ބްރެޒިލްގެ ރައީސާގެ އިގްތިސާދީ ސިޔާސަތުތައް ފޭލްވެއްޖެކަމަށް ބުނެ ރައްޔިތުން މަގުތަކަށް

ބްރަޒީލިޔާ (މާޗް 16): ބްރެޒިލްގެ ރައީސާ ދިލްމާ ރޮސޭފްގެ ވެރިކަމާ ދެކޮޅަށް އެގައުމުގައި އިއްޔެ ކުރިޔަށް ގެންދިޔަ މުޒާހަރާތަކަކީ 2013 ވަނައަހަރަށްފަހު އެގައުމުގައި ބޭއްވި އެންމެ ބޮޑު މުޒާހަރާތައްކަމަށާއި މިއީ ދިލްމާގެ އިގްތިސާދީ ސިޔާސަތުތައް ފޭލްވެއްޖެ ކަމުގެ އިހްސާސް ކުރެވިގެން ރައްޔިތުން ކުރި ގައުމީ ފެންވަރުގެ މުޒާހަރާތަކެއް ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެފި އެވެ.

ބްރެޒިލްގައި ޝާއިޢުކޮށްފައިވާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުން އިއްޔެގެ މުޒާހަރާތަކުގައި ދެމިލިޔަނަށްވުރެ ގިނަ މީހުން ބައިވެރިވިއިރު މީގެތެރޭގައި ގިނައީ ކުރިން އޭނާއަށް ތާއީދުކުރި ދެޖިންސުގެ ޒުވާނުންނެވެ.

ދިލްމާ ރޮސޭފް ބްރެޒިލްގެ ވެރިކަމަށް އިންތިޚާބުވެވަޑައިގެންނެވީ 2011 ވަނަ އަހަރުއެވެ. ދިލްމާ ވެރިކަމާ ޙަވާލުވެވަޑައިގެންނެވިއިރު ބްރެޒިލްގެ އިގްތިސާދު އޮތީ ވަރަށް ފަހި ދުވެއްޔެއްގައެވެ. އެއީ 2003 ން 2011 އަށް ވެރިކަން ކުރެއްވި ރައީސް ލުއިސް ލޫލާ ޑިސިލްވާގެ ވެރިކަމުގައި އެ ގައުމުގެ އިގްތިސާދަށް ގެންނެވި ހެޔޮބަދަލުތަކާ އަދި އިސްލާޙްތަކުގެ އިތުރުން އިގްތިސާދު ކުރިއެރުވުމަށް އޭނާ ކުރެއްވި ވަރުގަދަ މަސައްކަތްޕުޅުގެ ނަތިޖާއެއްގެ ގޮތުންނެވެ.

ދިލްމާ ރޮސޭފް، 2011 ވަނަ އަހަރު ބްރެޒިލްގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވުމާއެކު އޭނާވެސް އިގްތިސާދީ ކަންކަމަށް ބޮޑު އިސްކަން ދެއްވި އެވެ. އަދި އިގްތިސާދީ އުންމީދީ ރޭވުންތަކެއް ރޭއްވެވިއެވެ. ނަމަވެސް ދިލްމާގެ ހަތަރު އަހަރުގެ ވެރިކަމުގައި ބްރެޒިލްގެ އިގްތިސާދު ވަނީ ކުރިޔަށްވުރެ ބޮޑަށް ދަށަށްގޮސްފައެވެ.

ދިލްމާ ދާދިފަހުންވަނީ ރިޔާސީ ދެވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން ރައީސްކަމުގެ ހުވާކުރައްވާފައެވެ. އެހެން ނަމަވެސް ފާއިތުވި ހަތަރު އަހަރު ތެރޭގައި އެ ގައުމުގައި ވަޒީފާނެތްމީހުންގެ ނިސްބަތް އިތުރުވެ ދިރިއުޅުމަށް ބޭނުންވާ އާންމު ތަކެތީގެ އަގުތައް ބޮޑުވެ އިގްތިސާދު ކުރިއަރާ ރޭޓް ދަށަށްގޮސްފައިވެއެވެ.

މީގެއިތުރުން ސަރުކާރުގެ މުއައްސަސާތަކުގައި ކޮރަޕްޝަން އާދަޔާ ޚިލާފަށް މައްޗަށްދިޔުމުގެ ސަބަބުން އެކަމާމެދު ރައީސާ ދިލްމާއާ ސުވާލުކުރުމަށް، އޭނާއަށް ކުރިން ތާއީދުކުރި ފަރާތްތަކުންވެސް ވަނީ ގޮވާލާފައެވެ.

އިއްޔެގެ މުޒާހަރާގައި ބައިވެރިވި ދެމިލަޔަނަށްވުރެ ގިނަ މީހުންވަނީ ދިލްމާގެ އިގްތިސާދީ ސިޔާސަތުތައް ފޭލްވެއްޖެ ކަމަށްބުނެ އޭނާގެ އިސްތިއުފާއަށް ގޮވާލާފައެވެ. ނަމަވެސް ދިލްމާ އިސްތިއުފާ ދެއްވާނެކަމަށް ނުބެލެވޭކަމަށާއި ވެރިކަން ދޫކޮށްލަންޖެހޭފަދަ ފިއްތުންތަކެއް އޭނާއަށް ނެތްކަމަށް ރިޕޯޓްތައް ބުނެއެވެ.

އިއްޔެގެ މުޒާހަރާތައް ބްރަޒީލިޔާއާއި އެނޫންވެސް ބައެއް ސިޓީތަކުގައި ކުރިޔަށްގޮސްފައިވެއެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު