ހިދުމަތް ދިނުމުގައި ދެމިތިބެން ޖެހޭނީ ރައްޔިތުން ރުހޭ ބަޔަކު: ނައިބު ރައީސް

ރައްޔިތުންނަށް ދެވޭ ހިދުމަތްތަކީ އަމާނާތެއް ކަމަށް ދެކެން ޖެހޭ ކަމަށާއި ރައްޔިތުން ރުހޭ ގޮތަށް ކަންކަން ބައްޓަންކޮށް ރައްޔިތުން ރުހޭ ބަޔަކު ހިދުމަތް ދިނުމުގައި ދެމިތިބެން ޖެހޭނެ ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދޭ ބަޔަކަށް ރައްޔިތުންގެ އިހުސާސްތައް އެނގެން ޖެހޭނެ ކަމަށެވެ. އަދި އިހުސާންތެރިކަމާއެކު ހަރުކަށިނުވެ ރައްޔިތުންނާ މުއާމަލާތު ކުރުމަށް ވެރިންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ކުރި ތަޖުރިބާތަކުގެ އަލީގައި، ބަދަލުތަކެއް ގެންނަން ފެނޭތޯ ނުވަތަ ނޫންތޯ، އެކަން އެގޮތަށް ފެންނަ ކަމުގައި ވާނަމަ އެކަމުގެ ދިރާސާތަށް ކުރެވި އެކަން ކުރަން ޖެހޭ އެކި އެކި މަގާމުތަކުގައި އެކަން ކުރިއަށް ދާނެ، އަދި ކުރިއަށް ގެންދަން ވެސް ޖެހޭނެ،" ޖަމީލު ވިދާޅުވި އެވެ.

ނައިބު ރައީސް ޖަމީލު ވިދާޅުވީ ރާއްޖެ އޮތް ގޮތުން ރައްޔިތުން ހާސިލް ކުރުމަށް ބޭނުންވާ ކަންކަން ހާސިލް ކުރުމަށް ގޮންޖެހުންތަކެއް ހުރި ނަމަވެސް ރާއްޖެ އަށް ލިބިފައިވާ މަދު ވަސީލަތްތައް ބޭނުން ކޮށްގެން ރައްޔިތުން ބޭނުންވާ ކަންކަން ހާސިލް ކުރުމަކީ ނުވާނެ ކަމެއް ނޫން ކަމަށެވެ.

"އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ ރާއްޖެ އޮތް ގޮތަށް ބަލާއިރުގައި ހާސިލުކުރަން ބޭނުންވާ ކަންތައްތަށް ހާސިލްކުރަން ބަލާއިރު، ގިންޖެހުންތަކެއް ވެސް ހުރިކަން، އެކަމު އެއާ އެކީގައި އަޅުގަނޑުމެންނަކީ މާތްﷲ ގެ ތަނަވަސް ރަހުމަތްފުޅުން ގިނަ ނިއުމަތްތަކެއް މިންވަރު ކުރައްވާފައިވާ ގައުމެއް" ނައިބު ރައީސް ވިދާޅުވި އެވެ.

ލާމަރުކަޒީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ދުވަހާ ގުޅިގެން "ކަންގަތި"ގެ ނަމުގައި ވަނީ ހާއްސަ މަޖައްލާއެއް ނެރެފަ އެވެ. މަޖައްލާ އިފްތިތާހުކޮށްދެއްވީ ރަސްމިއްޔާތުގެ ޝާރަފުވެރި މެހެމާނު އަދި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޑރ. މުހައްމަދު ޖަމީލު އަހުމަދު އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު