ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލް: ދިވެހިންގެ ހުވަފެންތަކާ ގުޅިފައި

އަލަށް އިމާރާތް ކުރާ ހުޅުމާލޭ ޓާޝިއަރީ ހޮސްޕިޓަލްގެ ކުރެހުމެއް-- ސަން ފޮޓޯ

ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލަށް ދިވެހިން ކުރާ އުންމީދު ވަރަށް ބޮޑެވެ. އެނދުމަތިވެފައިވާ ސިއްހީ ދާއިރާ ކޮޅަށް ޖެހުމަށް އެހީތެރިވެދޭނެ ބައިވެރިޔަކީ ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލް ކަމަށް އުންމީދު ކުރެވެއެވެ. ހުޅުމާލޭ ހޮސްޕިޓަލުގެ އާ އިމާރާތުގެ އެއްބަސްވުމާއި، ހޮސްޕިޓަލު މެނޭޖުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރިއިރު އެ ޕްރޮޖެކްޓުގެ މަލަމަތި ފެނިއްޖެއެވެ. ހުޅުމާލެ "ޓްރީ ޓޮޕް ހޮސްޕިޓަލް"އިން ތަފާތު ދައްކާނެ އެވެ.

އާ ހޮސްޕިޓަލުގެ ހިދުމަތުން ފާހަގަކޮށްލެވޭ ކަމަކީ ބަލި މީހާގެ އާއިލާއަށް ހޮސްޕިޓަލުގެ ތެރެެއިން އެކޮމޮޑޭޝަން ހަމަޖެހުމެވެ. އެ ހިދުމަތުގެ ސަބަބުން އަތޮޅު ތެރެއިން މާލެއަށް އައިސް، ތޮއްޖެހިފައިވާ މާލޭގައި އުޅެންޖެހޭ ހާލަށް ނިމުމެއް އަންނާނެ ކަމަށް ބެލެވެއެވެ. ހުޅުމާލޭގައި އިމާރާތްކުރާ ޓާޝަރީ ހޮސްޕިޓަލާއެކު ދިވެހިންގެ އެ ހިތްދަތި ކަމަށް ލުޔެއް ލިބިގެންދާނެއެވެ. އެގޮތުން އެއް ފަހަރާ 28 ކޮޓަރިން 56 މީހުންނަށް އެކޮމޮޑޭޝަން ހަމަ ޖެހޭނެކަމަށް ޓްރީޓޮޕް އިންވެސްޓްމެންޓުން ވަނީ ބުނެފައެވެ.

ހުޅުމާލޭ "ޓްރީ ޓޮޕް ހޮސްޕިޓަލް" ގެ ކުރެހުންތަށް -- ސަން ފޮޓޯ: ފާތިމަތު ސައީދު

ބަލި މީހުންގެ އާއިލާގެ އިތުރުން ހޮސްޕިޓަލުގެ މުވައްޒަފުންނަށް ހާއްސަ އެޕާޓްމެންޓް އަދި ކޮޓަރިތަކެއް ވެސް ޓާޝަރީ ހޮސްޕިޓަލާއެކު ވުޖޫދަށް އަންނާނެއެވެ. އެގޮތުން ޖޫނިއާ ސްޓާފުންނަށް ހާއްސަކޮށް 25 ކޮޓަރިއާއި، އެއްކޮޓަރި އާއި ބަދިގެ އަދި ސިޓިންރޫމުގެ ހަތަރު އެޕާޓްމެންޓް ގެ އިތުރުން ދެ ކޮޓަރި ސިޓިންރޫމު އަދި ބަދިގެ އެކުލެވޭ ގޮތަށް ހަ އެޕާޓްމެންޓުން އިމާރާތުގެ ތެރޭގައި ހިމެނުމަށް ވަނީ ހަމަޖެހިފައެވެ.

ރާއްޖޭން ފަރުވާ ނުލިބޭ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށް ވެސް ދިވެހިން ވަރަށް ބޮޑު ހަރަދުކޮށް ރާއްޖޭން ބޭރަށް ދަތުރުކުރަންޖެހެއެވެ. ނަމަވެސް ޓްރީ ހޮސްޕިޓަލުން ފަރުވާ ލިބެން ފެށުމާއެކު، ދިގު މުއްދަތަކަށް މަޑުކޮށްގެން ފަރުވާ ހޯދާ ބޮޑެތި ބަލިތަކަށް ފަރުވާ ދެވޭނެ ކަމަށް ޓްރީޓޮޕް އިންވެސްޓްމެންޓުން ވަނީ ބުނެފައެވެ. އޭގެ އިތުރުން މިހާރު ވެސް ރާއްޖެއިން ފަރުވާ ލިބޭ ހުރިހާ ބަލިތަކާއެކު 28 ކޮޓަރިން ބަލިމީހުން ބެލުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. އަދި ހޮސްޕިޓަލުގައި ފަސް އޮޕަރޭޝަން ތިއޭޓަރާއި، ބަލިމީހުންގެ އާއިލާތަކަށް ހާއްސަ ރެސްޓޮރެންޓަކާއި ރީޓެއިލް ފިހާރަތަކުގެ އިތުރުން މިނީ މާކެޓެއް ހިމެނުމަށް ވަނީ ހަމަ ޖައްސާފައެވެ.

ހުޅުމާލޭ "ޓްރީ ޓޮޕް ހޮސްޕިޓަލް" ގެ ކުރެހުންތަށް -- ސަން ފޮޓޯ: ފާތިމަތު ސައީދު

ހުޅުމާލޭގައި އަލަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލާއެކު ވަޒީފާގެ ފުރުސަތުތަށް ވެސް އަލަށް ހުޅުވިގެންދާނެއެވެ. ޓާޝަރީ ހޮސްޕިޓަލުގެ އިމާރާތުގެ އެއްބަސްވުމާއި، ހޮސްޕިޓަލު މެނޭޖުކުރުމުގެ އެއްބަސްވުމުގައި އިއްޔެ ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ޒުހޫރު ވިދާޅުވީ ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލަކީ މެޖޯރިޓީ ދިވެހިން ވަޒީފާ އަދާކުރާ ތަނަކަށް ހަދާދިނުމަށް އެދޭ ކަމަށާއި އެގޮތުން ތަނަށް ބޭނުންވާނެ މުވައްޒަފުން ތަމްރީނުކުރުމަށް މިހާރުން ފެށިގެން މަސައްކަތް ފެށުމަށް ގޮވާލާ ކަމަށެވެ. ހެލްތް މިނިސްޓަރު ޒުހޫރު އިތުރަށް ވިދާޅުވީ ހޮސްޕިޓަލް އިމާރާތްކޮށް ނިމޭއިރު ދިވެހިންނަށް ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލް ވެގެން ދާނީ ދިވެހިންނަށް ލިބޭ ވަރަށް ފުރިހަމަ ހިދުމަތަކަށް" ޒުހޫރު ވިދާޅުވި އެވެ.

ހުޅުމާލޭ "ޓްރީ ޓޮޕް ހޮސްޕިޓަލް" ގެ ކުރެހުމެއް -- ސަން ފޮޓޯ: ފާތިމަތު ސައީދު

ހުޅުމާލޭ ޓާޝަރީ ހޮސްޕިޓަލަކީ ޒަމާނުއްސުރެން ދިވެހިން ދެކެމުން އައި ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސައިދޭ ތަނަކަށް ވުމަކީ ކޮންމެ ދިވެއްސެއްގެ ވެސް އުންމީދެވެ. ސިއްހީ ޚިދުމަތް ލިބިގަތުމަށް ދިވެހިން އުފުލަމުންދާ ބުރައާއި ހިތްދަތިކަމަށް ލުޔެއް ލިބިގެންދާނެ ދުވަހަކަށް ކޮންމެ ދިވެއްސަކު ވެސް އުންމީދުކުރެއެވެ.

comment ކޮމެންޓް