އެއްގަމު އުޅަނދުފަހަރު އިންޝުއާކުރުން އިތުރު ދެ އަހަރަށް ފަސްކުރުމުގެ ބިލެއް، މަޖިލީހަށް ފޮނުއްވައިފި

14:30


އެއްގަމު އުޅަނދުފަހަރު އިންޝުއާ ކުރުން އިތުރު ދެ އަހަރަށް ފަސްކުރުމަށް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވައިފި އެވެ.


ކުރީގެ ލީގަލް ރިފޯމް މިނިސްޓަރުކަން ކުރައްވާފައިވާ ނަޝީދުގެ އޮފީހުން ނެރުނު ބަޔާނެއްގައި އިއްޔެ ބުނީ އެ އިސްލާހު ފޮނުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ދުއްވާ އެއްގަމު އުޅަނދާ ގުޅޭގޮތުން ތާޑް ޕާޓީ އިންޝުއަރކުރުން ލާޒިމުވާ ތާރީޚު އޭޕްރީލް އެކަކަށް ހަމަވާއިރު، ފައިސާގެ ގޮތުން އާންމު ދިވެހިންގެ އަތްމަތި ދަތި ދުވަސް ވަރަކަށް ދިމާވާތީ ކަމަށެވެ. އަދި އެއްގަމުގައި ދުއްވާ އެއްޗެހި އެކްސިޑެންޓްވުމުން އިންޝުއަރެންސް ލިބިދިނުމުގެ އާންމު އުސޫލުތައް ހިމެނޭ ގަވާއިދެއް އަދިވެސް ސަރުކާރުން އިއުލާންކޮށްފައި ނުވުމުން ކަމަށް ވެސް ނަޝީދުގެ އޮފީހުން ބުނެ އެވެ.


އެ އޮފީހުން އަދި ބުނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ހިނގާ އެކްސިޑެންޓްތަކުގެ ސަބަބުން ގެއްލުން ލިބޭ ފަރާތްތަކަށް ބަދަލުދިނުމުގެ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމުގެ ނިޒާމެއް ރާއްޖޭގެ އެއްވެސް ހިސާބެއްގައި ފުރިހަމައަށް ގާއިމްކުރެވިފައި ނެތި އިންޝުއަރެންސް އިސްކުރުން ހަމައެކަނި ލާޒިމްވެގެން ދިއުން އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ނުވާ ކަމަށެވެ. އަދި އެ އިސްލާހު ހުށަހެޅުއްވި އަނެއް ސަބަބަކީ އިންޝުއަރެންސްގެ އުސޫލު ލާޒިމުކުރުމަށް އޭޕްރީލް އެކެއް އެއީ އެންމެ ރަނގަޅު ވަގުތު ކަމަށް ނުފެންނާތީ، އެ ތާރީޚު އިތުރު ދެ އަހަރު ދުވަހަށް ފަސްކޮށް، އެފަސްކުރެވޭ މުއްދަތުގެ ތެރޭގައި ބައެއް ކަންކަން ކޮށް ނިންމުން ދަޢުލަތަށް ލާޒިމްކުރުން ރަނގަޅުވެދާނެ ކަމުގައި ފެނުން ކަމަށް ވެސް އެ އޮފީހުން ބުނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު