ދުނިޔޭގައި އަދިވެސް އެންމެ ބާރަށް ފެތުރެމުންދަނީ އިސްލާމް ދީން: ދިރާސާ

ވޮޝިންޓަން (އެޕްރީލް 5) : ކުރިޔަށްއޮތް ސާޅީސް އަހަރު ތެރޭގައި ދުނިޔޭގައި މުސްލިމުންގެ އަދަދު އެންމެ ގިނަ ގައުމަކަށްވާނީ އިންޑިޔާ ކަމަށާއި އަދި މުޅި ދުނިޔެއަށް ބަލާއިރު އެންމެ ބާރުމިނެއްގައި ފެތުރެމުންދަނީ އިސްލާމް ދީންކަން އެމެރިކާގެ ޕެވް ރީޗާސް ސެންޓަރުން ކުރި ދިރާސާއަކުން ހާމަވެއްޖެ އެވެ.

މި ދިރާސާ ބުނާގޮތުން 2050 ވަނަ އަހަރާ ހަމައަށްދާއިރު މުސްލިމުންގެ އާބާދީ އެންމެ ބޮޑުވާނީ އިންޑިޔާގައެވެ. އަދި ދެވަނައަށް މުސްލިމުންގެ އާބާދީ އެންމެ ގިނަވާނީ މިހާރު މުސްލިމުންގެ އާބާދީ އެންމެ ބޮޑު ގައުމުކަމަށްވާ އިންޑޮނީޝިޔާގައެވެ. ޕެވް ރީޗާސް ސެންޓަރުން ކުރި މިދިރާސާގެ ނަތީޖާއިން ހާމަވާގޮތުގައި ދުނިޔޭގައި އެންމެ ބޮޑަށް ފެތުރެމުންދަނީވެސް އަދި ދާނީވެސް އިސްލާމް ދީނެވެ. އަދި 2050 ވަނަ އަހަރާ ހަމައަށްދާއިރު މުސްލިމުންގެ އާބާދީ 1.6 ބިލިޔަނުން 2.8 ބިލިޔަނަށް އިތުރުވާނެ އެވެ. އޭރުން ދުނިޔޭގައި ނަސާރާއިންގެ އާބާދީއާއި މުސްލިމުންގެ އާބާދީ ދާދިއެއްވަރުވާނެއެވެ. އެހިސާބަށް ދާއިރު ދުނިޔޭގެ އާބާދީގައި ނަސާރާއިންގެ ނިސްބަތް އުޅޭނީ 31 އިންސައްތައިގައެވެ. މުސްލިމުންގެ ނިސްބަތް އުޅޭނީ 30 އިންސައްތައިގައެވެ. ނަތީޖާއެއްގެ ގޮތުން މުސްލިމުންގެ ބާރާއި ނުފޫޒު ދުނިޔޭގައި މިހާރަށްވުރެ މާބޮޑަށްވެސް ގަދަވެގެންދާނެއެވެ.

މިހާރުގެ ހާލަތަށް ބަލާއިރު 2.2 ބިލިޔަން މީހުން (ގާތްގަނޑަކަށް 27 އިންސައްތަ)ގެ އާބާދީއަކާއެކު ދުނިޔޭގައި އެންމެ ގިނައީ ނަސާރާއިންނެވެ. އަދި 1.6 ބިލިޔަން މީހުން (ގާތްގަނޑަކަށް 23 އިންސައްތަ) ގެ އާބާދީއާއެކު ދެވަނައަށް ދުނިޔޭގައި އެންމެ ގިނައީ މުސްލިމުންނެވެ. ނަމަވެސް މުސްލިމުންގެ މެދުގައި ވިހެއުމުގެ ރޭޓް މަތިވެފައި އިސްލާމް ދީނަށް ވަންނަ މީހުންގެ އަދަދު ނިސްބަތުން މަތިކަމުން އާބާދީ އިތުވާ ރޭޓް އެންމެ މަތީ މުސްލިމުންގެ މެދުގައެވެ.

ނަސާރާއިންގެ ތެރެއިން އާބާދީ އެންމެ ބޮޑަށް އިތުރުވަމުންދަނީ އެފްރިކާގެ ގައުމުތަކުގައެވެ. ކޮންމެ އަހަރަކުވެސް އެވެރެޖްކޮށް އެހެން ދީންތަކުގެ ދޮޅު ލައްކައެއްހާ މީހުން އިސްލާމް ދީން އިޚްތިޔާރުކުރާއިރު އެންމެ ގިނަ ބަޔަކު އެދީނުން ބޭރުވާ ދީނަކީ ނަސާރާދީނެވެ. ނަމަވެސް ނަސާރާދީނަށް އަލަށް ވަންނަ މީހުންގެ އަދަދުވެސް މަދެއްނޫނެވެ. މިދިރާސާގައި ދުނިޔޭގެ 175 ގައުމަކުން 2500 މީހުން ބައިވެރިކޮށް އެމީހުންލައްވައި މިކަމާބެހޭ މައުލޫމާތު ފޯމްތައް ފުރުވާފައިވެއެވެ.

މިދިރާސާ ބިނާކޮށްފައިވަނީ އެކިދީންތަކަށް ނިސްބަތްވާ މުޖްތަމައުތަކުގެ އާބާދީ އިތުވާ ރޭޓަށާއި އެމުޖްތަމައުތަކުގެ މީހުން އެހެން ދީންތައް އިޚްތިޔާރު ކުރާ ނިސްބަތުގެ މައްޗަށެވެ.

މިދިރާސާ ބުނާގޮތުން ކުރިޔަށްއޮތް 40 އަހަރު ތެރޭގައި ނަސާރާއިންގެ އަދަދު އެންމެ ބޮޑަށް ދަށަށްދާނީ ޔޫރަޕްގައެވެ. ޔޫރަޕްގައި ނަސާރާއިންގެ އާބާދީ ދަށަށްދަނީ އެމީހުންގެ މެދުގައި ވިހާ ރޭޓް ދަށްވެފައި މުސްކުޅިންގެ އަދަދު އިތުރުވުމުން މަރުވާ ރޭޓް މައްޗަށް ދިޔުމުގެ ސަބަބުންނެވެ. މީގެއިތުރުން އިސްލާމީ ގައުމުތަކުން ކޮންމެ އަހަރަކު އެތަށް ހާސްބަޔަކު ޔޫރަޕަށް ހިޖްރަކުރުމަކީވެސް މުސްލިމުންގެ އާދާބީ ޔޫރަޕްގައި އިތުވަމުންދާ ސަބަބެކެވެ.

ކުރިޔަށްއޮތް ސާޅީހަކަށް އަހަރު ތެރޭގައި ޔޫރަޕްގެ ނަސާރާއިންގެ އަދަދު ފައްސަތޭކަ ފަންސާސް ތިން މިލިޔަނުން ހަތަރު ސަތޭކަ ފަންސާސް ހަތަރު މިލިޔަނަށް މަދުވެގެންދާނެ ކަމަށް އަންދާޒާ ކުރެވިފައިވާއިރު މުޅި ޔޫރަޕްގެ އާބާދީއަށް ބަލާއިރު މި މުއްދަތުގައި ޔޫރަޕްގެ އާބާދީގައި މުސްލިމުންގެ ނިސްބަތް 15 އިންސައްތައަށް އަރާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ. (ނޫސްއެޖެންސީތައް)

comment ކޮމެންޓް