ޖަމިއްޔަތުއް ސަލަފްގެ "ރިޙުލާ" ޕްރޮގްރާމް ނިންމާލައިފި

ރިޙުލާ ޕްރޮގްރާމްގައި ޑރ. އިޔާދު ށ. ފުނަދޫގައި ދަރުސް ދެއްވަނީ. ފޮޓޯ: ޢަލީ ރަމީޒު ( ޖަމިއްޔަތުއް ސަލަފް)

ޖަމިއްޔަތުއް ސަލަފުން މީހުން ހޭލުންތެރިކުރުވުމަށް ށ. އަތޮޅުގައި ހިންގި ޕްރޮގްރާމްތައް ހޮނިހިރު ދުވަހު ނިންމާލައިފި އެވެ.

" ރިޙުލާ"ގެ ނަމުގައި އެޖަމިއްޔާއިން ހިންގި ޕްރޮގްރާމްގައި ށ. އަތޮޅުގެ ރަށްތަކުގައި ޖުމްލަ 104 ހަރަކާތެއް ހިންގާފައިވާ ކަމަށް އެޖަމިއްޔާއިން ބުންޏެވެ. އެގޮތުން ހިންގި ހަރަކާތްތަކުގެ ތެރޭގައި އިސްލާމީ އަގީދާ ދަސްކޮށްދިނުމަށް ހިންގި " އަގީދާ ވޯކްޝޮޕް"ތަކާއި ކަށުކަމާކެމީގެ ކަންތައްތައް ދަސްކޮށްދިނުމުގެ ވޯކްޝޮޕްތަކާއި އިސްލާމީ ތައުލީމާއި ބެހޭ ވޯކްޝޮޕްތައް ހިމެނެއެވެ.

ދީނީ ކަންކަމާ ބެހޭ ވޯކްޝޮޕްތަކުގެ އިތުރުން މަސައްކަތްތެރިކަމާއި ބެހޭ ވޯކްޝޮޕްތަކާއި ސިއްހީ ކަންކަމާ ބެހޭ ވޯކްޝޮޕްތަކާއި ސިއްހީ ބައެއް ހިދުމަތްތައް ދިނުން ވެސް ސަލަފުން ށ. އަތޮޅުގައި ހިންގިއެވެ. އެގޮތުން ހިންގި ހަރަކާތްތަކުގެ ތެރޭގައި އިންބޯޑް އަދި އައުޓްބޯޑް އިންޖީނު މަރާމާތު ކުރަން ދަސްކޮށްދިނުމުގެ ވޯކްޝޮޕްތަކާއި ހިތުގެ މައްސަލައެއް ( ހާޓް އެޓޭކެއް) ޖެހުން ފަދަ ކަމެއް ކުރިމަތިވާ މީހަކަށް އެހީތެރިވާނެ ގޮތް ދަސްކޮށްދިނުން ހިމެނެއެވެ.

ސިއްހީ މައުލޫމާތު ދިނުމާއި ސިއްހީ ބައެއް ހިދުމަތްތައް ދިނުމުގެ ކަންތައްތައް ކުރިއަށް ގެންގޮސްފައި ވަނީ ކަށީގެ ބަލިތަކަށް ހާއްސަ ، ރާއްޖޭގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޔޫސުފް ޝާންއާއި އަހުމަދު ޒިޔާން ނަމަކަށް ކިޔާ ޑޮކްޓަރެކެވެ.

ރިހުލާ ޕްރޮގްރާމްގައި ހިމެނޭ ދީނީ ނަސޭހަތް ދިނުމުގައި މަދީނާގެ މަސްޖިދުއް ނަބަވީގެ މުދިމު ، ޑރ. އިޔާދު ބިން ޢަބާސް ޝުކުރީ ބައިވެރިވަޑައިގެންނެވިއެވެ. ޑރ. އިޔާދު ވަނީ ދީނީ ނަސޭހަތް ދެއްވުމުގެ އިތުރުން ށ. އަތޮޅުގެ ބައެއް މިސްކިތްތަކުގައި ބަންގި ދެއްވުން ފަދަ ކަންތައްތައް ކުރިއަށް ގެންދަވާފައެވެ.

ރިޙުލާ ދަތުރުގައި ސަލަފްގެ ޓީމުން ވަނީ ށ. އަތޮޅުގައި މީހުން އުޅޭ ހުރިހާ ރައްތަކަށް ދަތުރު ކޮށްފައެވެ. އަދި އެފަދަ އެހެން ދަތުރެއް ކުރުމަށް ސަލަފުން ވަނީ ނިންމާފައެވެ. ނަމަވެސް އެގޮތުން ދަތުރުކުރާނެ އަތޮޅެއް އެޖަމިއްޔާއިން އަދި ކަނޑައެއް ނާޅައެވެ.

comment ކޮމެންޓް