި ދެއިރު ދެދަޅައަށް ކުލަ ބަދަލުކުރުމާއި ވަކި ފިކުރެއްނެތި ވިއްސި ވިހާލިވެފައިވާ ސިޔާސީ ފަރާތްތަކެއް،" އަދީބު ވިދާޅުވިއެވެ.

އަދީބް އެމޭރުމުން ވާހަކަފުޅުދައްކަވާފައިވާ އިރު އިދިކޮޅު ފަރާތްތަކުން ގުޅިގެން ބޮޑު ސިޔާސީ ހަރަކާތެއް މޭމަހު އެއް ވަނަ ދުވަހު ހިންގާނެ ކަމަށް އެފަރާތްތަކުން ވަނީ އިއުލާން ކޮށްފައެވެ.

comment ކޮމެންޓް