މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން "ބްލެކްމެއިލް" ކުރި ކަމަށް ބުނާ ގިނަ ބަޔަކު އައްޑޫން ހައްޔަރުކޮށްފި

ސަރުކާރުގެ އިސް އޮފިޝަލުންތަކަކާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އިންޓަނެޓުން ބިރުދައްކައި، "ބްލެކް މައިލް" ކުރާ ކަމަށް ބުނާ މައްސަލައަކާ ގުޅިގެން އައްޑޫ ސިޓީން 10 ވަރަކަށް މީހުން ހައްޔަރުކޮށްފައިވާކަން ސަން އަށް ކަށަވަރުވެއްޖެ އެވެ.

ހިތަދޫން މައުލޫމާތު ދިން މީހަކު ބުނީ، އެ މައްސަލަ ތަހުގީގުކުރަނީ މާލެއިން ގޮސްގެން އުޅޭ ފުލުހުންގެ ޚާއްސަ ޓީމެއް ކަމަށާއި އެކަމަކީ ވަރަށް "ޓޮޕް ލެވެލް"ގައި ކުރާ ކަމެއް ކަމަށެވެ. އަދި މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ސަރުކާރުގެ އިސްވެރިންތަކެއްގެ ފޮޓޯ އާއި ވީޑިއޯ ހުރި ކަމަށް ބުނެ، އެފަރާތްތައް "ބްލެކް މެއިލް" ކުރި 10 ވަރަކަށް މީހުން މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ފޭސްބުކާއި، އެމްއެސްއެން ބޭނުންކޮށްގެންނާއި ޗެޓްކޮށްގެންނާއި ވީޑިއޯކޮށްގެންނާއި ހެކުކޮށްގެން މީހުން ބްލެކްމެއިލްކުރެވިފައި އެބަހުރި. ޔަގީންނުން ވެސް ދިހައަކަށް ވުރެ ގިނަ ތިކަމާ ގުޅިގެން ހައްޔަރުކުރި މީހުން،" ނަން ނުޖެހުމަށް ޝަރުތުކޮށް އޭނާ ވިދާޅުވި އެވެ.

މިކަމާ ގުޅިގެން އައްޑޫ ޕޮލިސް ސްޓޭޝަނަށް ގުޅުމުން ބުނީ، އެ މައްސަލައާ ގުޅޭ އެއްވެސް މައުލޫމާތެއް ދެވެން ނެތް ކަމަށާއި އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅަން ޖެހޭނީ ފުލުހުންގެ މީޑިއާ އޮފިޝަލު ސަބް އިންސްޕެކްޓާ އަހްމަދު ޝިޔާމަށް ކަމަށެވެ.

ޝިޔާމަށް ގުޅުމުން ވިދާޅުވީ، އައްޑޫގައި ފުލުހުން މައްސަލައެއް ތަހުގީގުކުރަމުންދާ ކަމަށެވެ. ނަމަވެސް، އެއީ ކޮން މައްސަލައެއް ކަމާއި އަދި އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ޝިޔާމް ކަށަވަރުކޮށެއް ނުދެއްވި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި ހައްޔަރުކުރި މީހުން މާލެ ގެނައުމަށް ފުލުހުން ދަނީ މަސައްކަތްކުރަމުންނެވެ.

އައްޑޫ އަތޮޅުގެ ކުރީގެ ކައުންސިލާ އަދި މިހާރު އައްޑޫ ސިޓީ ކައުންސިލަށް ހޮވިވަޑައިގެންފައިވާ އަބްދުﷲ ސޯދިގު )ސޯބެ( ވިދާޅުވީ، ފުލުހުންގެ ޚާއްސަ ޓީމެއް އެ ރަށުގައި މިހަފުތާއިން ފެށިގެން ހަރަކާތްތެރިވަމުންދާ ކަމަށާއި ހައްޔަރުކުރި މީހުންގެ ތެރޭގައި މީގެ ކުރިން އޭނާގެ އެމްއެސްއެން އާއި ފޭސްބުކް ހެކުކުރި ކުދިންތަކެއް ހިމެނޭ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ދާދިފަހުން ދިރާގުގެ ނެޓްވޯކަށް ހަމަލަދިން މައްސަލައަކާ ގުޅިގެން ފުލުހުންގެ ޓީމެއް އައްޑޫއަށް ގޮސް، އެ އަތޮޅު މަރަދޫ ފޭދޫ އާއި މަރަދޫން ވަނީ ހަތަރު ޒުވާނަކު ހައްޔަރުކުރުމަށްފަހު މިހާރު ދޫކޮށްލައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު