މިއީ އަޅުގަނޑުގެ ވާހަކައެވެ. މިވާހަކަ މިދަންނަވާލަނީ ހަމްދަރުދީ ހޯދާކަށެއް ނޫނެވެ. ލިބުނު ތަޖުރިބާއެއް ޙިއްސާކުރާށެވެ. އަޅުގަނޑުގެ ޒުވާންދައުރުގެ ފަހުކޮޅުގައި މާލޭގައި ހޭދަކުރި ދުވަސްތަކެއްގައި ބައެއްފަހަރު ގެއިން ބޭރުން ދިމާވާ ބައެއްކަންތައްތަކާމެދު ހިތްހަމަނުޖެހި ކަންބޮޑުވުމުން އަޅުގަނޑުގެ އާދައަކަށްވީ ގެއަށް އައިސް ވަގުތުން ލިޔުމެވެ. ބައެއްފަހަރު ވާހަކައެކެވެ. އަނެއްބައި ފަހަރު މަޒްމޫނެކެވެ. އަޅުގަނޑަށް ތަޖުރިބާކުރެވުނީ އެވަގުތުގައި އަޅުގަނޑު ލިޔާ ލިއުން، އަޅުގަނޑު ލިޔާ އެހެން ލިޔުންތަކަށްވުރެ އާދަޔާ ޚިލާފަށް ރަގަޅަުކަމަށެވެ. އަދި އެކަމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއްލިބޭކަމެވެ. މިގޮތަށް އަޅުގަނޑު ލިއުނު ލިއުމުގެ ތެރެއިން، އަޅުގަނޑު ހަނދާންވާގޮތުގައި ޗާޕްކުރެވުނީ އެންމެ ލިއުމެކެވެ. ފަހުން އަޅުގަނޑުގެ މިއާދަ ހުއްޓިއްޖެއެވެ.

އަހަރުތަކަކަށް ފަހު މިފަހަރު އަނެއްކާވެސް އަޅުގަނޑު އިންތިހާ ދަރަޖައަށް ދެރަވި ކަމަކާ ދިމާވިއެވެ. މިކަމުގެ ހައްލެއް ހޯދުމަށް އަޅުގަނޑު މަސައްކަތްތަކެއް ކުރީމެވެ. ވިސްނީމެވެ. ރޭގަނޑު ނުނިދި ހޭލާއޮވެވުނެވެ. ދެރަވެގެންނެވެ. ގޮތްހުސްވެގެންނެވެ. އެންމެފަހުން އަޅުގަނޑު ދިޔައީ އަޅުގަނޑުގެ ދޫކުރެވިފައިވާ އާދައަށެވެ. ލިޔާށެވެ.

އަޅުގަނޑުގެ މަރުޙޫމް ބައްޕަ ދެކެވަޑައިގެންނެވިގޮތުގައި ރަގަޅު ވަޒީފާއެއް އޮތުމަކީ ސަރުކާރުގެ ވަޒީފާއެއް އޮތުމެވެ. އަދި ސަރުކާރުގެ ވަޒީފާއެއްގައި ދިގުމުއްދަތަކަށް ދެމިހުރެވިއްޖެނަމަ ވަކިމުއްދަތެއްގެ ތެރޭގައި ޕެންޝަންވެސް ލިބޭނެތީވެއެވެ.

އަޅުގަނޑު ސަރުކާރުގެ ވަޒީފާއެއް ހޯދީ ކުރިންދެންނެވުނުފަދަ ސަބަބުތަކާއިހުރެއެވެ. ކޮންމެ މީހަކުވެސް މަސައްކަތެއްކުރަނީ އާމްދަނީއެއް ހޯދުމަށެވެ. އޭގެ އިތުރަށް އަޅުގަނޑު މަސައްކަތްކުރީ އުފަލަކަށެވެ. ކުޑަ މުސާރައެއްގައި ވެސް ވަފާތެރިކަމާއި އިޚްލާޞްތެރިކަމާއި އެކުގައެވެ. އަޅުގަނޑުގެ ފުރަތަމަ ދަރިފުޅު އުފަންވާން އަނބިމީހާ ހޮސްޕިޓަލުގައިި އޮތްއިރު، އަޅުގަނޑު އިނީ އޮފީހުގައެވެ. އަޅުގަނޑުގެ ވެރިއާ އަޅުގަނޑު ދޫނުކުރައްވައިގެންނެވެ. ބޭރު ޤައުމެއްގެ މުހިއްމު ބޭފުޅަކު ތަޙްޤީޤެއްކުރައްވަން ވަޑައިގަންނަވައިގެން އެތާގައި އަޅުގަނޑު ކޮންމެހެން ހުންނަންޖެހޭނެ ކަމަށް ވިދާޅުވެގެންނެވެ. މަޣްރިބް ނަމާދުގެ ވަގުތަށް ބައްދަލުވުން މެދުކަނޑާލެވުނުއިރު ނަސީބަކުން އަޅުގަނޑުގެ އަންހެނުން ނުވިހައެވެ. އަޅުގަނޑު ރާއްޖެއިން ބޭރަށް ކުރާދަތުރުތަކުގައި އެނބުރި އަންނައިރު އޮފީސް ހުޅުވާފައިހުރިނަމަ ފުރަތަމަ އަޅުގަނޑުދިޔައީ އޮފީހުގެ މަސައްކަތަށެވެ. ގެއަށްދަނީ އޮފީހުގެ ގަޑި ނިމުނީމައެވެ. އެހެންނަމަވެސް އަޅުގަނޑަކީ ކޮންމެހެން ދާންޖެހިގެންނޫނީ ބަންދުގަޑީގައި އޮފީހަށް ނުކުންނަ މީހެއް ނޫނެވެ. އަޅުގަނޑުގެ ހުސްވަގުތަކީ އަޅުގަނޑުގެ އާއިލާއާއި އެކު ހޭދަކުރާ ވަގުތަށްވާތީވެއެވެ. ހެނދުނު 8.15 ގައި އޮފީހަށްދިޔަ ޒަމާނުގައި އެއްދުވަހަކު އަޅުގަނޑު އޮފީހަށް ދިޔައިރު އަޅުގަނޑުގެ ވެރިޔާ އަޅުގަނޑަށްވުރެ ކުރިން އޮފީހަށް ވަޑައިގެން އިންނެވިއެވެ. އޭރުގެ ޙާލަތުހުރިގޮތުން އަޅުގަނޑުމެންނަށް ތިބެންޖެހުނީ އެއްކޮޓަރިއެއްގައެވެ. އަޅުގަނޑު އޮފީހަށްދާ ގަޑި އަވަސްކުރީމެވެ. އަވަސްކޮށްގެން ދިޔަދުވަހުވެސް އަޅުގަނޑަށްވުރެ ކުރިން އޮފީހުގެ ވެރިޔާ އޮފީހަށް ވަޑައިގެން އިންނެވިއެވެ. ޖެހިގެން އައިދުވަހު، ކުރީދުވަހަށްވުރެވެސް ކުރިން އަޅުގަނޑު އޮފީހަށް ދިޔައީމެވެ. އެހާކުރިން އޮފީހަށް އަންނަނީ ކީއްވެތޯ އެދުވަހު އަޅުގަނޑުގެ ކައިރިން އެއްސެވިއެވެ. އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑުގެ ވެެރިޔާ އަޅުގަނޑަށްވުރެ ކުރިން އޮފީހަށް ވަޑައިގަންނަވާތީވެއެވެ. އޭނާ ވިދާޅުވީ އޭނާ އެގޮތަށް ހައްދަވަނީ ކުރިން މަސައްކަތްކުރައްވަން ޖެހިވަޑައިގަންނަވާ އޮފީހެއްގެ މަސައްކަތް ކުރިން ނިންމަވާލެއްވުމުންކަމަށެވެ. އެހެންނަމަވެސް އޭގެފަހުން އޮފީސް ރަސްމީގޮތުން ހުޅުވަންޖެހޭ ގަޑީގެ ކުރިިން އޭނާ އަޅުގަނޑުމެންގެ އޮފީީހަށް ވަޑައެއްނުގަންނަވައެވެ.

އަޅުގަނޑު ސަރުކާރުގައި މަސައްކަތްކުރާތާ ވިހި އަހަރުފުރުމުން އަޅުގަނޑަށް ޕެންޝަންލިބުނެވެ. އޭރު މީހުންނަށް ލިބޭ މުސާރައާއި ޕެންޝަނާއި އަޅާބަލާލާއިރު އަޅުގަނޑަށް ލިބުނީ ރަގަޅު ޕެންޝަނެކޭ ދެންނެވިދާނެއެވެ. އަޅުގަނޑު ސަރުކާެރުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ވަޒީފާ އަދާކުރީމެވެ. 2008 ވަނަ އަހަރު ދައުރު ބަދަލުވުމާއިއެކު އަޅުގަނޑުގެ ވަޒީފާ ގެއްލުނެވެ. 2010 ވަނަ އަހަރުގެ ފަހުކޮޅުގައި އަޅުގަނޑަށް ޕެންޝަން ލިބުން ހުއްޓިއްޖެއެވެ. އަޅުގަނޑަށް ޕެންޝަން ނުލިބޭ ސަބަބެއް ހޯދުމަށް ކަމާއިބެހޭ އޮފީސްތަކުގައި ދެންނެވުމުން ވިދާޅުވީ ޤާނޫނުގައި ވާގޮތުން އަޅުގަނޑަށް ޕެންޝަން ލިބުން ހުއްޓުނީކަމަށެވެ. ދެން އަޅުގަނޑަށް ލިބޭނީ ސަރުކާެރުން ދެއްވާ ޚާއްޞަ އިނާޔަތްކަމަށެވެ. އެކަމަށް އެދި ފޯމެއް ހުށައެޅުމުން، އެކަމަށް ޝަރުތު ފުރިހަމަވާނަމަ ދެއްވާ ދެހާސް ރުފިޔާއެވެ. ޤާނޫނުގައި އޮންނަނީ އެހެންނޯލައެވެ.

އަޅުގަނޑު ފަހަށް ރައްކާކުރުުމަށްކުރި މަސައްކަތްދިޔައީ ފެނަށެވެ. އަޅުގަނޑަށް ޕެންޝަން ބޭނުންވިދުވަހު އަޅުގަނޑަކަށް ޕެންޝަނެއް ނުލިބުނެވެ. ޕެންޝަނަށް ލިބޭ ފައިސާއަކީ ކުޑަ އެއްޗެކެވެ. އަޅުގަނޑުމެންގެ ގޭގެ ޚިދުމަތުގެ ބިލްތަކަށް ފައިސާ ދެއްކުމުން ބާކީ އެއްޗެއް ނޯވެވެސް ހިގައިދާނެއެވެ. އެހެންނަމަވެސް އެފައިސާ މުހިއްމީ އެވެ. އެއީ ހަޔާތުގެ ދާއޮހުރުވުމާއި އުދަގުލާއި ދަތިކަމުގެ އުފާވެރި ފަހު ނަތީޖާކަމަށް ދެކޭތީވެއެވެ.

އުމުރުން ސަތޭކަ އެތަކެއް އަހަރުވެފައިވާ އަޅުގަނޑުގެ ބޮޑުބޭބޭ ދުނިޔޭގައި ހުންނެވިއިރު އޭނާއާއި ބައްދަލުކުރަން އަޅުގަނޑު ދާދުވަސްދުވަހު ހޭވެރިކަމެއްހުރިއްޔާ އަޅުގަނޑުކުރެން ބޮޑުބޭބެގެ ޕެންޝަނުގެ ފައިސާ ލިބެމުންދޭތޯ އައްސަވައެވެ. ބޭބެގެ ދަރިން އެފައިސާ ހޯއްދަވާ ވާހަކަ އަޅުގަނޑު ދަންނަވަމެވެ. ވަރަށް ކުޑަކުޑަ އެއްޗެކެވެ. އެސުވާލުގެ މުހިއްމުކަން މިހާރު އަޅުގަނޑަށް އިޙްސާސްވެއެވެ. އެއީ ޕެންޝަނަށް ލިބޭ ފައިސާއެއް ނޫނެވެ. އެއީ މީހެއްގެ ޤަދަރެވެ. ނަފްސުގެ ޢިއްޒަތެވެ. ޙަޔާތުގެ މިންނަތެވެ. ކެތްތެރިކަމެވެ. ބުރަ މަސައްކަތުގައި އޮހޮރުވުނު ދަލެވެ. ކުރެވުނު ޤުރުބާނީއެވެ. މަސައްކަތާއި ވަކިވުމުގެ ވަދާޢީ ހަދިޔާއެވެ. އުފާވެރި ދުވަސްތަކެއްގެ ހަނދާންތަކެވެ. އެފައިސާ އެހާ މުހިއްމީ އެހެންވެގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް