އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ ޢަބްދުލްކަލާމާ ރައީސް ބައްދަލުކުރައްވައިފި

14:30


އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ އޭ.ޕީ.ޖޭ ޢަބްދުލްކަލާމާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ބައްދަލުކުރައްވައިފި އެވެ.


އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް އެ ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރެއްވި ކަމަށްޓަކައި ޑޮކްޓަރ ޢަބްދުލްކަލާމަށް މަރްޙަބާ ވިދާޅުވެ، ޝުކުރު އަދާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަނީ ވަރަށް ޒަމާންވީ ގާތް ރަޙްމަތްތެރި ގުޅުމެއްކަން ފާހަގަކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނޭ.
ޑޮކްޓަރ ޢަބްދުލްކަލާމް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ ފުރަތަމަ ކާބަން ނިއުޓްރަލް ޤައުމަށް ހެއްދެވުމަށް ރައީސް ހުށަހަޅުއްވާފައިވާ ތަޞައްވުރަށް މަރުޙަބާ ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މި ތަޞައްވުރު ޙަޤީޤަތަކަށް ހެދުމުގައި ރާއްޖެއިން ގެންގުޅުއްވިދާނެ ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭ ސިޔާސަތުތަކާ ބެހޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ. އަދި ރާއްޖެ ކާރބަން ނިއުޓްރަލް ޤައުމަކަށް ހެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވާ ތަޞައްވުރުގެ މައްޗަށް ބިނާކުރައްވައި، ޑޮކްޓަރ ޢަބްދުލްކަލާމް ތައްޔާރު ކުރައްވާފައިވާ ޕްރެޒެންޓޭޝަނެއް ރައީސް އަށް ހުށަހެޅުއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
މި ބައްދަލުކުރެއްވުމަށްފަހު، ޑޮކްޓަރ އޭ.ޕީ.ޖޭ. ޢަބްދުލްކަލާމް، ރައީސްގެ ޕޮލިޓިކަލް އެޑްވައިޒަރ ޙަސަން ޢަފީފާއި، ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާ ބައްދަލުކުރައްވައި އެބޭފުޅުންގެ ދާއިރާތަކާ ބެހޭ މަޢުލޫމާތު ހޯއްދެވި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އަދި މި ދާއިރާތަކުގެ މަސައްކަތްތަކާ ބެހޭގޮތުން އެމަނިކުފާނުގެ ޚިޔާލުފުޅު ވަޒީރުންނާއެކު ޙިއްޞާ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުނެ އެވެ.
އިންޑިޔާގެ ކުރީގެ ރައީސް ޑޮކްޓަރ ޢަބްދުލްކަލާމް، ރައީސްގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތީ އިއްޔެ މެންދުރު އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު