ކޮންމެވެސް އެއްޗެއް ދެއްވާ!

"މިހާރު ދެން މީ ހާދަ ބޮޑުވެއްޖެކަމެކޭ. ގައިބާރު ހުރި ޒުވާން ކުދީން ވެސް ސަލާންޖެހުން ހާދަ ބޮޑަށް އާންމު ވެއްޖޭއޭ!" އެއް ދުވަހަކު ރައްޓެއްސަކު ނުރުހުމުގެ ރާގުގައި ބުނެލިއެވެ.

އެކުވެރިޔާގެ މި ޖުމުލައާއެކު ހަނދާނުގެ ވާފަށަށް ދަމައިލީ އެއްދަވަހަކު ދިމާވި ހެއްވާ ކަމެކެވެ. ވިޔަފާރިވެރީންގެ މިސްކިތުން އަސުރުނާމަދުގެ ވާޖިބު އަދާކޮށްލައިގެން ފައިބައި، ސައިކަލާ ދިމާއަށް ހަމަ ހިނގައިގަތްތަނާ، ފަހަތުން މީހަކު އައިސް އަރައި ހަމަކޮށްފިއެވެ. ބޮލުގައި އޮތް ތާކިހަލުން ހެކިދެނީ، އޭނާ ވެސް އެ ފޭބީ މިސްކިތުންކަމެވެ. އަރައި ހަމަކޮށްފައި، ސަލާމަށް އަތްދިކޮށްލައިފިއެވެ. ސަލާންކޮށްލާން ދިއްކޮށްލި އަތުގައި ހިފުމާއެކު ފެށީ އަޅުގަނޑަށް ހެޔޮދުޢާ ކުރާށެވެ. ހެޔޮރަޙުމަތް ލެއްވުމަށް އެދިއެވެ. ދިގުއުމުރެއް ދެއްވުމަށް އެދިއެވެ. ބާއްޖަވެރި ދުވަސްތަކަކަށް އެދިއެވެ. ނަރަކައިން ދިންނެވުމަށް އެދިއެވެ.

މިހެން ގޮސް ދެން ކިޔާނެކަމެއް ނެތެވެ. ރަނގަޅު ހުރިހައި ކަމަކަށް ހެޔޮދުޢާކޮށްފިއެވެ. ފަރިތަކަމާއެކުގައެވެ. އަޅުގަނޑަށް ހުރެވުނީ ބަސްހުއްޓި އޭނާގެ މޫނަށް ކަޅި ހުއްޓާލައިގެންނެވެ. އެންމެފަހުން ނިންމާލީ "ސައިތައްޓެއް ބޮއިލާން ވިހިރުފިޔާ ދީބަލާށޭ" ބުނަމުންނެވެ. ހިނި ވެސް އައެވެ. އެމީހާއަށް ވިހިރުފިޔާ ދީފައި ހިނގައިގަތްއިރު ހިތަށް އެރިއެވެ. ހާދަހާ "އެޑްވާންސް" ވެއްޖެއެވެ. މިއީ ވެސް ސަލާންޖެހުމުގެ އާ އުކުޅެއްތާއެވެ. ޒަމާނީ ސަލާން ޖެހުމުގެ އާ ފާޑެއްތާއެވެ.

މިއަދު މާލޭގައި ޒަމާނީ ސަލާން ޖެހުން މިވަނީ ވަރަށް ބޮޑު މައްސަލައަކަށް ވެފައެވެ. ކުރީގައި ސަލާންޖަހަން މަގުމައްޗަށް ނުކުމެ އުޅޭތަން ފެންނަނީ، ގައިބާރު ދެރަވެފައި ތިބި، ދުވަސްވީ މީހުންނެވެ. ނޫންނަމަ ކޮންމެވެސް ކަހަލަ ނުކުޅެދުމެއް ހުރި މީހެކެވެ. އެހެންނަމަވެސް މިއަދު މަންޒަރު ވަނީ ބަދަލުވެފައެވެ. މިއަދު މިކަމުގައި އުޅޭތަން ގިނައިން ފެންނަނީ، ހަށީގައި ވަރުހުރި، ނޫކަށި ފުރައިގެ ޒުވާނުންނެވެ. ސައިތައްޓެއް ބޮއިލާން ވިހި ރުފިޔާ، ނުވަތަ އެހެން ކޮންމެވެސް އެއްޗެއް ގަނެލާން ފަންސާސް ރުފިޔާ ދީބަލާށޭ ބުނެލާކަށް ޖެހިލުމެއް ނުވެއެވެ.

އަދި މުޅީން އައު ބާވަތަކަށް ސަލާންޖަހައި އުޅޭ މީހުންނާ ވެސް އެބަ ދިމާވެއެވެ. ކޮންމެވެސް މީހަކު ބަލިވެގެން، ނޫންނަމަ ތިމާގެ ބަލިހާލު ބޮޑުވެގެން އެކަމަށް އެހީއަށް އެދި "ދޮރުން ދޮރަށް" ހިނގާ މީހުންނެވެ. ގަބޫލުކުރަމެވެ. މަޖުބޫރީ ހާލަތުގައި ނިކުމެ އުޅޭ މީހުން ވެސް އުޅޭނެއެވެ. އެހެންނަމަވެސް ހިތަށް އަރަނީ މިއަދު މާލެތެރެއަށް ގިނަވެގެން މިއުޅޭ "ފަޤީރުންނަކީ" ހަމަ މިފަދަ ނިކަމެތި ހާލުގައި އުޅޭ މީހުންބާވައެވެ؟

ދާދި ފަހުން ދުވަހަކު ރައްޓެއްސަކާއެކު ސައިތަށްޓެއް ބޮއިލާން ކެފޭއެއްގެ މޭޒު ދޮށުގައި ޖައްސާލައިފީމެވެ. ރަނގަޅަށް ހަމަޖެހި ނުލެވި އުޅެނިކޮށް، އަނގަމަތީގައި "މާސްކެއް" އަޅާފައި ހުރި ޒުވާން ފިރިހެން ސޮރަކު ވަދެއްޖެއެވެ. އަތުގައި އޮތް ފައިލުގައި ހުރީ ޑޮކްޓަރުގެ ރިޕޯޓުތަކެކެވެ. ފަހަރަކު މޭޒެއްގެ ދޮށަށް ހުއްޓި އެދެނީ ފައިސާއަށެވެ. ސަބަބަކަށް ދައްކަނީ އަތުގައި އޮތްފައިލެވެ. ބައެއް މީހުން ފައިސާދޭތަން ވެސް ފެނެއެވެ.

ކުއްލިއަކަށް އިވުނީ އެތަނުން މޭޒެއްގެ ދޮށުގައި އިން މީހަކު ހަޅޭއްލަވައިގަތް އަޑެވެ. އޭނާއަށް ފައިސާ ނުދޭށޭ ކިޔާފައެވެ. އޭނާގެ ވާހަކައިން އެނގުނީ އެއީ ބަލިމީހެއް ނޫންކަމެވެ. އެގޮތަށް އެކަން އޭނާ ކުރާތާ އެތައް މަހެއް ވެއްޖެކަމެވެ. އެއީ މަސްތުވާތަކެތި ބޭނުންކުރާ މީހެކޭ ވެސް ބުންޏެވެ. ފާހަގަކުރެވުނު އެއްކަމަކީ އޭނާ އެހެންކިޔައި ހަޅޭއްލަވާން ފެށުމުން، އެމީހާ ވެސް އެއްޗެއް ނުބުނެ، އަވަސް އަވަހަށް އެތަނުން ނިކުމެގެން ދިޔަކަމެވެ.

މިއީ ވެސް މިއަދު ގައުމުގެ ރައްޔިތުން ހޭ އަރައި ވިސްނާންވެއްޖެ ކަމެކެވެ. ބުރަމަސައްކަތުން ހޯދާ ކުޑަ ފައިސާކޮޅު، މިފަދަ ވިޔާނުދާ އަމަލުތައް ކުރާ މީހުންނަށް "ޞަދަޤާތް" ކުރުމަކީ ހުރިހައި ގޮތަކުން ވެސް ހުރި ބޮޑު ގެއްލުމެކެވެ. ފަހަރެއްގައި ވެސް މި ބުނަނީ ﷲ ގެ މަގުގައި ހޭދަ ނުކުރާށެކޭ ނޫނެވެ. ނިކަމެތީނަށް އަޅައިނުލާށެކޭ ވެސް ނޫނެވެ. އެހެންނަމަވެސް އެފަދަ މީހުންނާމެދު މިހާރަށްވުރެ ބޮޑަށް ސަމާލުވާށެވެ. ދޮރުގައި ޓަކި ޖަހާލާފައި ދިއްކޮށްލާ ކޮންމެ ސިޓީއަކީ އަސްލެއް އޮތް ސިޓީއަކަށް ނުވެދާނެއެވެ. ކުރިމައްޗަށް އަރައި ދިއްކޮށްލާ ކޮންމެ އަތަކީ ނިކަމެއްޗެއްގެ އަތަކަށް ވެސް ނުވެދާނެއެވެ. އެފަދަ ސިޓީއަކަށް ނުވަތަ އަތަކަށް އިތުބާރުކޮށް ދިއްކޮށްލެވޭ ފައިސާފޮއްޗަކީ، ގައުމުގައި ހިންގާ ބޮޑު ޖަރީމާއަކަށް ވެދެވޭ އެހީއަކަށް ވުމަކީ ވެސް ދުރުގައި އޮތް ކަމެއް ނޫނެވެ.


ގުޅޭ ޓެގު
comment ކޮމެންޓް