ފުރަތަމަ ފިޔަވަހީގެ ހުރިހާ ދަނޑުތަކެއް އަންނަ މަހު ފަހުކޮޅު ހުޅުވޭނެ: މަލީހު

ބ. އޭދަފުށީގައި ޔޫތު މިނިސްޓްރީން ގާއިމްކުރި ފުޓްސެލް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޖުނައިދު

ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގައި، ރާއްޖޭގެ ދެކުނާއި އުތުރުގައި ގާއިމްކުރަން ނިންމާފައިވާ ހުރިހާ ދަނޑުތަކެއް އަންނަ އޭޕްރިލް މަހުގެ ފަހުކޮޅު، ނުވަތަ މެއި މަހުގެ ކުރީކޮޅު ހުޅުވިގެން ދާނެ ކަމަށް ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އުތުރުގެ ހަތަރު އަތޮޅެއްގައި ގާއިމްކުރެވުނު ފުޓްސެލް ދަނޑުތައް ހުޅުވުމަށް ކުރެއްވި ދަތުރު ނިންމާލުމަށްފަހު، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން މިނިސްޓަރު މަލީހު ވިދާޅުވީ، އަންނަ މަހުގެ މެދުތެރޭ ދެކުނުގައި ގާއިމްކުރެވިފައިވާ 16 ދަނޑެއް ހުޅުވޭނެ ކަމަށާއި، އެހެން ދަނޑުތަކަށް ބޭނުންވާ ޓައިލްސް ވަރަށް އަވަހަށް ރާއްޖެއަށް ގެނެވޭނެ ކަމަށެވެ.

"ދެކުނުގެ 12 ވަރަކަށް ރަށުގައި ހުރި ފުޓްސެލް ދަނޑުތަކަށް ބޭނުންވާ ޓައިލްސް މިހާރު ވަނީ އެ ރަށްތަކަށް ޑެލިވަރ ކުރެވިފައި. އަދި ވަރަށް އަވަހަށް އިންޑިއާގެ ހާއްސަ ޓީމެއް އައިސް އެ ދަނޑު ތަކުގައި ޓައިލްސް އިންސްޓޯލްކޮށް ނިންމާނެ. ޓާގެޓަކީ އަންނަ މަހުގެ 10، ނުވަތަ 15 އެހާތާ ދެކުނުގެ 16 ރަށެއްގެ ފުޓްސެލް ދަނޑުތައް ހުޅުވުން،" މަލީހު ވިދާޅުވިއެވެ.

"އޭގެ އިތުރުން މިހާރު އިތުރު ޓައިލްސް ކޮންޓެއިނަރެއް ވަނީ ރާއްޖެ ގެނެވިފަ. އަދި އިތުރު ދެ ކޮންޓެއިނަރު ވަރަށް އަވަހަށް ރާއްޖެ ގެނެވޭނެ. އެއީ 12 ވަރަކަށް ދަނޑަށް ބެނުންވާ ޓައިލްސް. އެހެންކަމުން އަޅުގަނޑުމެންގެ ޓާގެޓާ އެއްގޮތަށް، އަންނަ މަހުގެ ފަހުކޮޅު، ނޫނީ މެއި މަހު ކުރީކޮޅު ފުރަތަމަ ފިޔަވަހީގެ ހުރިހާ ދަނޑުތަކެއް ހުޅުވިގެން ދާނެ."

އޭގެ އިތުރުން މިނިސްޓަރު މަލީހު ވަނީ ރަށްރަށުގައި ދަނޑުތައް ގާއިމް ކުރުމަށް ދިމާވި އެންމެ ބޮޑު ދަތިކަމަކީ އެ ސަރަހައްދުތަކުން ކޮންޓްރެކްޓަރުން ހޯދުން ކަމަށާއި، ސްޕޯޓްސް އެރީނާގެ ހުރިހާ ޕްރޮޖެކްޓެއްވެސް ކުރިއަށް ގެންދަނީ އެ އުސޫލުގެ މަތިންކަން ފާހަގަކުރައްވައިފައެވެ.

"ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ މައިގަނޑު ޗެލެންޖަކީ ލޮޖިސްޓިކްސް. އަދި ހާއްސަކޮށް އަތޮޅު ތެރެއިން ކޮންޓްރެކްޓަރުން ހޯދުން. އެކަމުގަ ގިނަ ދަތިތަކެއް އެބަހުރި. މި މަޝްރޫ ކުރިއަށް ގެންދިޔުމުގައި އަޅުގަނޑުމެން ބަލާފައި ވާނީ އެ ރަށްތަކަށް އިސްކަން ދީގެން އެ ރަށަކުން ކޮންޓްރެކްޓަރުން ލިބޭތޯ. މިހާރު ސްޕޯޓްސް އެރީނާގެ ބާކީ ހުރި ޕްރޮޖެކްޓުތައްވެސް އަޅުގަނޑުމެން މި ކުރިއަށް ގެންދަނީ އެ އުސޫލުގެ މަތިން،" މަލީހު ވިދާޅުވިއެވެ.

ވޭތުވެދިޔަ ތިން ދުވަސްތެރޭ ރ. އަލިފުއްޓާއި ދުވާފަރު، އަދި ބ. އޭދަފުއްޓާއި ނ. ހޮޅުދޫގައި ގާއިމްކުރެވިފައިވާ ފުޓްސެލް ދަނޑުތައް ހުޅުވާފައި ވާއިރު، މިނިސްޓަރު މަލީހު ވިދާޅުވީ އެ ދަނޑުތައް ހުޅުވިގެން ދިޔުމުން ސަރުކާރުގެ ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ޒުވާނުންގެ ބޮޑު ތަރުހީބެއް އޮތްކަން ފާހަގަވެގެން ދިޔަ ކަމަށެވެ.

"އުތުރުގައި ގާއިމްކުރެވިގެން ދިޔަ ދަނޑުތައް ހުޅުވުމުން، ސްޕޯޓްސް އެރީނާ ޕްރޮޖެކްޓަށް ޒުވާނުންގެ ބޮޑު ތަރުހީބެއް އޮތްކަން ފާހަގަ ވެގެން ގޮސްފި. މިހާރު ހުޅުވިގެން އެ ދިޔަ ދަނޑުތަކުގެ ބޭނުން ހިފަން މިހާރުވެސް އެ ރަށްރަށުގެ ޒުވާނުން ތިބީ ކިއުގައި. އެ ދަނޑުތަކުގައި ކުޅުމަށް ޒުވާނުން ކެތްމަދުވެފައި ތިބިކަން އަޅުގަނޑުމެންނަށް ފަހަގަވެގެން ދިޔަ،" މަލީހު ވިދާޅުވި އެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓުގެ ފުރަތަމަ ފިޔަވަހީގެ ދަށުން، ގާތްގަނޑަކަށް 36 ރަށެއްގައި ފުޓްސެލް ދަނޑު ގާއިމްކުރުމުގެ މަސައްކަތް މިހާރު ކުރިއަށް ދާއިރު، ދެވަނަ ފިޔަވަހީގައި އިތުރު 40 ރަށެއްގައި ދަނޑުތައް ގާއިމް ކުރަން ނިންމާފައި ވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް