ދުނިޔޭގެ އެންމެ މުސްކުޅި މީހާ އުމުރުން 117 އަހަރުގައި މަރުވެއްޖެ

އޮކާވާ 117 ވަނަ އުފަން ދުވަސް ފާހަގަ ކުރަނީ. ފޮޓޯ: ދަ ހިންދޫ

ދުނިޔޭގެ އެންމެ މުސްކުޅިމީހާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްގައި މިއަދާ ހަމައަށް އޮތް މީހާ މިއަދު މަރުވެއްޖެ އެވެ.

ޖަޕާނަށް އުފަން މިސާއޯ އޮކާވާ މަރުވީ، ޖަޕާނުގެ އޮސާކާގައި ހުންނަ އުމުރުން ދުވަސްވީ މީހުން ބަލަހައްޓާ ގެއެއްގައި މިއަދު ހެނދުނު ކަމަށް ޖަޕާނުގެ ޖަޕާން ޑެއިލީ ނޫހުން ބުންޏެވެ.

ޖަޕާނުގައި 1898 ވަނަ އަހަރު އުފަންވި އޮކާވާ އަކީ އުމުރުން އެންމެ ދުވަސްވީ އަންހެނާގެ ގޮތުގައި ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްއަށް އެރީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. އަދި ދުނިޔޭގެ އެންމެ ދުވަސްވީ މީހާގެ ރެކޯޑް ހަމަ އެއަހަރުގެ އޮގަސްޓްމަހު އޭނާއަށް ލިބުނެވެ.

އޮކާވާ 1919 ވަނަ އަހަރު މީހަކާ ކައިވެނިކޮށް ދެ އަންހެން ދަރިންނާއި ފިރިހެން ދަރިއަކު ލިބިފައި ވެއެވެ. އަދި އޭނާ މަރުވި އިރު މުނިމާމަ ކިޔާ ހަތަރު ދަރިންނާއި ހޫރުމާމަ ކިޔާ ހަކުދިން ދުނިޔޭގައި އެބަތިއްބެވެ. އޮކާވާގެ ފިރިމީހާ މަރުވެފައިވަނީ 1931 ވަނަ އަހަރުއެވެ.

comment ކޮމެންޓް